ހދ. ޓީޗާ ރިސޯސް ސެންޓާ (ޓީއާރުސީ) އިން އިސްނަގައިގެން، އެ އަތޮޅު ތައުލީމީ މަރުކަޒާއި އިމާދުއްދީން ސްކޫލް ގުޅިގެން މިއަހަރުގެ އޯޓިޒަމް އެވެއާނެސް ޑޭ ކުޅުދުއްފުށީގައި ފާހަގަކުރަން ނިންމައިފި އެވެ.

އޯޓިޒަމް އެވެއާނެސް ޑޭ ކުޅުދުއްފުށީގައި ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ ދެ ވަނަ ދުވަހު އެވެ. އަދި އެދުވަހު ކުޅުދުއްފުށީގައި ހާއްސަ ފެސްޓިވަލެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

އޯޓިޒަމް އެވެއާނެސް ޑޭ ބޭއްވުމުގެ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވާ ކޯޑިނޭޓަރު އަބްދު ރަޝީދު ސައީދު ވިދާޅުވީ، އޯޓިޒަމް އެވެއާނެސް ޑޭ ކުޅުދުއްފުށީގައި ބޭއްވުމަށްޓަކައި މިހާރުވެސް ތަފާތު ގިންތީގެ ފަރާތްތަކުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ. އެގޮތުން ރާއްޖޭގެ ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގުގެ ހަތް ނަމްބަރު ޖާޒީ ވަނީ ރާއްޖޭގެ އޯޓިޒަމް ކުދިންނަށް ހަދިޔާކޮށްފައި ކަމަށެވެ. އަދި މިއަހަރުގެ އޯޓިޒަމް އެވެއާނެސް ޕުރޮގްރާމް ރާވައި ހިންގާ ހދ. ޓީއާރުސީ އިން ދަނގަޑޭގެ ޖާޒީ ނީލަންކިޔައިގެން ލިބޭ ފައިސާ އޯޓިޒަމް ކުދިންނަށް ހަދިޔާކުރުމަށް ނިންމާފައިވާކަމަށް ވެސް ސައީދު ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ، ދަނގަޑޭގެ ޖާޒީގެ ނީލަން ރަސްމީގޮތުން ފެށިގެންދާނީ ހދ. އަތޮޅު ތައުލީމީ މަރުކަޒުގެ 35 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބާއްވާ ހަފްލާގައި ކަމަށާއި އަދި އެނީލަން ފެށިގެންދާނީ 35،000ރ. އަށް ކަމަށް ސައީދު ވިދާޅުވި އެވެ. އަދި ނީލަން ކުރިއަށްދާނީ މިމަހުގެ ނިޔަލަށް ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.