02 Mar 2014, 23:17
"ޑެނީ، އަހަރެން ދުވަހަކު އެއްވެސް މީހެއްގެ ކާއިރީ ކޮންފެސްއެއް ނުކުރަން..... ކާކު ތިހެން ބުނީ...." މިލާންގެ މޫނު ހައްތަހާ ރަތްވިއެވެ.
"ރިއަލީ؟ " ދާނިޔަލް ހީލަ ހީލާ ހުރިގޮތުން އޭނަ އެ ވާހަކަ ގަބޫލު ނުކުރާކަން މިލާންއަށް އެނގުނެވެ.
"ޑެނީ ބުނެބަލަ، ކާކު އެހެން ބުނީ، އަހަރެން އެކަހަލަ ވާހަކައެއް މީހެއްގެ ގާތުގައި ޑެނީގެ ވާހަކަ ދައްކަންވީ ކީއްވެތަ؟ އަހަރެން ޑެނީއަށް ޓްރަސްޓް ނުކުރަނީއެއް ނޫން.....ބަޓް..." މިލާންގެ ހިތުގައި ބުނަން ބޭނުންވާ ކިތަންމެ އެއްޗެއްވިއެވެ. ނަމަވެސް ވަކި ހިސާބަކުން ދޫ ހަރަކާތެއްނުކުރިއެވެ.
"ބަޓް ވަޓް މިލާން ؟ އަހަރެމެންނަށް މިއޮތީ ބޭނުން ގޮތަކަށް ޑިސައިޑް ކުރާނެ ރަގަޅު ޗާންސެއްލިބިފައި، ހިތުގައިވާ އެއްޗެއް ފޮރުވައިގެން ތިއްބާ ފުރުސަތު ގެއްލިއްޖެއްޔާ މާ ދެރަވާނެ، ތެދަށް ބުނަންޏާ މިލާން ފެނުނު ފުރަތަމަ ވަގުތުން ފެށިގެން އަހަރެން ބޭނުންވީ އެންމެ ކަމެއް... އެކަން ކޮށްދެވޭނެތަ މިލާން....." ދާނިޔަލް ދެން ބުނެލި ޖުމްލަ މިލާންގެ ސިކުނޑީގައި ޖެހިގަތީ އެތައް ޓަނުގެ ބުރަދަން ފަދައިންނެވެ. އެފަދަ ކަމަކަށް ސީދާކޮށް ދާނިޔަލް އަހާފާނެ ކަމަކަށް މިލާން ހިޔެއް ނުކުރެއެވެ. ލިބުނު ހައިރާންކަމުގެ ސަބަބުން މޫނު ހުދުވެ ދެލޯ ބޮޑުކޮށްލައިގެން ބަލަން ހުރެވުނެވެ. ދާނިޔަލްގެ މޫނުމަތިން ފެނުނީ ސީރިޔަސްކަމެވެ.
"ޔެސް އޭ ބުނެބަލަ. ކޯންޗެއް ވިސްނަނީ؟ އަހަރެމެން ހެއްދެވީ އެކަކު އަނެކަކަށް ޓަކައި، ވީ ހޭވް ގުޑް ކެމިސްޓްރީ..." ދާނިޔަލް ވާހަކަ ދައްކަން ހުއްޓާ މިލާން ދާނިޔަލްގެ މޭގައި ކަފަ ބުދުން ޖެހިއެވެ. އަދި ބާރަކަށް ދުވެފައިގޮސް ކޮޓަރިއަށް ވަދެ ދޮރު ލައްޕައިލުމުން ކަފަ ބުދުގައި ހިފައިލެވުނު ގޮތަށް ދާނިޔަލްއަށް ހުރެވުނީއެވެ.
"ޝީ ރިޖެކްޓެޑް މީ...ނައު ވަޓް...." ދާނިޔަލް ބާރަކަށް ތުންފަތުގައި ދަތް އަޅައިލިއެވެ. އޭނަ ނުބައިކޮށް އެއްޗެއް ބުނީހެއްޔެވެ؟ އެހާ ރީތިކޮށް ވާހަކަދެއްކީމަ ކަންތައް ކުރަން މިލާންއަށް ފެނުނު ގޮތަކީ އެއީހެއްޔެވެ؟ ލޯބިވަންޏާ އެގޮތަށް ދެކޮޅު ހަދާނެހެއްޔެވެ؟ ލޯބިވެރިޔާ އަށްޓަކައި ކޮންމެފަދަ ކަމެއްވެސް ކޮށްދޭންޖެހޭނެ ނޫންހެއްޔެވެ؟ އޭނަ މިލާންއަށް އެހާ ބޭނުންވެފައި ހުއްޓާ އެކުއްޖާ އެހެދިގޮތަކުން ގަނޑު ނުވީ ކިރިޔާއެވެ. ދާނިޔަލް ހުރީ ހިނގައިގަންނަން ނޭގިފައެވެ. މި އަންހެންކުދިން ދުވަހަކު ދަސްނުވާނެއެވެ. ނޫނީ އޭނައަށް އަންހެންކުދިންނާއި ވާހަކަދައްކަންވީގޮތް ނޭގެނީބާވައެވެ. އެހާ ރޮމެންޓިކް ނޫނީހެއްޔެވެ؟ ދާނިޔަލް އިރުކޮޅެއްވާންދެން މިލާންގެ ކޮޓަރިއާއި ދިމާލަށް ބަލަން ހުރެފައި ޓަކިދީފައި އެތެރެއަށް ވަންނާން ހިތަށް އެރިއެވެ. ނަމަވެސް ދެވަނަ ފަހަރަށް ވިސްނާލާފައި ގަސްތުކުރީ އަވަހަށް ގެއަށް ދާށެވެ. އެހެންނޫނަސް ދާނިޔަލް ހުރީ މިލާންދެކެ ރުޅިއަންނަ ގޮތްވެފައެވެ.
ދާނިޔަލް އިރާގެ ކޮޓަރީގެ ދޮރު ހުޅުވައިލި އިރު ކޮޓަރީގެ ބޮކިތައް އޮތީ ނިވާލާފައެވެ. އިރާގެ އަނދިރި ދުނިޔެއަށް އަލިކަން މުހިއްމެއްނޫނެވެ. ދާނިޔަލް ސްވިޗްތައް ޖައްސައިލުމާއިއެކު ބޯ ހޫރާލެވުނެވެ. އެނދުގައިވާހާ ބާލީސްތައް ހޫރާލާފައޮތީ މާބްލް ތަޅުންމަތީގައެވެ.
"ޑޭމިޓް....މި ލިޓްލް ގާލް...ހިތަށް އަރާ ރަނގަޅު ފިލާވަޅެއް ދީފާނަމޭ. އަހަރެން ހާދަ ވަރަކަށް އެބަ ކެތްކުރަމޭ....." ދާނިޔަލް ގުދުވެ ބާލީސްތަކާއި ކުޝަންތައް ނަގާފައި އެނދަށްލަމުން ބަލައިލިއިރު އިރާ އޮތީ ކަންނޭލުގައި ބައްދާލައިގެން ނިދިފައެވެ. ޓިންކަރ ބެލް ނޫނީ ރެޕަންޒުލްފަދަ ކާޓޫނު ކެރެކްޓަރތައް ހަނދާންވާފަދަ "ކިއުޓް" ގޮތެއް އީރާގެ ހުރެއެވެ. އޮމާންކަމުގެ ދެވަނައެއްނެތެވެ. ނަމަވެސް ފަޔާއި އަތް ހާދަ ހިމައެވެ. ބައްތިރީސް ސައިޒުން ދާނިޔަލް ކުރާނީ ކީއްހެއްޔެވެ؟ ދާނިޔަލް އިރުކޮޅެއްވާންދެން އިރާގެ މޫނަށް ބަލަން ހުރެލާފައި ނޭވާގެ މަޑު އަޑު އަހާލަން ހުއްޓެވެ. އެހެން އޮވެލާފައިވެސް ދޭތެރެއަކުން ގިސްލައެވެ.
އިރާ ނިދީ ވަރަށް ރޮއިފަކަން ނޭގެއެވެ. އެކަމަކު ކީއްވެހެއްޔެވެ؟ ދާނިޔަލް ބިންމައްޗަށް ހޫރާލާފައިވާ އެއްޗެހި ނަގަނިކޮށް ނަޒަރުގައި އަޅައިގަތީ ފަންކާގެ ވަޔާއިއެކު ދެކޮޅަށް ކިރިލަ ކިރިލާ އޮތް ކަރުދާސްގަނޑެވެ.
"ޑެނިއެލް އިޒް މައިން...." އިރާގެ އަތު ލިޔުމެވެ.
"އަހަންނަކީ އިރާގެ މީހެކޭ، އެކަމަކު ދުވަހަކު އަހަރެން ބޭނުންވެގެން އުޅޭތަ؟ ގާތްވިޔަސް އިރާ ބޭނުންވަނީ ދުރަށް ލާން، އިޓްސް ލައިކް... ނޭގޭ މި މޮޔަ އަންހެންކުދިން ވިސްނާ ގޮތެއް، ލީޑްކޮށްފައިވެސް އެކީގައި ސްލީޕްކުރަން ވެއްޖެއްޔާ ބިރުން އުޅޭގޮތުން....." ދާނިޔަލް ކަރުދާސްގަނޑު މާބްލް ތަޅުން މައްޗަށް ދޫކޮށްލާފައި ނިކުމެގެން ދާން ހިނގައިގަތީ ކޮފީއެއް ބޯލުމަށެވެ. ކާކޮޓަރިއޮތީ ފަޅަށެވެ. އެއްވެސް މީހެއްގެ ހިލަމެއްނުވިއެވެ. ދާނިޔަލް ކޮފީއަކަށް ފަހު ކޮފީއެއް ބޮމުން ދިޔައީ ސިކުނޑި ލުއިކޮށްލުމަށެވެ. ނިދީގެ ކަންފުޅެއްނެތް ރީތި ދެލޮލުން ކޮންމެވެސް ވަރަކަށް މާޔޫސީކަން ފެނުނެވެ. އެންމެ ފަހުން ކޮފީއެއް ހިފައިގެން ޓެރެސްއަށް އަރައިގެން ގޮސް ގޮދަޑި ޖެހި އުނދޯލީގައި އިށީނެވެ. އެތަނުގެ ބޮކިތައް ނިވާލައިގެން އެކަނިމާއެކަނި އަނދިރީގައި ދާނިޔަލް އެތައް އިރެއްވާންދެން އިނެވެ.
ދާނިޔަލް ކިތަންމެ ވަރަކަށް ވިސްނިޔަސް ދާންވީ ކޮޅެއް ނޭގުނެވެ. މިލާންގެ ފަހަތުން އާދޭސްކުރަމުން އަދި ދާންވީބާވައެވެ. އޭނަ ވާހަކަދެއްކީ ރަނގަޅަކަށް ނޫންކަން އިހުސާސްކުރެވުނީ ފަހުންނެވެ. މިލާން ދެރަވާނެވަރާއި، ހިތުގައި ޖެހޭނެ ވަރު ވިސްނުނެވެ. އަނެއްކޮޅުން އިރާއެވެ. އަނދިރި ކަމުގެ ތެރޭގައި ހިތްދަތި ދުވަސްތައް ވޭތުކުރަން އެ އަންހެންކުއްޖާއަށް މަޖުބޫރުވީ އޭނައާއި ހެދިއެވެ. ރަހުމްގެ ކުނޑިފަށެއްވާ މީހަކަށްވެސް އިރާ އެގޮތަށް ދޫކޮށްލާފައި ދާކަށް ނުކެރޭނެއެވެ. އިރާ އާއި މިލާން އޭނަގެ ގާތުގައި އެއްބަސްނުވިޔަސް ދެ އަންހެންކުދިންގެ ހިތުގައި އޭނަގެ ލޯބިވާކަން އޭނައަށް ޔަގީންކުރެވުމުން މިވަނީ ސިކުނޑި ގޮވާވަރުވެފައެވެ. ހޮވަންވީ ފަރާތެއް ވިސްނައިގަންނަން ނޭގިފައެވެ.
ރިވާން އޭނަގެ މަންމަ ގެ ކޮޓަރިއަށް ވަންއިރު ސާރާ އިނީ އެނދުގެ ބާލީސްތަކަށް ލެނގިލައިގެންނެވެ. ކައިރީގައި ހުރި ތަބައް މަތީގައި ތާޒާ އޮރެންޖް ޖޫހާއި ކާއެއްޗެއް ހުއްޓެވެ. ސާރާ ހުން އައިސްގެން އުޅޭތާ ތިން ދުވަސްވުމުގެ ސަބަބުން މޫނުވަނީ ރަތްވެފައެވެ. ސާރާ ބަލިވެއުޅުނަސް އެހާ ހިތްވަރު ބަލިއެއް ނުކުރެއެވެ. ހިނިތުންވުންތަކުގެ ތެރޭގައި ވޭން ފޮރުވަން ސާރާ ދަނެއެވެ. ރިވާން ސާރާއަށް ޖޫސްތަށި ބޯން ދީފައި، ބޮލުގައި މަސާޖްކޮށްލަދިނެވެ. ސާރާ އެންމެ ހިތްހަމަޖެހެނީ ބަލިވާވަގުތު ނަދީމްއާއި ކުދިންގެ އަޅާލުމާއި އެހީތެރިކަން ލިބޭވަރުންނެވެ.
"ރިވާ، މަންމައަށް ކަމެއް ކޮށްދީފާނަންތަ؟ ޑެނީއަށްޓަކައި ކޮންމެހެންވެސް ކުރަންޖެހޭ ކަމެއް މިއީ..." ސާރާ މަޑުމަޑުން ވާހަކަދެއްކިއެވެ.
"މަންމަ ބުނި ކޮންމެ ކަމެއް އަޅުގަޑު ކޮށްދޭނަން..." ރިވާން ވައުދުވިއެވެ.
"ޑެނީ އާއި މިލާން ވީގޮތަކުން ދުރުކުރުވަންވީ، ކޮންމެހެން މިލާންއަކީ ނިކަމެތިކުއްޖަކަށް ވީމައެއް ނޫން، ނޫނީ ބައްޕައެއް ނެތީމައެއްނޫން، އެކަމަކު އެމީހުންގެ ވިޔާނުދާކަމުން މަންމަ ބިރުގަތީ، ޖުވޭދާ އަބަދު ބުނޭ މުފީދާ ދުނިޔޭގައި ހުރިއިރު އެގެއިން ވައްކަން ކުރާ ވާހަކަ، ރިވާއަށް އެނގޭތަ މިލާން ކުރިކަމެއް...." ސާރާ ކިޔައިދިނީ އައިޒާގެ އަތުގައި އޮތް އެތައް ހާސް ޑޮލަރެއްގެ ހުދުރަނުގެ ފަށް މިލާން ނެގިވާހަކައެވެ.
"މަންމާ... އޭނަ ސްޓީލް ކުރިނަމަ އެ އަޅައިގެން އެންމެންގެ ކުރިމައްޗަކަށް ނާންނާނެއްނު...." ރިވާން ހުރީ މިލާންގެ ކުށް ގަބޫލުކުރާގޮތަކަށް ނޫނެވެ. މިލާން އެހާ ނުބަޔެއްނުވާނެއެވެ.
"މިލާންގެ މޮޔަކަން އެއީ، އޭނަ ހީކުރީ އެއީ އާދައިގެ ބިއްލޫރި އެއްޗެއްކަމަށް، އާއްމުކޮށް މާލޭގެ ފިހާރަތަކުގައި ހުންނަ އޭތި މީތި ސޭލްއިން ލިބޭ އެއްޗެއްކަމަށް، މިލާން އެއްބަސްވި، އޭނަ ހީކުރީ އެއީ ބިއްލޫރި އެއްޗެއްކަމަށޭ، ފެނުނީ ގާޑްން ތެރެއިންނޭ، އަނެއް ފަހަރު ބުނި އެހެން ތަނަކުންނޭ، ދޮގު ހަދާ މީހާ އެއްފަހަރު ބުނާއެއްޗެއް ސިކުނޑީގައި ނުހުންނާނެ ދޯ، އެހެންވެ ތެދު ބުނަން މިޖެހެނީ...." ސާރާގެ ވާހަކަތަކުން ރިވާން އިނީ ހައިރާންވެ އަންތަރީސްވެފައެވެ. ނަމަވެސް އެހާ ރީތި ކުއްޖެއްވިއްޔާ ކޮންމެވެސް މައްސަލައެއް ހުރުމަކީ ހަމަ އެކަށީގެންވާކަމެކެވެ.
"މަންމައަށް ފެނުނު ޑެނީ މިލާންގެ ރޫމް ކާރީ ވާހަކަދައްކަން ހުއްޓާ....ރިވާ އެކަން ހުއްޓުވާ..." ސާރާ އަމުރުކުރިއެވެ.
ރިވާން ހުރީ ހަދާނެގޮތް ހުސްވެފައެވެ. ދާނިޔަލް އާއި މިލާން ރައްޓެހިވެގެން އުޅެންޏާ އެ ދޭތެރެއަށް ވަނުމަކީ ފަސޭހަ ކަމަކަށް ނުވާނެއެވެ. އަދި މިލާން ވައްކަން ކުރާނެ ކަމަށް ދާނިޔަލް ގަބޫލެއް ނުކުރާނެއެވެ. މަންމަ ކިޔާދިނީމަވެސް އޭނައަށް އެކަން ގަބޫލުނުކުރެވުނެވެ. އިރުކޮޅެއް ނުވަނީސް ދާނިޔަލް ދޮރު ހުޅުވާލާފައި ވަނުމުން ރިވާންއިނީ މަޖާވެލާފައެވެ.
"ޑެވިލްގެ ނަން ގަންނައިރަށް މިއޮތް ދައްކާލީނު..." ރިވާން އެގޮތަށް ސަމާސާކުރީމަ ސާރާއަށް ކަމަކުނުދިޔައެވެ.
"ދަރިފުޅާ، މަޖަލަކަށް ހަދައިގެންވެސް ޑެނީއަށް ޑެވިލް ނުކިޔާތި...." ސާރާ އަޑުލުމުން ދާނިޔަލް ހޭންފެށިއެވެ.
"ކިހާވަރެއްވި ރިވާ، ބްލަޝްވެފައި ތިހިރީ.... ތެންކްސް އާންޓީ...." ދާނިޔަލް ގުދުވެ ސާރާގެ ނިތްކުރީގައި ބޮސްދިނުމުން ސާރާ ހުރިހާ ދަތްތައް ފެންނަވަރަށް ހީލާފައި އެނދުމަތީގައި އިށީދެއްޖެއެވެ. ދާނިޔަލް ފެނުނީމަ ބަލިގަނޑުވެސް ރަގަޅުވީކަން ނޭގެއެވެ. ދާނިޔަލް މިއަދު ފުރިހަމަ ޒުވާނަކަށް ވިނަމަވެސް އޭނަ ކުޑައިރު އުޅުނީ ހާދަ ނިކަމެތިކޮށެވެ. މައިންބަފައިންގެ ލޯބިން މަހުރޫމްވިއެވެ. އެ ތުއްތު ފުރާނަ ރުއީ ކިހާ ވަރަކަށް ކަން ދެނެވޮޑިގެންވަނީ މާތް ﷲއެވެ. ދާނިޔަލްގެ މިޒާޖު މިގޮތަށްވީ އެތައް ބަޔެއްގެ އިހުމާލުން ކަމަށް ރިވާން ގަބޫލުކުރެއެވެ.
ރިވާންގެ ބޮލުގައި ގަދަޔަށް ރިއްސާގޮތްވުމުން އޭނަ ތެދުވެގެން ދާން ހިނގައިގަތެވެ. ބޮލުގައި ބައެއްފަހަރު ރިހުމާއި މޭނުބައިކުރާފަދަ ގޮތެއް ވުމުން އަމިއްލަ ސިއްހަތާއި މެދު ރިވާންއަށް ވިސްނައިލަން މަޖުބޫރުވިއެވެ. މަންމަމެން ފަދައިން ވައިރަލް ހުމެއްގެ އުދަގޫ ފެށުނީބާވައެވެ.
ރިވާން ބެލްކަނީގައި ހުއްޓުނުތަނުން ފަހަތުން އައިސް ދާނިޔަލް ކޮނޑުގައި ހިފައިގަތުމުން ބެލެންސް ނުކުރެވި ރިވާން ނުވެއްޓުނީ ހަމަ ކިރިޔާއެވެ.
"މުސްކުޅިޔަކަށްވުރެ ބަލިކަށިވީ ކޮންދުވަހަކު؟" ދާނިޔަލްވެސް ރެއިލިންގައި އަތްއަޅުވައިލަމުން މާ ގަސްތަކާއި ދިމާލަށް ބަލަންފެށިއެވެ. ދެ އެކުވެރިންވެސް ރީތިކަމުން ފުރިފައިވާ ގާޑެނިއާތަކާއި ދިމާލަށް ނަޒަރު ހުއްޓާލީ އެންމެ އަންހެންކުއްޖަކު ފެނިދާނެކަމުގެ އުއްމީދުގައެވެ. އެދިމާލުން މިލާން ނުކުމެފައި ގަސްތަކުން މާ ބިންނަން ހުންނައިރު މަންޒަރު ވަކިން ފުރިހަމަވާނެއެވެ.
"ޑެނީ، ކޮބާ އެއްކަލަ ކަންތައް؟ މިލާން ކާމިޔާބު ނުވީތަ؟ " ރިވާން ދުރުދުރުން ފެށިއިރު އޭނަގެ ހިތް ހީވީ ފުންމާލަފާނެ ހެންނެވެ.
"އަހަރެން ބުނީމަ މިލާން އަހަންނާއި މީޓްކުރި......އެންމެ ފަހަރަކު.." ދާނިޔަލް ގެ ހިތަށް ތަދުވިއެވެ.
"ދެން...." ރިވާން ޝައުގުވެރިކަމާއިއެކު އަހާލިއެވެ.
"އަދި ކަމެއް ކުރެވޭ ހިސާބަކަށް ނުދޭ، އެކަމަކު އަހަރެން ކާމިޔާބު ކުރާނަން...." ދާނިޔަލް ޔަގީންކަމާއިއެކު ބުނެލިގޮތުން ރިވާންގެ ހިތުގައި ރިއްސާލިއެވެ. މިހެން ވާންވީ ކީއްވެހެއްޔެވެ؟ ދެމީހުންނަށް އެކަކު ދެކެ ލޯބިވެވެނީ ކީއްވެހެއްޔެވެ؟ ރިވާން ހިންދިރުވާލިއެވެ
"ގުޑް ލަކް ޑެނީ...." ރިވާން ގަދަކަމުން ހިނިތުންވެލިއެވެ.
މިލާން ތިންދުވަސްވާންދެން ކަރުނަ އޮއްސިއެވެ. ދެރަވިވަރުން އެއްޗެއް ނުކައި ނުބޮއި ހިތާމަކުރިވަރުން ތިންދުވަހުގެ ތެރޭގައި އަނަރޫފަވެއްޖެއެވެ. ދެލޯވަޅުވަދެ މޫނުމަތި ދަމާލައިފިއެވެ. މިލާން ޑިއުޓީއަށް ސަލާމް ބުނެފައި ކޮޓަރިން ނުނިކުމެ އުޅުނުއިރު ސާރާވެސް އުޅެނީ ހުންއައިސްގެންކަމަށް އެގޭގެ ނޯކަރަކު ވަނީ މިލާން ގާތު ބުނެފައެވެ. އެމީހާ ރަނގަޅުކަމުން ދޭތެރެއަކުން ކާ އެއްޗެއް ގެނެސްދިނަސް މިލާން ގިނަފަހަރު އެއެއްޗެހި ފާޚާނާއަށް ލާފައި ފްލަޝްކޮށްލަނީ އަރުތެރެއިން ނުދިރުވިގެންނެވެ. ދާނިޔަލް އެބުނި އެއްޗަކުން މިލާންގެ ހިތަށް ބަޔާންނުކުރެވޭފަދަ އަސަރުތަކެއް ކުރިއެވެ. ދާނިޔަލް ހީކުރީ އޭނައަކީ ނާސި ކުއްޖެއްކަމަށް ހެއްޔެވެ؟ ދާނިޔަލް އޭނަގެ ފަރާތުން ބޭނުމީ އެކަނި އެންމެ އުފަލެއް ހެއްޔެވެ؟ މިލާން ބިނާކުރި ލޯބީގެ ގަނޑުވަރު ބިމާއި ހަމަވެ ފުނޑުފުނޑުވެގެން ދިޔުމަށްފަހު ހަމަޖެހުމެއްނެތި އެތިން ރޭ ނުނިދާ އުޅުމަށްފަހު މިލާން ހުންއައީ މާ ގަދަޔަށެވެ. ފުން ހިތާމަ އޭނަގެ ދިފާއީ ނިޒާމް ބަލިކަށިކޮށްލީއެވެ.
ފުރަތަމަކޮޅު މިލާން ނޯކަރުކުއްޖަކު ލައްވާ ޕެނެޑޯލް ގެނެސްގެން ކެއެވެ. ނަމަވެސް އެވަރުން ހިފަހައްޓައިނުލެވި މޫނަށް އަނދިރިވާގޮތްވުމުން ހޮސްޕިޓަލަށް ދިޔައީ ޑޮކްޓަރަށް ދައްކައިލަންވެގެންނެވެ. ޑޮކްޓަރު ބުނުއްވީ އައިވީ އަޅާލާ ޓެސްޓްހަދަން މަޑުކޮށްލުމަށެވެ. ހޮސްޕިޓަލުގެ ވޯޑުގައި އެޑްމިޓްވުމަށްފަހު މިލާން ހުރީ ގުޅާނެ ފަރާތެއް ނޭގިފައެވެ. އެންމެ ފަހުން މިލާން ފޯނުކުރީ ސުދާ އަށެވެ. ސުދާ އެތަނަށް ވަދެލާފައި އެބައަންނަމޭ ކިޔަފައި ދިޔަމީހާގެ ޚަބަރެއްނުވިއެވެ. މިލާން އޮތީ ވަރުބަލިގޮތަކަށް ދެލޯ މަރާލައިގެންނެވެ. ހުންގަދަކަމުން ތުންފަތް ރަތްކަމުން ހީވަނީ ޗެރީއެއްހެންނެވެ.
"މިތަނުގެ ޗެއަރމަން އާއި ބޭރުން ވަޑައިގެންނެވި ރައީސްއެއް އެބަދުރުވޭ ބަލިމީހުންނަށް ޒިޔާރަތްކުރަން.... އެ ބޭފުޅާ އަހާލައިފިއްޔާ އެހީއަކަށް އެދެންވާނެ، ބުނައްޗޭ ގާތްތިމާގެ އެއްވެސް މީހަކުނެތޭ.. ފަހަރެއްގައި ލައްކައިން ރުފިޔާ ދީފާނެ......" އިރުކޮޅެއް ފަހުން ސުދާ ޚަބަރެއް ހިފައިގެން އައެވެ. ސުދާ އެހީތެރިއަކު އިންނަން ހަދާފައި ހުރި ގޮނޑީގައި ޖައްސާލިގޮތަށް ދަބަހުން މޭކަޕް ސާމާނު ނެގިއެވެ. މޫނުގައި ފައުންޑޭޝަން ހާކާލުމަށްފަހު ތުންފަތުގައި ލިޕްސްޓިކް ޖައްސާލައިފިއެވެ.
"މިލާން، ޔޫ ނޯ ވަޓް، ޑޮކްޓަރ ނަދީމް ހާދަ ހެންޑްސަމްއޭ.. އެ ބްރައުން ދެލޯ ފެނުނީމަ މަ ހަމަ މޮޔަވާވަރުވޭ...." ސުދާ މިވަރުން ފަރިވަނީ ސާރާގެ ފިރިމީހާއަށް ދައްކަން އެނގުމުން މިލާން އޮތީ މަޖާވެފައެވެ. ފެންނަ ކޮންމެ ރީތި މީހެއްގެ ޝައުގު ހޯދަންޖެހޭ ހެއްޔެވެ؟ ބައްޕަގެ އުމުރުގެ މީހަކަށް ވިޔަސް ހެވެވެ. ނަދީމް އާއި މިލާން ދިމާވެފައިވަނީ އެންމެ ދުވަހަކު ކަމުގައި ވިޔަސް މިލާންއަށްވެސް އެ ޝަޚުސިއްޔަތުގެ އަސަރު ކޮންމެވެސް ވަރަކަށް ކުރުވިއެވެ. ނަމަވެސް ސުދާ ފަދައިން އިޝްގީ ނަޒަރަކުން ދެކެން މިލާންގެ ހިތަކަށް ނާރައެވެ.
މިލާން ގެ ހުންގަދަވެގެން ބުރާންތިވާ ގޮތްވެފައި އޮވެ މަޑުމަޑުން އެއްޗެކޭ ކިޔަމުން ދިޔައިރު އެސްފިޔަތަކުގައި ކަރުނަ ހަރުލާފައިވަނީ މުތީތަކެއް ފަދައިންނެވެ.
"މިލާ، ކީކޭ ތިކިޔަނީ... ޔޫ އާރ ޑިލީރިއަސްތަ؟" ސުދާ އޭރުވެސް އިނީ އިސްތަށިގަނޑު ހަޑިވެދާނެތީ އާއި އެ މޮޑެލް ޕޯސްއިން އެއްފަރާތްވެލާއިރަށް އެބޭފުޅުން ވަޑައިގެންފާނެތީ ބިރުން ގުޑިލާން ނުކެރިފައެވެ. މިލާން ކުޑަކޮށް ދެލޯ ހުޅުވާލިތަނާ ނަދީމްމެން އަރާ ހަމަވެފައި ނަދީމްގެ ނަޒަރު މިލީނާގެ މޫނަށް ހުއްޓުނެވެ. އަރިހުގައި ވަޑައިގެން ހުންނެވި ބޭފުޅާ ގާތަށް ޖެހިލައްވާފައި ވާހަކަދެއްކެވުމުން ވަގުތުން ސުދާ އިނގިރޭސިވެލާފައި ޖަވާބުދިނެވެ. މިލާންއަކީ ދައްތަ ކަމަށާއި ހުންގަދަވެގެން ބުރާންތިވެފައިވާކަމަށް ބުނެލީ ވަރަށް ތުއިގޮތަކަށެވެ. ވާރޑްގައި އެތައް ބަލިމީހުންނެއް ތިބުމާއިއެކު އެބޭފުޅުން ކޮންމެ ބަލިމީހަކަށް ދިނީ މަދު ވަގުތުކޮޅެކެވެ.
"ވަރަށް ސްމާޓް ދޯ...ސޮރީ ދައްތައޭ ބުނެވުނީމަ، އެމީހުންނަކަށް ނޭގޭނެ މިލާންގެ އޭޖް، މަށަށްވުރެ އިސްކޮޅުން ދިގުވީމަ ޔޫ ލުކް އޯލްޑަރ އެއްނު....މަގޭ ކޮއްކޮއަކަށްވުރެ ބޮޑަށް ދައްތައަކާއި ހަމަ ވައްތަރީ..." ސުދާ ކަކަ އަޅައިގެންފާ ހީގަންނަމުން މިލާންގެ ކަންފަތްދޮށުގައި ބުނެލިއެވެ.
މިލާން އޮތީ ހިމޭނުންނެވެ. އެސްފިޔަތައް ހުޅުވައިލާނެ ވަރެއްނެތިފައެވެ. އެހެން އޮވެ ދާނިޔަލްގެ ނަމުން ގޮވަން ފެށުމުން ސުދާގެ ހިތް އަނދަން ފެށިއެވެ. މިލާންއާއި ދާނިޔަލްގެ ގުޅުމެއް އަދިވެސް އޮތީހެއްޔެވެ؟ ސިއްރު ސިއްރުން ދެމީހުން ކުޅޭނެ ކުޅިގަނޑު ހިތަށް އަރާފައި ސުދާ އިނީ ރުޅިއައިސް ރަތްވެފައެވެ. މިލާންއަށް ބޯނެ އެއްޗެއްވެސް ގެނެސްނުދޭނީއެވެ. އައިވީއިން އެކަނި ރަނގަޅު ކުރަންޏާ ރަނގަޅު ކޮށްފާނެތާއެވެ.
މިލާން ގެ ހުން ފިނިވެލިވަގުތު ކަރުހިއްކައިގެންފައި ވިޔަސް އޭނަގެ ގާތުގައި އެކަކުވެސް ނެތެވެ. ފެންފޮދެއް ދޭނެ މީހަކު ނެތެވެ. ރޭގަނޑު ދަންވަރުކަމުން ވާރޑްގެ ބޮކިތައް ނިވާލައިގެން ހުރިހާ ބަލިމީހުންހެން ތިބީ ގަދަ ނިދީގައެވެ. ދެރަވެގެންގޮސް މިލާންގެ ލޮލަށް ކަރުނަ އައެވެ.
"މާމަ، މާމަހުރިނަމަ.....ހާދަ އެކަނިވެރިވެއްޖެ..." މިލާން ބިއްދޮށަށް އެނބުރެމުން ހިކިފައިވާ ތުންފަތުގައި ދޫ ހާކާލިއެވެ. އެވަގުތު މިލާންއަށް އެނގުނީ އޭނަގެ ފޯނު ނެތްކަމެވެ. ބޮލަށް އެނބުރުން އަރާފައިވިޔަސް ގަދަކަމުން ބޯ ހިއްލާލާފައި އެނދުގެ ބާލީގައިމަތީގައި އަޅާފައިވާ ފޮތިގަނޑު ފޮޅާލާފައިވެސް ފޯނު އޮތްތޯ ހޯދައިލެވިއްޖެއެވެ. މިލާންގެ ހިތަށް ބިރުވެރިކަން ލިބުނީފޯނު ގެއްލިގެނެއް ނޫނެވެ. އޭގައި ހުރި ޚާއްސަ މެސެޖްތައް ގެއްލިގެން ދިޔައީމައެވެ. މިލާންގެ ލޮލުގައި ކުރިއަށްވުރެ ކަރުނަ ގިނަވިއެވެ.
ހެނދުނު މިލާން ފާޚާނާއަށް ދާން ތެދުވުނުއިރަށް މޫނަށް އަނދިރިވެގެން އޭނަ ތަޅުންމައްޗަށް ވެއްޓުމުން ވޯޑްގައިވާ މީހުން އޭނައަށް އެހީތެރިވެ އެނދުގައި ބޭއްވިއެވެ.
"ކޮއްކޮ އެކަނިތަ؟ " އެންމެންގެ ސުވާލު އަމާޒުވުމުން މިލާންއަށް ރޮވުނީއެވެ. އިރުކޮޅެއްފަހުން ސާރާމެންގެ ގޭގައި އުޅޭ ނޯކަރަކު ޖޫހާއި މޭވާ އަދި ސެންޑްވިޗް ހިފައިގެން އައެވެ.
"އަހަރެން ހޮސްޕިޓަލުގައިކަން އެނގުނީ ކިހިނެއްތަ؟ ފޯނުވެސް ގެއްލިގެން މިއުޅެނީ..." މިލާންގެ މުށި ދެލޮލުގައި އޭރުވެސް ހުރީ ކަރުނައިގެ ބޮޑެތި މުތީތަކެވެ.
"ސާރާ ވިދާޅުވީމަ އަހަރެން ނާސްތާ ގެނެސްދިނީ... ސާރާއަށް އެނގިލެއްވިގޮތެއް ނޭގޭ، ރަނގަޅަށް ކައިގެން އަވަހަށް ގެއަށް އާދޭ، ވަރަށް ހަނދާންވޭ...." އެކުއްޖާ ވާހަކަ ދެއްކުމުން މިލާންގެ ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބި ހިނިތުންވެލެވުނެވެ. މިލާން ތެދުވެ ކާން ފެށުމުން ހޮޑުލަވާގޮތްވިއެވެ. ކުޑަކޮށް އެއްޗެއް ބޯލައިގެން އަނެއްކާ އެނދު މައްޗަށް ދެމިލީއެވެ. ގަޑިއެއްހާއިރުފަހުން ސުދާ އައިއިރު އޭނަ ހުރީ އާދައިގެ މަތިން ގަދަޔަށް މޭކަޕްކޮށް ލައިގެންނެވެ. ސުދާ ބުނިގޮތުން އޭނަވެސް ރޭގައި އޮތީ ވައިރަލް ހުންގަނޑު ޖެހިގެން ނުތެދުވެއެވެ. ނަމަވެސް ސުދާގެ މޫނުމަތިން ބަލިކަމުގެ އެއްވެސް އަސަރެއް ނުފެނެއެވެ. ހިނިގަނޑު ޖަހާލާފައި އުޅޭގޮތުން ހީވަނީ އެހެން މީހުންގެ ސަމާލުކަން އަތުލައިގަންނަން އުޅޭހެންނެވެ. މިލާން ގެ ގައިގާ ސަކަރާތް ޖަހައިލާނެ ވަރެއްނެތެވެ. އެހެންނޫނަސް އެކުވެރިންގެ އަޅާލުން އެންމެ ބޭނުންވީ ދުވަހު ސުދާ ނައީތީ ހިތުގައި ޝަކުވާ އުފެދުނެވެ.
ސުދާ ދޮގުހެދިކަން ބޭޒާރުވީ އެތަނުގައި ހުރެ އެކުވެރިއެއްގެ ގާތުގައި ދެއްކި ވާހަކައެއެއްގެ ތެރޭގައެވެ. ރޭ ރޭނގަޑު ކެއުމަކަށް އެކުވެރިންތަކާއިއެކު ދިޔަގޮތަށް ގެއަށް ވަދެވުނީ ބާރަޖެހިއިރު ކަމަށާއި ނިދުނުގޮތަށް ހެނދުނު ޑިއުޓީއަށް ދާން ހޭލެވުނީ ކިރިޔާކަމަށް އޭނަ ބުނެލިއެވެ. މިލާން ދެލޯމަރާލައިގެން އޮތީ ހައިރާންވެފައެވެ. އިތުބާރު ކުރާނީ ކާކަށް ހެއްޔެވެ؟ ތެދުވެރިވާނެ މީހަކު ހަމަ ނެތީހެއްޔެވެ؟ ރިސެޕްޝަން ހުރިހާ ކުދިންހެން މިލާންއަށް ޒިޔާރަތްކުރިއެވެ.
ދާނިޔަލް މިއަދު ރައުންޑް ހަދަން އައީ އެކުވެރި ޑޮކްޓަރެއްގެ އެދުމުގެ މަތިންނެވެ. އެހެންނޫނަސް މިފަހަކަށް އައިސް އޭނަވަނީ ތަންކޮޅެއް ޒިންމާނަގާ ޑޮކްޓަރަކަށްވެފައެވެ. ޒުވާންވަމުން ދާވަރަކަށް އޭނަ ގެ މިޒާޖުވެސް މަޑުމަޑުން ބަދަލުވާން ފެށީކަން ނޭގެއެވެ. މިގަޑީގައި އޭނަ ހުރީ އަތްދިގު މުށިކުލައިގެ ގަމީހަކާއި ޖިންސެއް ލައިގެންނެވެ. ވޯޑަށް ވަނުމާއިއެކު ދާނިޔަލް ސިއްސައިގެން ދިޔަގޮތަށް ދުރު ބަލާލާކަށްވެސް ނޭގުނެވެ.
"ނޫން ނޫން ނޫން..." ދާނިޔަލް ހިތާ ހިތުން ކިޔާލައިފިއެވެ.
(ނުނިމޭ)