މިދިޔަ އަހަރުގެ ޖެނުއަރީ މަހާއި ފެބްރުއަރީ މަހުގެ ނިޔަލަށް ފުލުހުންނަށް ހުށަހެޅި ކުށްތަކުގެ މައްސަލަތަކުގެ އަދަދަށް ވުރެ، މި އަހަރުގެ ފުރަތަމަ ދެ މަސް ދުވަހު ފުލުހުނަށް ހުށަހެޅި ކުށްތަކުގެ މައްސަލަތައް 12 ޕަސެންޓް އިތުރުވެއްޖެ އެވެ.

މައްސަލައެއް ފުލުހުންނަށް ހުށަހެޅުމާ އެކު ވަގުތުން އަޕްޑޭޓްވަމުންދާ ފުލުހުންގެ ވެބްސައިޓުގެ ކުށުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ޖެނުއަރީ މަހާއި ފެބްރުއަރީ މަހު ޖުމްލަ 3140 މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވެ އެވެ. ނަމަވެސް މިދިޔަ އަހަރުގެ ފުރަތަމަ ދެ މަސް ދުވަހު ފުލުހުންނަށް ހުށަހަޅާފައި ވަނީ 2761 މައްސަލަ އެވެ.

މިއަހަރުގެ ފުރަތަމަ ދެ މަސް ދުވަހު އެންމެ ގިނައިން ފުލުހުންނަށް ހުށަހަޅައި، ތަހުގީގު ކުރަން ފަށާފައި ވަނީ ވައްކަމުގެ މައްސަލަތަކެވެ. ވައްކަމުގެ މައްސަލަތައް މިދިޔަ އަހަރުގެ ފުރަތަމަ ދެ މަސް ދުވަހާ އަޅާބަލާ އިރު، މި އަހަރުގެ މިހާތަނަށް ވަނީ 20 ޕަސެމްޓަށް އިތުރުވެފަ އެވެ. މި އަހަރުގެ މިހާތަނަށް ވައްކަމުގެ 1065 މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ އިރު، މިދިޔަ އަހަރުގެ ފުރަތަމަ ދެ މަސް ދުވަހު ފުލުހުންނަށް ހުށަހަޅާފައި ވަނީ 850 މައްސަލަ އެވެ.

މި އަހަރުގެ މިހާތަނަށް ދެ ވަނައަށް އެންމެ ގިނައިން ފުލުހުނަށް ހުށަހަޅާފައި ވަނީ މަސްތުވާތަކެތީގެ މައްސަލަތަކެވެ. އެގޮތުން ފުރަތަމަ ދެ މަސް ދުވަހާ އަޅާ ބަލާ އިރު، މަސްތުވާތަކެތީގެ މައްސަލަތަކުގައި ފުލުހުންނަށް ހުށަހެޅި މައްސަލަތައް ވަނީ 22 ޕަސެންޓަށް އިތުރުވެފަ އެވެ. މަސްތުވާތަކެތީގެ 727 މައްސަލައެއް މިއަހަރުގެ މިހާތަނަށް ފުލުހުން ވަނީ ތަހުގީގު ކުރަން ފަށާފަ އެވެ. ނަމަވެސް މިދިޔަ އަހަރުގެ ފުރަތަމަ ދެ މަސް ދުވަހު ފުލުހުން ތަހުގީގު ކުރަން ފެށީ މަސްތުވާތަކެތީގެ 567 މައްސަލަ އެވެ.

ތިން ވަނަ އަށް އެންމެ ގިނައިން މި އަހަރު ފުލުހުން ހުށަހަޅައި، ތަހުގީގު ކުރަން ފަށާފައި ވަނީ ޓްރެފިކް އެކްސިޑެންޓުތަކުގެ މައްސަލަތަކެވެ. ނަމަވެސް ޓްރެފިކް އެކްސިޑެންޓުތައް މި އަހަރުގެ މިހާތަނަށް ވަނީ 12 ޕަސެންޓަށް ދަށްވެފަ އެވެ. މިއަހަރުގެ މިހާތަނަށް ހިނގާފައި ވަނީ ޓްރެފިކް 181 މައްސަލަ އެވެ.

މީހުންން ހަމަލާދީ މާރާމާރީ ހިންގުމުގެ މައްސަލަތައް މި އަހަރު ވަނި ހަތް ޕަސެންޓަށް އިތުރުވެފަ އެވެ. މި އަހަރުގެ މިހާތަނަށް މީހުންނަށް ހަމަލާދީ މާރާމާރީ ހިންގުމުގެ 207 މައްސަލައެއް ފުލުހުންނަށް ހުށަހަޅައި ތަހުގީގު ކުރަމުންދެ އެވެ. ނަމަވެސް މިދިޔަ އަހަރުގެ ފުރަތަމަ ދެ މަސް ދުވަހު މާރާމާރީ ހިންގައިގެން ފުލުހުން ތަހުގީގު ކުރަން ފަށާފައި ވަނީ 193 މައްސަލަ އެވެ.

މާރާމާރީގެ މައްސަލަތައް ހަތް ޕަސެންޓަށް އިތުރުވި އިރު، މި އަހަރު މިހާތަނަށް ވަނީ ހަތް މީހަކަށް ހަމަލާދީ ޒަހަމްކޮށްލާފަ އެވެ. އެގޮތުން މި އަހަރުގެ ޖެނުއަރީ މަހު 27ގައި މާލޭގެ ތިން ސަރަހައްދެއްގައި ވަނީ ދެ މީހަކާއި ކުޑަކުއްޖެއްގެ ގަޔަށް ވަޅި ހަރާފަ އެވެ. އަދި މިދިޔަ މަހުގެ އެއް ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު އަލްހާން ފަހުމީގެ ބުރަކައްޓަށް ވަޅި ޖަހައި ވަނީ ޒަހަމްކޮށްލާފަ އެވެ. އޭގެ ފަހުން އަޑިޕާކް ސަރަހައްދުގައި ފުރާވަރު ކުއްޖެއްގެ ގައިގައި ދަގަނޑު ބުރިއަކުން ޖަހައި ވަނީ ޒަހަމްކޮށްލާފަ އެވެ. އަދި މާލޭ ހުޅަނގު ދެކުނު ހާބަރުކަޑައެއްގެ ކެފޭގައި މަސައްކަތް ކުރި ވޭޓަރެެއްގެ ބޮލުގައި ޖަހައި ރޭ ވަނީ ޒަހަމްކޮށްލާފަ އެވެ.