ކޮމާންޑަރު އިސްމާޢީލް ދީދީގެ ހަނދާނީ ވާދައިގެ ތައްޓަށް ބާއްވާ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ 13 އިންޓަ ޑިޕާޓްމަންޓް ފުޓްބޯޅަ މުބާރާތް ފަށައިފި އެވެ.

އެފްއޭއެމްގެ ޓާފް އެއް ނަންބަރު ދަނޑުގައި މި މުބާރާތް ފެށުމުގެ ގޮތުން ރޭ ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމެވެ.

އެ ރަސްމިއްޔާތުގައި މުބާރާތުގެ ޗެމްޕިއަން ޓީމަށް ދިނުމަށް ހަމަޖެހިފައިވާ ތަށި، ޝަރަފުވެރި މެހުމާނުގެ އަތްޕުޅަށް އަރުވާފައިވެ އެވެ. މި ތަށި ރަސްމިއްޔާތު ހިނގަމުން ދިޔަ މައިދާނަށް ގެނެސްދީފައި ވަނީ މަންދީރަ ބޮޑުބެރު ގުރޫޕުގެ ފަރި ހަރަކާތްތަކާ އެކު ހަރުބީގަ އެވެ. މީގެ އިތުރުން ބަޑި ބޭހުގެ ކުޅިވަރުތަކާއި ސިފައިން ހުށަހަޅާދިން ނެށުމުގެ އައިޓަމެއް މި ރަސްމިއްޔާތުގައި ފެނިގެން ދިޔަ އެވެ.

މި ހުށަހެޅުންތަކަށް ފަހު ސިފައިންގެ އޮފިސަރުންގެ ތެރެއިން ބަންޑާރަ ކޮށީގައި މަސައްކަތްކުރާ އޮފިސަރުންގެ ޓީމަކާއި ކަޅުތުއްކަލާ ކޮށީގައި މަސައްކަތްކުރާ އޮފިސަރުންގެ ޓީމަކާ ދެމެދު ފުޓްބޯޅަ މެޗެއް ކުޅެވުނެވެ. މި މެޗު 2-0 ން ކާމިޔާބު ކުރީ ކަޅުތުއްކަލާ ކޮށީގައި މަސައްކަތް ކުރާ އޮފިސަރުންގެ ޓީމެވެ. މިމެޗުން މޮޅުވި ޓީމަށް ތަށި ހަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަޙްމަދު ޝިޔާމެވެ. މި މެޗުގެ މޭން އޮފް ދަ މެޗަށް ހޮވިފައި ވަނީ ކަޅުތުއްކަލާ ކޮށީގައި މަސައްކަތްކުރާ އޮފިސަރުންގެ ޓީމުގެ، މޭޖަރ ޙުސެއިން ޢަލީ އެވެ.

ކޮމާންޑަރު އިސްމާޢީލް ދީދީގެ ހަނދާނީ ވާދައިގެ ތައްޓަށް ބޭއްވޭ އެމްއެންޑީއެފް އިންޓަ ޑިޕާޓްމަންޓް ފުޓްބޯޅަ މުބާރާތް ކުރިއަށް ދާނީ މިމަހު 01 އިން 30 އަށެވެ. ދެ ޑިވިޝަނަކަށް ބަހާލައިގެން ކުޅޭ މިމުބާރާތުގައި 22 ޓީމު ބައިވެރިވެފައިވާ އިރު، އެއްވަނަ ޑިވިޝަނުގައި 09 ޓީމެއް ވާދަކުރާ އިރު، ދެވަނަ ޑިވިޝަނުގައި 13 ޓީމެއް ވާދަކުރެ އެވެ.

މިމުބާރާތަކީ ކޮމާންޑާ އިސްމާޢީލް ދީދީގެ ހަނދާނީ ވާދައިގެ ތައްޓަށް ކޮންމެ އަހަރަކު އެއްފަހަރު އެމްއެންޑީއެފްގައި ހިމެނޭ ޑިޕާޓްމަންޓްތަކުގެ މެދުގައި އެކުވެރިކަން އާލާ ކުރުމުގެ މަގްސަދުގައި ކުރިއަށް ގެންދެވޭ މުބާރާތެކެވެ.

މިރަސްމިއްޔާތުގައި ސިފައިންގެ އިސް އޮފިސަރުންނާއި މުބާރާތުގައި ބައިވެރިވާ ޓީމްތަކުންނާއި އެހެނިހެން ސިފައިން ބައިވެރިވެފައިވެ އެވެ.