02 Mar 2014, 21:50
އިސްލާމް އާބާދު (މާޗް 2) : ޠާލިބާނުންނާ އެކު ކުރިޔަށް ގެންދިޔަ ސުލްޙައިގެ ވާހަކަތައް އަލުން ފެށުމުގެ ބަދަލުގައި ޕާކިސްތާނުގެ ރައްޔިތުންނާ ދެކޮޅަށް ތާލިބާނުން ހިންގާފައިވާ ޖަރީމާތައް ތަހްގީގްކޮށް އެކަމުގެ ޒިންމާ އުފުލަން ޖެހޭ ތާލިބާނުންގެ ލީޑަރުން އަދާލަތަށް ހާޒިރު ކުރުމަށް ޕާކިސްތާނުގެ ސުންނީ އިއްތިޙާދު ކައުންސިލުން ސަރުކާރަށް ގޮވާލައިފި އެވެ.
ޕާކިސްތާނުގެ ސުންނީ އިއްތިޙާދު ކައުންސިލްގެ ނަމުގައި ހަރަކާތްތެރިވާ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އެންމެ އިސްވެރިޔާސާހިބްޒާދާ ޙާމިދު ރަޒާ ވިދާޅުވީ ތާލިބާނުންނަކީ ޕާކިސްތާނުގެ ކުށެއްނެތް އާންމުންނާއި ސިފައިން މަރަމުންގެންދާއެމީހުންގެ ލެއިން ތަތްތެޅިފައިވާ މުޖްރިމުން ކަމަށާ ތާލިބާނުން ދީނުގެ ނަމުގައި ހިންގާފައިވާ އަދި ހިންގަމުންގެންދާ ބޮންގޮއްވުމުގެ ޙަމަލާތަކުގައި މަރާލާފައިވާ ކުށެއްނެތް އާންމުންގެ މަރުގެ ޒިންމާ އެޖަމާއަތުގެ ލީޑަރުން އުފުލަންޖެހޭނެ ކަމުގަ އެވެ.
ސުންނީ އިއްތިޙާދު ކައުންސިލްގެ ދަށުން ހަރަކާތްތެރިވާ ޕާޓީތައް ބުނާގޮތުން ތާލިބާނުންނާ ސުލްހައިގެ ވާހަކަތައް ދެއްކުމަކީ ފޫނެއްފަޔަށް ފެންފުރުން ކަހަލަ ކަމެކެވެ. ތާލިބާނުން ކޮންމެވެސް ބަހަނާއެއް ދައްކައިގެން ބޮންގޮއްވުމާއި ދައުލަތާ ދެކޮޅަށް ކުރަމުންގެންދާ ބަޣާވާތް ހުއްޓާނުލާނެ ކަމަށާ ތާލިބާނުން މިހާރުވެސް ޕާކިސްތާނުގައި ބޮންގޮވުމުގެ ޖަރީމާތައް ހިނގައި ގައުމު ޓެރަރައިޒް ކުރަމުން ގެންދާއިރު އެޖަމާއަތާ ސުލްހައިގެ ވާހަކަތައް ދައްކައި މަޝްވަރާތައްކޮށްގެން ކާމިޔާބީއެއް ހާސިލުވެދާނެކަމަށް ޢުއްމީދު ކުރުމަކީ މާނައެއްނެތް ކަމަށްވެސްސާހިބްޒާދާ ޙާމިދު ރަޒާ ވިދާޅުވިއެވެ.
ޕާކިސްތާން ސަރުކާރާއި ތާލިބާނުންނާ ދެމެދު ކުރިޔަށްދިޔަ ސުލްޙައިގެ ވާހަކަތައް މީގެ ދެހަފްތާކުރިން ހުއްޓާލާފައިވަނީ އެޖަމާއަތުން އަސީރުންގެ ގޮތުގައި ހައްޔަރުކޮށްފައިވާ ޕާކިސްތާން ސިފައިންގެ 23 މީހުން ކުއްލި ގޮތަކަށް މަރާލުމާ ގުޅިގެންނެވެ. މި 23 މީހުން މަރާލީ ޕާކިސްތާން ސިފައިން ކުރިން ދީފައިވާ ޙަމަލާއަކަށް ބަދަލު ހިފުމުގެ ގޮތުން ކަމަށް ތާލިބާނުން ބުނެފައިވެއެވެ.
ސުލްޙައިގެ ވާހަކަތައް ކުރިޔަށްދިޔަ ދުވަސްވަރު ތާލިބާނުންވަނީ އިސްލާމީ ޝަރީޢަތް ތަންފީޒު ކުރެވޭ ގޮތަށް ޕާކިސްތާނުގެ ސިޔާސީ ނިޒާމުބައްޓަން ނުކުރާނަމަ އެގައުމުގައި ސުލްހަ ގާއިމް ކުރުމުގެ ފުރްސަތުނުދޭނެކަމުގެ އިންޒާރު ދީފައެވެ.
ޕާކިސްތާނުގައި އިސްލާމީ ޝަރީޢަތް ގާއިމްކުރުމަށް ތާލިބާނުން ގޮވާލަނީއެމީހުންގެ އަމިއްލަ އެޖެންޑާއެއްގެ ދަށުން ސިޔާސީ މަގްސަދްތަކެއް ހާސިލުކުރުމަށް ކަމަށް ޕާކިސްތާން ސަރުކާރުން ތުހުމަތުކުރެއެވެ.
ޕާކިސްތާނުގެ ހުރިހާ ސަރަހައްދުތަކެއްގައި ހުރިހާރައްޔިތުންވެސް ޝާމިލްވާ ގޮތަށް އިސްލާމީ ޝަރީޢަތް ތަންފީޒުކުރުމަށް ތާލިބާނުން ގޮވާލާއިރު ޕާކިސްތާނުގެ އާބާދީގެ 20އިންސައްތައަކީ ކްރިސްޓިޔަނުންނާއި ހިންދޫން ފަދަ ޣައިރު މުސްލިމުންކަމަށްވާތީ ތާލިބާނުން އެދޭ ގޮތަށް މުޅި އާބާދީއަށް އަމާޒުކޮށްގެން އިސްލާމީޝަރީޢަތް ތަންފީޒުކުރުމަކީ ގައުމުގައި އިތުރު މައްސަލަތައްފެންމަތިވެގެންދާނެ ކަމެއް ކަމަށް ޕާކިސްތާނުގެ މަސްއޫލުވެރިންވިދާޅުވެފައިވެއެވެ.އަދި ޕާކިސްތާނުގެ އާބާދީގެ ކޮންޕޮޒިޝަނަށް ނުބަލައި ތާލިބާނުންގެ އަމިއްލަ ފިކުރާ އެއްގޮތަށް އިސްލާމީ ޝަރީޢަތް ތަންފީޒު ކުރުމުގެ ނަމުގައި އެޖަމާއަތުން ވާހަކަ ދައްކަނީ ބޮންގޮއްވުމާއި ތަޅާފޮޅުމާއި ހަނގުރާމައިގެ އަމަލުތައް ހިންގުމުގެ ފުރްސަތު ހޯދުމުގެ ބަހަނާއެއްގެ ގޮތުން ކަމަށްވެސް ޕާކިސްތާނުގެ މަސްއޫލުވެރިން ވިދާޅުވެފައިވެއެވެ.
ނަމަވެސް ތާލިބާނުން ބުނަނީ އެޖަމާއަތުން މަސައްކަތްކުރަނީ ޕާކިސްތާނުގައި އިސްލާމީ ޝަރީޢަތް ގާއިމް ކުރުމުގެ މާތް މަގްސަދުގައި ކަމަށާ އިސްލާމީ ޝަރީޢަތް ގާއިމްނުކޮށް ޕާކިސްތާނަށް ހަމަޖެހުމާއި ސުލްޙަ ނުގެނެވޭނެ ކަމުގައެވެ. ތާލިބާނުން ބުނާގޮތުން އެމެރިކާއިން ޕާކިސްތާނަށް ދެމުންގެންދާ ޑްރޯން ހަމަލާތަކުގެ ޒިންމާ އުފުލަންޖެހޭނީ ޕާކިސްތާނުގެ ސަރުކާރުތަކުންނެވެ. އެމެރިކާއިން ވަޒީރުސްތާނަށް ޑްރޯން ބޯޓުތަކުން ޙަމަލާތައްދީ ކުށެއްނެތް އާންމުން މަރަމުން ގެންދާއިރު ޕާކިސްތާނުގެ އެއިރެއްގައި އޮންނަ ސަރުކާރެއްގެ އިސްވެރިންގެ ރުހުން ނުލިބި މިހަމަލާތައް އެމެރިކާ ނުދޭނެ ކަމަށާ މިކަމުގައި ޕާކިސްތާނުގެ ސަރުކާރުތަކުން ކުޅެމުން ގެންދަނީ މަރުކަރުވެރި އަދި ހަގީގަތް އޮޅުވާލުމުގެ ރޯލެއް ކަމަށްވެސް ތާލިބާނުން ތުހުމަތު ކުރެއެވެ. އެމެރިކާގެ ޑްރޯން ޙަމަލާތަކަކީ ގަސްދުގައި މީހުން މެރުމުގެ ޖަރީމާތަކެއް ކަމަށްވާތީ މިޖަރީމާތަކުގެ ފަހަތުގައިވާ އެމެރިކާގެ މަސްއޫލުވެރިން އަދާލަތަށް ހާޒިރު ކުރަންޖެހޭނެ ކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ވަނީ ބުނެފައެވެ.
ތާލިބާނުންގެ އަތްދަށުގައި އަސީރުންގެ ގޮތުގައިތިބި ޕާކިސްތާން ސިފައިންގެ 23 މީހުން ދާދިފަހުން މަރާލުމާ ގުޅިގެން ޕާކިސްތާން ސިފައިން މިދިޔަ ހަފްތާގައިވަނީ ވަޒީރުސްތާނުގައިވާ ތާލިބާނުންގެ އަމާޒުތަކަށް ވަރުގަދަ ޙަމަލާތަކެއްދީ ތާލިބާނުންގެ 50 އެއްހާ މީހުން މަރާލާފައެވެ. (ނޫސްއެޖެންސީތައް)