02 Mar 2014, 21:10
މި މަހު 22 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި 11 ރިސޯޓަކާއި ސިނާއީ މަސައްކަތް ކުރާ ތިން ތަނެއްގައި ވޯޓު ވޯޓު ފޮށި ނުބަހައްޓާ ގޮތަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުން 11 ރިސޯޓާއި ސިނާއީ މަސައްކަތް ކުރާ ތިން ތަނެއްގައި ވޯޓު ފޮށި ނުބަހައްޓާ ގޮތަށް ނިންމީ ވޯޓުލުމަށް 100 މީހުންނަށް ވުރެ މަދު އަދަދަކަށް ރަޖިސްޓަރީ ކުރުމުން ކަމަށް އެ ކޮމިޝަނުން މިއަދު ބުންޏެވެ.
އެ ތަން ތަނުގައި ވޯޓުނުލާ ގޮތަށް ހަމަޖެއްސި އިރު، އެ ތަންތަނަށް ވޯޓުލުމަށް ރަޖިސްޓަރީ ވެފައިވާ ފަރާތްތައް އަލުން ރަޖިސްޓަރީ ކުރުމުގެ ފުރުސަތު އިލެކްޝަނުން ވަނީ ހުޅުވާލައިފަ އެވެ. އެ ފަރާތްތަކަށް ރަޖިސްޓަރީ ކުރުމުގެ ފުރުސަތު ހުޅުވާލީ މާދަމާގެ ހަވީރު 4:00 ގެ ނިޔަލަށެވެ. އެ މުއްދަތުގެ ތެރޭގައި، ރަޖިސްޓަރީ ބަދަލު ކުރުމަށް ހުށަނާޅާ ފަރާތްތަކުގެ ރަޖިސްޓަރީ އެ މީހަކު ރަށްވެހި ވެފައިވާ ރަށަށް ބަދަލުކުރެވޭނެ ކަން އިލެކްޝަނުން ވަނީ އަންގައި އިއުލާންކޮށްފަ އެވެ.
ވޯޓުފޮށި ނުބަހައްޓާ ގޮތަށް ހަމަޖައްސާފައިވާ ރިސޯޓުތަކަކީ ބީޗު ހައުސް އިރުވެލް ރިސޯޓާއި އައިލެންޑް ހައިޑް އަވޭ، ވައިސް ރޯއީ މޯލްޑިވްސް، އަނަންތާރާ ކިހަވަށް ވިލާސް، ކަނުހުރާ ރިސޯޓް، ތާޖް އެގްޒޯޓިކާ ރިސޯޓް އެންޑް ސްޕާ، ހޮލިޑޭ އިން ރިސޯޓް ކަނޑޫމާ މޯލްޑިވްސް، ވެލައްސަރު މޯލްޑިވްސް، ލަކްސް މޯލްޑިވްސް، ނިޒާމަ ރިސޯޓްގެ އިތުރުން އަޔާޑާ މޯލްޑިވްސް ރިސޯޓްގަ އެވެ. ވޯޓުފޮށި ނުބަހައްޓާ ސިނާއީ ތަންތަނުގެ ތެރޭގައި ހިމެނެނީ ކ. ތިލަފުށި، ކޫއްޑޫ އަދި ފެލިވަރެވެ.
މި މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 240،000 އަށް ވުރެ ގިނަ މީހުނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ އިރު، ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށް 62،000 އަށް ވުރެ ގިނަ މީހުން ފޯމް ހުށަހަޅާފައިވެ އެވެ.