03 Mar 2014, 10:12
ދިވެހިރާއްޖެއަކީ 100 ޕަސެންޓު އިސްލާމީ ގައުމަކަށް ވީމާ، އަޅުގަނޑުމެންނަށް ހީވެފައި އޮންނަނީ އެއިޑްސް ފަދަ ބަލިތައް އުޅޭ މިންވަރު މަދުވާނެ ކަމަށެވެ. އެހެންވެ ވޭތުވެދިޔަ ދުވަސްތަކުގައި އެކަމަށް މާ ބޮޑު ސަމާލުކަމެއް ވެސް ނުދެ އެވެ. އެކަމަކު އެހެން ތިއްބާ މިއަދު މިއޮތީ އެއިޑްސް ބައްޔަކީ މުޅި ރާއްޖޭއަށް އޮތް ނުރައްކަލަކަށް ވެފަ އެވެ.
ރާއްޖޭގައި ކުރި ދިރާސާއަކުން އެނގޭ ގޮތުން 1991 ފެށިގެން 1999 އަކާ ހަމައަށް އެއިޑްސް ބަލީގައި ދިރިއުޅެމުންދާ 14 ދިވެއްސަކު ވަނީ ފާހަގަ ކުރެވިފަ އެވެ. އޭގެ ތެރެއިން 2011 ހަމައަށް އައިއިރު 11 މީހަކު ވަނީ އެ ބަލީގައި މަރުވެފަ އެވެ.
އާންމު ދިރިއުޅުމުގައި ފަހަރުގައި އަޅުގަނޑުމެންނަށް އެޗްއައިވީގެ ނުރައްކާ ވަޒަން ކުރެވިފައި ނެތް ނަމަވެސް އެޗްއައިވީ ރާއްޖޭގައި ވަރަށް ބޮޑަށް އަދި ހަލުވި ކަމާއެކު ފެތުރުމުގެ ނުރައްކާ އޮތް ކަމީ ހަގީގަތެކެވެ.
"މިހާރުގެ އެސްޓިމޭޓަށް ބަލާއިރު 70 ވަރަކަށް މީހުން އުޅޭނެ އެއިޑްސް ބަލީގެ. 2020 އަށް ބަލާއިރު 120 މީހުން އުޅޭނެ ކަމަށް ބެލެވޭ،" ހެލްތު މިނިސްޓްރީގެ ޕަބްލިކް ހެލްތު ޕްރޮގްރާމް އޮފިސާ އަބްދުލްހަމީދު ވިދާޅުވި އެވެ.
ރާއްޖޭގައި ކޮށްފައި ހުރި ދިރާސާތަކުން ދައްކާ ގޮތުގައި އެޗްއައިވީ، ރާއްޖޭގައި ފެތުރުމުގެ ފުރުސަތު އެންމެ ބޮޑީ ކަށި ބޭނުން ކޮށްގެން މަސްތުވާތަކެތި ބޭނުން ކުރާ މީހުންނާއި އެއް ޖިންސުން ގުޅުން ހިންގާ ފިރިހެނުންގެ ތެރޭގައި އަދި ހަށިވިއްކާ މީހުންގެ ތެރޭގަ އެވެ.
"ހައި ރިސްކު ޕޮޕިއުލޭޝަން ރާއްޖޭގައި ހަރަކާތްތެރި ވަނީ ވެސް ރިސްކު އޮތް ގޮތަށް ރިސްކު ނަގައިގެން،" ހަމީދު ވިދާޅުވި އެވެ.
ހަށިވިއްކާ މީހުންނަށް ބަލާ އިރު މުޅި ރާއްޖޭގައި ވެސް ހަށިވިއްކާ މީހުން ކައިރިއަށް ގޮސް އެމީހުންނާ ގުޅުން ހިންގާ މީހުންގެ އަދަދު ގިނަ އެވެ. ހަށިވިއްކާ މީހުން ކައިރިއަށް ދިޔުމަށް ރާއްޖެ އިން ބޭރަށް ހަފްތާ ބަންދަށް ދާ މީހުން ވެސް މަދެއް ނޫނެވެ. މީގެ ތެރެއިން ނިސްބަތުން އެއްވެސް ބާވަތެއްގެ ރައްކާތެރި ކަމެއް ބޭނުން ކުރަނީ މަދު ބަޔެކެވެ.
"ރާއްޖޭގައި، ހާއްސަކޮށް މާލެ އަދި ރިސޯޓުތަކުގައި ގިނަ އަދަދެއްގެ ފިރިހެން މަސައްކަތްތެރިން އުޅޭއިރު އޭގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު އެމީހުންގެ އަނބިންނާއި ބައިވެރިންނާ ދުރުގައި އުޅޭއިރު ހަށިވިއްކާ މީހުންގެ ހިދުމަތަށް އެމީހުންގެ ޑިމާންޑް ބޮޑު ކަމަށް ބަލަން ޖެހޭ،" ރާއްޖޭގައި އެޗްއައިވީ އޮތް ހާލަތު ދެނެގަތުމަށް 2011 ވަނަ އަހަރު ކުރި ދިރާސާއެއްގައި ބުނެފައިވެ އެވެ.
ހަށިވިއްކާ މީހުންގެ ކައިރިއަށް ދާ މީހުންގެ ތެރެއިން މާލެއަށް ބަލާއިރު ރައްކާތެރިކަން ބޭނުން ކުރަނީ 12 ޕަސެންޓް މީހުންނެވެ. އައްޑޫގައި ހަށިވިއްކާ މީހުން ކައިރިއަށް ދާ މީހުންގެ ތެރެއިން ރައްކާތެރިކަމެއް ބޭނުން ކުރަނީ އެންމެ ދެ ޕަސެންޓް މީހުންނެވެ. ކޮންސްޓްރަކްޝަން މަސައްކަތް ކުރާ މީހުންނާއި ސަފާރީތަކުގެ މީހުންނަށް ބަލާއިރު ރައްކާތެރިކަމެއް ބޭނުން ކުރަނީ ނުވަ ޕަސެންޓާއި 12 ޕަސެންޓާ ދެމެދުގެ އަދަދެއްގެ މީހުންނެވެ.
އެއް ޖިންސުން ގުޅުން ހިންގާ މީހުންނަށް ބަލާއިރު ދިރާސާއިން ދައްކާ ގޮތުގައި އެފަދަ ބައެއް މީހުންނަކީ އޯގަނައިޒްވެގެން ނެޓްވޯކެއްގެ ތެރެއިން އެފަދަ އަމަލުތައް ހިންގާ މީހުންނެވެ. މިފަދަ މީހުންގެ ތެރޭގައި ވެސް ރައްކާތެރިކަން ބޭނުން ކުރާ މިންވަރު މަދެވެ. އަދި އެޗްއައިވީގެ މައުލޫމާތު ނުވަތަ އެޗްއައިވީ ފެތުރިދާނެ ގޮތްތައް މިފަދަ މީހުންނަށް އެނގޭ މިންވަރު ވެސް މަދެވެ.
"ރާއްޖޭގައި އެއްޖިންސުން ގުޅުން ހިންގާ ފިރިހެނުން ބައިވަރު ޖިންސީ ބައިވެރިން ގެންގުޅޭ... ހޯދުންތަކުން އެނގުނު ގޮތުގައި ރާއްޖޭގައި އެއްޖިންސުން ގުޅުން ހިންގާ 1،199 މީހުން އުޅޭނެ ކަމަށް ބެލެވޭ،" އެ ދިރާސާގައިވެ އެވެ. "އެއްޖިންސުން ގުޅުން ހިންގާ ފިރިހެނުން ކޮންޑަމް ބޭނުން ކުރާ މިންވަރު ވެސް މަދު. އަދި ފުރަގަސް ފަރާތް ބޭނުންކޮށްގެން ގުޅުން ހިންގައިގެން އެޗްއައިވީ ޖެހޭކަން ވެސް ބައެއް މީހުންނަށް ނޭނގޭ."
ދެން އޮތީ ކަށި ބޭނުން ކޮށްގެން މަސްތުވާތަކެތި ބޭނުން ކުރާ މީހުންނެވެ. މިއީ އެޗްއައިވީ ޖެހުމުގެ އެންމެ ނުރައްކާތެރި އެއް ގްރޫޕް ކަމަށް ބުނުމަކީ ދޮގަކަށް ނުވާނެ އެވެ. ދިރާސާތަކުން ވެސް ދައްކާ ގޮތުގައި އެޗްއައިވީ އައުޓްބްރޭކެއް މެދުވެރިދާނެ އެއް ގޮތަކީ ކަށި ބޭނުން ކޮށްގެން މަސްތުވާތަކެތި ބޭނުން ކުރާ މީހުންގެ މެދުގަ އެވެ.
"ޕޮސިބަލް އައުޓް ބްރޭކެއް މެދުވެރިވެދާނެ ކަމުގެ ނުރައްކާ އެންމެ ބޮޑަށް މި އޮތީ ޖަލު ތެރެއިން އަދި ހަށިވިއްކާ މީހުންގެ ތެރެއިން. ޖަލުގައި ވެސް ކަށި ބޭނުން ކޮށްގެން މަސްތުވާތަކެތި ބޭނުން ކުރާ މީހުން އުޅޭ،" ކުރިން ވާހަކަ ދެއްކެވި ހަމީދު ވިދާޅުވި އެވެ.
މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރާ ޖަމިއްޔާ، ޖާނީގެ ސީއީއޯ މުހައްމަދު ޝުއައިބު ވިދާޅުވީ ކަށި ބޭނުން ކޮށްގެން މަސްތުވާތަކެތި ބޭނުން ކުރާ މީހުންނަށް އެހާ ބޮޑު ނުރައްކަލެއް އޮތުމުގެ ސަބަބީ ބައެއް ފަހަރު އެމީހުންނަށް ކޮންމެ ކަމެއް ވެސް "ވަރިހަމަވަތީ" ކަމަށެވެ.
"މަސްތުވާތަކެތި ބޭނުން ކުރާ ކުދިންނަކީ ކުރަންޖެހުނު ކޮންމެ ކަމެއް ކުރާނެ ބައެއް. އެ ކުދިންނަށް އެނގޭނެ އެއް ކަށި ބޭނުން ކުރާ ހަމަ އެޗްއައިވީ ވައިރަސް ފެތުރުމުގެ ފުރުސަތު ވެސް ވަރަށް ބޮޑުކަން. އެކަމަކު އެ ސިކުވެފަ ހުންނަ ގަޑީގަ ވަރިހަމަވާނެ،" ޝުއައިބު ވިދާޅުވި އެވެ.
ޝުއައިބު ވިދާޅުވީ ނިސްބަތުން ބަލާއިރު ރާއްޖޭގައި ކަށި ބޭނުންކޮށްގެން މަސްތުވާތަކެތި ބޭނުން ކުރާ މީހުން ގިނަ ކަމަށެވެ. އަދި އެ އަދަދު އަންނަނީ ވެސް ގިނަވަމުން ކަމަށެވެ.
"މަސްތުވާތަކެތި ބޭނުން ކުރާ މީހުންގެ ހުންނަ ޓްރެންޑަކީ ބައެއް ފަހަރު ގިނަ ވާނެ ބައެއް ފަހަރު މަދުވާނެ. މި ދުވަސްކޮޅަކީ ކަށި ބޭނުން ކުރާ ކުދިން ގިނަ ދުވަސްކޮޅެއް. ވަރަށް ގިނަ ކުދިން އެބަ އުޅޭ މަސްތުވާތަކެތި ބޭނުން ކުރާ މީހުންގެ ތެރެއިން ކަށި ބޭނުން ކުރަން ފަށައިގެން އުޅޭ ކުދިން،" އޭނާ ވިދާޅުވި އެވެ.
ކަށި ބޭނުން ކުރާ މީހުންނަށް ދިމާވާ އެންމެ ބޮޑު މައްސަލައަކީ ޑޮކްޓަރުގެ ލިޔުމަކާ ނުލައި ރާއްޖޭގައި ސިރިންޖު ނުލިބުމެވެ. އެހެންވެ ކަށި ބޭނުން ކުރާ މީހުން އެމީހުންގެ ގްރޫޕް ތެރޭގައި މި ބޭނުން ކުރަނީ އެއް ސިރިންޖެވެ.
"ގިނަ ފަހަރު މި ހަދާ ގޮތަކީ ސިރިންޖަށް ފެން ކޮޅެއް ދަމާލާ ހޫނު ކޮށްލާފަ ދެން ހުރި މީހާ ބޭނުން ކޮށްލަނީ. އެކަމަކު އެއީ ހައްލެއް ނޫން. ސްޓެރަލައިޒް އެއް ނުވާނެ އެވަރަކުންނެއް،" ޝުއައިބު ވިދާޅުވި އެވެ.
އެޗްއައިވީ ފެތުރުމުގެ ނުރައްކާ ރާއްޖޭގައި ބޮޑުވަމުންދާ އިރު އެކަމާ ދެކޮޅަށް މިހާރަށް ވުރެ ބޮޑަށް މަސައްކަތް ވެސް ކުރަންޖެހެ އެވެ. އޭގެ ތެރެއިން ބައެއް ކަންކަމަކީ އަޅުގަނޑުމެންގެ އުޅުން ބަދަލުކޮށްގެން ފަރުޖެހޭނެ ކަންކަމެވެ.
"ރާއްޖޭގައި ވެސް އެހެން ގައުމުތަކުގައި ވެސް ޕްރިވެންޝަނަށް ކުރެވޭނެ އެންމެ ބޮޑު ކަމަކީ ރައްކާތެރިކަމާ އެކު ޖިންސީ ގުޅުން ހިންގުން،" ކުރިން ވާހަކަ ދެއްކެވި ހަމީދު ވިދާޅުވި އެވެ.
އެއާއެކު ބަދަލުކޮށްލަން ޖެހޭ އެހެން ކަމެއް ވެސް އެބަ އޮތެވެ.
"ރާއްޖެއަކީ ސެކްޝުއަލް ޕާޓްނާސް ބަދަލު ކުރާލެއް އަވަސް ގައުމެއް. ސެކްޝުއަލް ޕާޓްނާސް މަދު ކުރުމަކީ ވެސް މުހިންމު ކަމެއް،" އޭނާ ވިދާޅުވި އެވެ.
ދެން ހުރީ ޕޮލިސީ ލެވެލްގައި ކުރެވިދާނެ ބައެއް ކަންކަމެވެ. އޭރުން ކަށި ބޭނުން ކޮށްގެން މަސްތުވާތަކެތި ބޭނުން ކުރާ މީހުންގެ މެދުގައި އެޗްއައިވީ ފެތުރުމުގެ ފުރުސަތު ކުޑަވާނެ އެވެ. އަދި މަސްތުވާތަކެތި ބޭނުން ކުރާ މީހުންގެ އަދަދު ވެސް މަދުވާނެ އެވެ.
"ޕޮލިސީ ލެވެލްގައި ރާއްޖެ އިން އެބަޖެހޭ ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރަން. ރާއްޖޭގައި މަސްތުވާތަކެތި ބޭނުން ކުރާ ކުދިންގެ 66 ޕަސެންޓު ކުދިންނަކީ ފަރުވާ ދީގެން ރަނގަޅުވާނެ ކުދިން. ޕޮލިސީ ހަދާއިރު ހިޔާލީ ޕޮލިސީތަކެއް ހެދުމުގެ ބަދަލުގައި އެވިޑެންސް ބޭސްޑް ޕޮލިސީތައް ހަދަންޖެހޭ އެބަ،" ޖާނީގެ ޝުއައިބު ވިދާޅުވި އެވެ.
ހަގީގަތުގައި ވެސް އެއިޑްސް ބަލީގެ ނުރައްކާ ވަރަށް ބޮޑުވެއްޖެ އެވެ. އައިޖީއެމްއެޗް އިން މާބަނޑު އަންހެނެއްގެ ގަޔަށް އެޗްއައިވީ ލޭ އެޅި މައްސަލައިގައި ވެސް ވަނީ އެއިޑްސް ބަލި ހުރި މުޅިން އާ މީހަކު ފާހަގަ ކުރެވިފަ އެވެ. އެއިޑްސް ބަލި ޖެހިދާނެ ފަދަ ގޮތަކަށް އުޅެފައި ހުރި މީހަކު ނަމަ ޓެސްޓު ހެދުން ވަރަށް މުހިންމެވެ. މީހާ ނޭނގޭ ގޮތަށް ވެސް ޓެސްޓު ހެދުމަކީ ކުރެވޭނެ ކަމެކެވެ. އަދި ބޭސް ކޮށްގެން އާދައިގެ ދިރިއުޅުމެއްގައި އެއިޑްސް ބަލީގެ މީހުންނަށް ވެސް އުޅުމުގެ ފުރުސަތު އެބަ އޮތެވެ.