ސ. މީދޫ ޝަމްސުއްދީން ސްކޫލްގެ އެސިސްޓެން ހެޑްމާސްޓަރު ސްކޫލްގެ ފައިސާއަށް ހިޔާނާތްތެރިވެފައިވާތީ އޭނާގެ މައްޗަށް ހިޔާނާތުގެ ދައުވާ ކޮށްދިނުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގައި އެދިއްޖެ އެވެ.


އަދި ގަވައިދާ ހިލާފަށް އެ ސްކޫލްގެ ފައިސާ ބޭނުން ކޮށްފައިވާތީ އެސިސްޓެންޓް ހެޑުމާސްޓަރާއި ސްކޫލްގެ ސުޕްވައިޒަރުގެ މައްޗަށް ގަވައިދާ ހިލާފުވުމުގެ ދައުވާ ކޮށްދިނުމަށް ވެސް އޭސީސީން ޕީޖީއަށް ވަނީ ހުށަހަޅާފަ އެވެ.


މީދޫ ސްކޫލްގެ އެސިސްޓެންޓް ހެޑްމާސްޓަރު ފުވައްމުލަކު މާސް، އަހުމަދު މުހައްމަދު ސްކޫލްގެ ފައިސާއަށް ހިޔާނާތްވި ކަމަށް ބުނާ މައްސަލައާ ގުޅިގެން އޭސީސީން ބުނެފައި ވަނީ އެ މައްސަލަ ބެލި އިރު ސްކޫލަށް ބޭނުންވާ ތަކެތި ގަތުމުގެ ނަމުގައި ސްކޫލްގެ ދެ ޗެކެއް ބޭނުން ކޮށްގެން 20500ރ. އަހުމަދު މުހައްމަދު ނަގައި އޭނާގެ އަމިއްލަ އެކައުންޓަށް ޖަމާކޮށް އޭގެ ބަދަލުގައި އެސްޓީއޯ ކްރެޑިޓް ސްކީމުން ތަކެތި ހޯދައި އޭނާގެ މުސާރައިން ކަނޑަމުންދާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.


އަދި ބުނެފައި ވަނީ ޝަމްސުއްދީން ސްކޫލްގެ އެކައުންޓުން ޖުމްލަ 29299ރ. އަހުމަދު މުހައްމަދު ނަގައި ހިޔާނާތްތެރިވެފައިވާ ކަމަށެވެ.


ހިޔާނާތުގެ ދައުވާ އޭނާގެ މައްޗަށް ކޮށްދިނުމަށް މިމަހުގެ 15 ވަނަ ދުވަހު އެދިފައިވާއިރު އޭނާ ހިޔާނާތްވެފައިވާ ފައިސާ އަނބުރާ ދައުލަތަށް ނަގައި ދިނުމަށް ވެސް އޭސީސީން ވަނީ އެދިފަ އެވެ.


އޭސީސީން  ބުނީ އަހުމަދު މުހައްމަދު ހިޔާނާތްވި މައްސަލަ އިތުރަށް ބެލި އިރު  2007 ވަނަ އަހަރު ނިމުނު އިރު ބަޖެޓްގެ ހަތް އައިޓަމަކުން 233334.21ރ. ޑެބިޓްކޮށް ހަރަދުކޮށް، ކެޕިޓަލް ހަރަދުގެ ގޮތުގައި ކުރަންޖެހޭ ބައެއް ހަރަދުތައް ރިކަރަންޓް ހަރަދުގެ އައިޓްމްތަކުން ކޮށްފައިވާ ކަމަށެވެ. އެކަމަށް ހުއްދަ ދޭ ފޮތުގައި ނުލިޔެ ސްކޫލްގެ ފަސް އެކައުންޓެއްގެ 15 ޗެކަކުން 163731ރ. ހަރަދު ކުރަން ނަގައި އޭސީސީގެ ހުއްދަ ނުހޯދައި ސްކޫލްގެ މުވައްޒަފެއްގެ ފިރިމީހާގެ ފިހާރައަކުން 158211.75ރ. ގެ ތަކެތި ގަވައިދާ ހިލާފަށް ސްކޫލަށް ގަނެފައިވާކަން އެނގޭ ކަމަށެވެ.


މި ގޮތަށް ފައިސާ ހަރަދު ކުރުމަށް އަހުމަދު މުހައްމަދަށް ހުއްދަ ދީފައި ވަނީ ސްކޫލްގެ ސުޕްވައިޒަރު ސ. މީދޫ އާކުރި، މަރިޔަމް ޒަމީރާ އެވެ. މި މައްސަލައިގެ މި ދެ މީހުންގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދިފައި ވަނީ ގަވައިދާ ހިލާވުމުގެ ކުށުގަ އެވެ.