20 Dec 2010, 07:08
މިދިޔަ ހޮނިހިރު ދުވަހު ވެލާނާގޭ އޮފީސް އިމާރާތުގެ ފެންހޮޅިއެއް ފަޅައިގެން ގޮސް ފެންބޮޑުވި އެޑިޔުކޭޝަން މިނިސްޓްރީ އަށް 260000 ރުފިޔާ އަށް ވުރެ ބޮޑު ގެއްލުމެއްވެފައިވާ އެ މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެ މިނިސްޓްރީގެ ޑިރެކްޓާ މުހަންމަދު ވަހީދު އަލީ ވިދާޅުވީ ފެންބޮޑުވުމުގެ ސަބަބުން އެ މިނިސްޓްރީގެ ގުދަނުގައި ރައްކާކޮށްފައި ހުރި ވަރަށް ގިނަ އަދަދެއްގެ ލިޔެކިޔުމުގެ ސާމާނުތައް ހަލާކުވެފައިވާ ކަމަށާއި ގިނަ އަދަދެއްގެ ކޮމްޕިޔުޓަރާއި ފޯނު ވެސް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށެވެ.
"ވަރަށް ގިނަ އަދަދެއްގެ ތަކެއްޗައް ގެއްލުންވި. އެގޮތުން ގެއްލުންވެފައި މިހުރީ އަޅުގަނޑުމެންގެ ސުޓޮކަށް،" ވަހީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފެންބޮޑުވުމުގެ ސަބަބުން ލިބުނު ގެއްލުން ބަޖެޓުން ފޫނުބެއްދޭ ނަމަ ފިނޭންސް މިނިސްޓްރީން އެބައި ދެއްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށާއި ފެންބޮޑުވުމުގެ ސަބަބުން އެ މިނިސްޓްރީ އަށް ލިބުނު ގެއްލުންތައް މިހާރު ކޮންމެވެސް ވަރަކަށް ރަނގަޅު ކުރެވި ކުރިޔެކޭ ވެސް އެއްގޮތަށް ހިދުމަތްތައް ފޯރުކޮށްދެމުން އަންނަ ކަމަށެވެ.
ފެންހޮޅިއެއް ފަޅައިގެން ގޮސް ވެލާނާގޭގައި ފެންބޮޑުވި އެ ހާދިސާގައި އެންމެ ބޮޑަށް ގެއްލުންވީ އަށް ވަނަ ފަންގިފިލަ އާއި ނުވަ ވަނަ ފަންގިފިލާގައި ހުންނަ އެޑިޔުކެޝަން މިނިސްޓްރީ އަށެވެ.
މިދިޔަ ހޮނިހިރު ދުވަހު ހެނދުނުގެ ވަގުތެއްގައި ހިނގި އެ ހާދިސާގައި އެ އިމާރާތުގެ ހުރިހާ ފަންގިފިލައަކަށް ވެސް ފެނުގެ އަސަރުކުރި އެވެ.
އަމީން ކޮންސްޓްރަކްޝަނުން ހެދި އެ އިމާރާތުގައި ފެންބޮޑުވީ އެ އިމާރާތް ރަސްމީކޮށް ހުޅުވިތާ ހަ މަސް ދުވަސް ވެސް ނުވަނީހެވެ.
ސާދަ ބުރީގެ ވެލާނާގޭ އޮފީސް އިމާރާތް ރަސްމީކޮށް ހުޅުވާފައި ވަނީ މި އަހަރުގެ ޖުލައި 26 ވަނަ ދުވަހު އެވެ.