03 Mar 2014, 10:30
ކިޔޭވް (މާޗް 3) : ރަޝިޔާ ދަރިކޮޅުގެ އަޣްލަބިއްޔަތު އޮންނަ ޔުކްރޭންގެ ސަރަހައްދެއް ކަމަށްވާ ކްރައިމިޔާ ޕެނިންސިއުލާގެ ރައްޔިތުންގެ ގިނަބަޔަކު ޔުކްރޭންގެ ދަށުގައި އެސަރަހައްދު އޮތުމަށް ބޭނުންނުވާ ކަމަށާއި އެމީހުން އެދެނީ ޔުކްރޭނުން ވަކިވެ މުސްތަގިއްލު ދައުލަތަކަށް ވުމަށް ކަމަށް އެސަރަހައްދުގެ ޕާލަމެންޓްގެ ރައީސް ވްލަޑިމޭރު ކުންސްތަންތިނޯވް ވިދާޅުވެއްޖެ އެވެ.
އޭނާ ވިދާޅުވީ ކްރައިމިޔާ ސަރަހައްދުގެ ގިނަ ރައްޔިތުން ބޭނުންވަނީ ޔުކްރޭނުން ވަކިވެގަނެ މިނިވަންވުން ކަމަށާ އަންނަ މާޗްމަހުގެ 30 ވަނަ ދުވަހު މިކަމާބެހޭގޮތުން ރައްޔިތުން ދެކޭގޮތެއް ބެލުމަށްޓަކައި ފެންނަ ނުފެންނަ ވޯޓެއްނެގުމަށް ހަމަޖެހިފައިވާ ކަމުގަ އެވެ.
ކްރައިމިޔާ ޕެނިންސިއުލާއަކީ 1954 ވަނަ އަހަރާ ހަމައަށް ރަޝިޔާގެ ސަރަހައްދެއްގެ ގޮތުގައިއޮތް ތަނެކެވެ. އެ ސަރަހައްދު ޔުކްރޭންގެ ބައެއްގެ ގޮތުގައި ހަމަޖެއްސެވީ ކުރީގެ ސޮވިއެޓް ޔުނިޔަންގެ ރައީސެއް ކަމަށްވާ ނިކޮލައި ޚުރުސްޗޯވް އެވެ. ޚުރުސްޗޯވް އަކީ ޔުކްރޭންގެ ދަރިކޮޅުގެ ބޭފުޅެކެވެ.
ޔުކްރޭނާއި ރަޝިޔާއަކީ 1991 ވަނަ އަހަރު ރޫޅިގެންދިޔަ ކުރީގެ ސޮވިއެޓް ޔުނިޔަން އެކުލެވިގެންވި 15 ޖުމްހޫރިއްޔާގެ ތެރޭގައި ހިމެނޭ އެންމެ ބާރުގަދަ އަދި އެންމެ ބޮޑު ދެގައުމެވެ. ކުރީގެ ސޮވިއެޓް ޔުނިޔަން ރޫޅިގެންގޮސް 1991 ވަނަ އަހަރު ޔުކްރޭނަށާއި ރަޝިޔާ އަށް މިނިވަންކަން ލިބިގެން ދިޔައިރު ކްރައިމިޔާ ޕެނިންސިއުލާ އޮތީ ޔުކްރޭންގެ ބައެއްގެ ގޮތުގަ އެވެ.
ހުޅަނގަށް ތާއީދުކުރާ ޔުކްރޭންގެ ގައުމީ ހިޔާލުގެ ޖަމާއަތްތައް ގުޅިގެން، މިދިޔަ ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހު ޔުކްރޭންގެ އިންތިހާބީ ރައީސް ވިކްޓާ ޔަނަކޮވިޗްގެ ވެރިކަން ވައްޓާލުމަށްފަހު އެގައުމުގައި އުފައްދާފައިވާ ހުޅަނގަށް ތާއީދުކުރާ ސަރުކާރުގެ ދަށުގައި ތިބެން ކްރައިމިޔާ ޕެނިންސިއުލާގެ ގިނަ ރައްޔިތުން ބޭނުންނުވާ ކަމަށް ހަބަރުތައް ބުނެއެވެ.
ކްރައިމިޔާގެ އާބާދީގެ އަޣްލަބިއްޔަތަކީ ޔުކްރޭންގެ މިހާރުގެ ސަރުކާރުގެ ދަށުގައި ތިބެން ބޭނުންނުވާ ރަޝިޔާ ނަސްލުގެ ރައްޔިތުން ކަމަށްވާއިރު އެސަރަހައްދު، ޔުކްރޭނުން ވަކިވެގަތުމާބެހޭގޮތުން ނެގުމަށް ހަމަޖެހިފައިވާ ވޯޓުގެ ނަތީޖާ ދާނީ ރަޝިޔާ ނަސްލުގެ ރައްޔިތުން އެދޭގޮތަށް ކަމަށް ބެލެވޭކަމަށް ތަޖްރިބާކާރުން ދެކެއެވެ. އެހެންކަމުން ކްރައިމިޔާ ޕެނިންސިއުލާ، ޔުކްރޭނާ ވަކިވެ މިނިވަންކަން އިއްލާންކުރުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ. ރަޝިޔާގެ ސެނެޓުންވަނީ ކްރައިމިޔާ ސަރަހައްދުފަދަ ޔުކްރޭންގެ ބައެއް ސަރަހައްދުތަކުގައި ދިރިއުޅޭ ރަޝިޔާ ނަސްލުގެ ރައްޔިތުން ހިމާޔަތްކުރުމާއި ކަޅުކަނޑުގައިވާ ރަޝިޔާގެ ކަނޑުގެ ފްލީޓް ސަލާމަތްކުރުމަށްޓަކައި އެގައުމުގެ ސިފައިން ޔުކްރޭނަށް ފޮނުވުމުގެ ހުއްދަ ރައީސް ވަލްޑިމޭރު ޕޫޓިންއަށް ދީފަ އެވެ.
މިއާއެކު ޕޫޓިންވަނީ އެއްސަބަބަށްވުރެ ގިނަ ސަބަބުތަކާ ގުޅިގެން ރަޝިޔާ ސިފައިން ޔުކްރޭނަށް ވަންނާނެ ކަމުގެ އިންޒާރު ދެއްވާފަ އެވެ. އަދި ރަޝިޔާގެ އެތަށް ހާސް ސިފައިންނެއް މިހާރު އެސަރަހައްދުގައި އެބަތިބި ކަމަށް ޔުކްރޭނުން ބުނެ އެވެ.
ޔުކްރޭންގެ ސަރުކާރުންވަނީ މިއީ ރަޝިޔާއިން އެގައުމާ ދެކޮޅަށް ހަނގުރާމަ އިއުލާންކުރުން ކަމަށް ސިފަކޮށް ރަޝިޔާ ސިފައިންނާ ކުރިމަތިލުމަށްޓަކައި ޔުކްރޭންގެ ސިފައިންގެ ލަޝްކަރުތައް ތައްޔާރީ ހާލަތަކަށް ގެނަސްފައިވާކަން އިއުލާންކޮށްފަ އެވެ.
ރަޝިޔާގެ މިނިންމުމާ ގުޅިގެން އެމެރިކާއާއި ހުޅަނގުގެ ބާރުތަކުން ރަޝިޔާއަށް ހަރުކަށި އިންޒާރުތައް ދެމުން ގެންދިޔަނަމަވެސް ހުޅަނގުން ރަޝިޔާއާ ދެކޮޅަށް އެޅޭނީ އިގްތިސާދީ ސިޔާސީ އަދި ޑިޕްލޮމެޓިކް ފިޔަވަޅުތައް އެކަނި ކަމަށާ ހުޅަނގުގެ އެއްވެސް ބާރަކަށް ރަޝިޔާ ސިފައިންގެ ބާރުގަދަ ލަޝްކަރުތަކާ ދެކޮޅަށް އަސްކަރީގޮތުން ކުރިމަތިލާން ނުކެރޭނެ ކަމަށް ތަޖްރިބާކާރުން ދެކެއެވެ. (ނޫސްއެޖެންސީތައް)