03 Mar 2014, 01:01
ހައްޖު ކޯޓާ ހޯދަން އެތައް ބަޔަކު ކިއުގައި ތިއްބައި، މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ދޫކުރި ކޯޓާތައް ހުސްވެއްޖެ އެވެ.
ހައްޖަށް މީހުން ގެންދިއުމަށް ރާއްޖެއަށް ލިބުނު 800 ޖާގައިގެ ތެރެއިން ހައްޖު ކޯޕަރޭޝަނުން ދޫކޮށްހުއްސްވީ 370 މީހުންގެ ކޯޓާ އެވެ. އަމިއްލަ ހައްޖު ކުންފުނިތަކަށް ދިނުމަށް ހަމަޖައްސާފައި ވަނީ 400 ޖާގަ އެވެ.
ހައްޖު ކޯޕަރޭޝަންގެ އޮފިޝަލަކު ވިދާޅުވީ ކޯޓާ ދޫކޮށް ހުސްވީ މިރޭ އެތައް ބަޔަކު ކިއުގައި ތިއްބައި ކަމަށެވެ. ރޭ އިރާކޮޅު 9:00 ފެށިގެން އެތައް ބަޔަކު ކިޔުގައި ޖެހިފައިވާއިރު، ހައްޖަށް ދާން ކޯޓާ ނުލިބުނު މީހުން ދަނީ ދަރުބާރުގޭގައި އެކަމާ ހިތްހަމަނުޖެހުން ފާޅު ކުރަމުންނެވެ.
ނަމަވެސް އެ ސަރަހައްދުގައި އަމަން ބަލަހައްޓާ ފުލުހުން ދަނީ އެ މީހުންނަށް ނަސޭހަތްތެރިވެ، ދަރުބާރުގެއިން ނެރުމުގެ މަސައްކަތް ކުރަމުންނެވެ. ހައްޖު ކޯޓާ ހޯދުމަށް ރެއިން ފެށިގެން ހަދާފައިވާ ކިއު ދަރުބާރުގެ އެތެރެއިން ފެށިގެން މަގުމައްޗަށް ކިއު ދިގުދެމިގެން ގޮސްފައިވެ އެވެ.