03 Mar 2014, 00:16
ދެވަނަ ހާފްގެ ލަނޑުތަކާއެކު ފަހަތުން އަރާ މެންޗެސްޓާ ސިޓީ އިން އިނގިރޭސި ލީގު ކަޕްގެ ޗެމްޕިއަންކަން ހޯދައިފި އެވެ.
މެންޗެސްޓާ ސިޓީ އިން ސީޒަނުގެ ފުރަތަމަ ތަށި ހޯދީ ވެމްބްލީ ސްޓޭޑިއަމްގައި ސަންޑަލޭންޑް އަތުން 3-1 ލަނޑުން މޮޅުވެގެންނެވެ. ލީގު ކަޕްގެ ފައިނަލު މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ހޯދީ ސަންޑަލޭންޑުންނެވެ. ފުރަތަމަ ހާފުގައި މޮޅު ކުޅުމެއް ފެނުނު ސަންޑަލޭންޑަށް މި ލަނޑު، މެޗުގެ 10 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ އިޓަލީ ފޯވަޑް ފަބިއޯ ބޮރިނީ އެވެ.
ސަންޑަލޭންޑްގެ މޮޅު ކުޅުމާއެކު ފުރަތަމަ ހާފު 1-0 ލަނޑުން ނިންމާލި ނަމަވެސް، މެޗުގެ ދެވަނަ ހާފުގައި މެންޗެސްޓާ ސިޓީގެ ފަރާތުން މޮޅު ކުޅުމެއް ފެނިފައި ވެއެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 55 މިނެޓުގައި ސިޓީ އަށް އައިވަރީ ކޯސްޓްގެ މިޑްފީލްޑަރު ޔާޔާ ޓޫރޭ ނަތީޖާ ހަމަހަމަ ކޮށްދިން އިރު، އޭގެ މިނެޓެއް ފަހުން ފްރާންސް މިޑްފީލްޑަރު ސާމީ ނަސްރީ ވަނީ އެޓީމަށް ލީޑު ހޯދައިދީފަ އެވެ. ސިޓީގެ ތިންވަނަ ލަނޑު، މެޗުގެ ފަހު މިނެޓުގައި ކާމިޔާބު ކޮށްދިނީ ސްޕެއިން މިޑްފީލްޑަރު ޖީސަސް ނަވާސް އެވެ.
މިއީ މެންޗެސްޓާ ސިޓީ އިން ލީގު ކަޕް ކާމިޔާބުކުރި ތިންވަނަ ފަހަރެވެ. ކުރިން ސިޓީ އިން ލީގު ކަޕް ކާމިޔާބުކުރީ 70 ގެ އަހަރުތަކުގެ ތެރޭގަ އެވެ. ލީގު ކަޕްގެ އިތުރުން އަދި ސިޓީ އަށް އިނގިރޭސި ޕްރިމިއާ ލީގާއި އެފްއޭ ކަޕް ކާމިޔާބު ކުރުމުގެ ފުރުސަތު ވެސް އެބަ އޮތެވެ.