ކުޅަދާނަ ޕްރެޒެންޓަރެއްގެ ގޮތުގައި 20 އަހަރު ދުވަހު ހިދުމަތް ކުރެއްވުމަށް ފަހު މަސްޢޫދު ޢަލީ ރިޓަޔާ ކުރައްވައިފި އެވެ.

އޭނާ އެންމެ ފަހުން ހުށަހެޅުއްވީ ދި ޓީވީ އިން ކޮންމެ ހުކުރު ދުވަހަކު ގެނެސްދޭ "ހުކުރު ދުވަސް މަސްއޫދާ އެކު" ޕްރޮފްރާމެވެ.

މަސްއޫދުގެ ހިދުމަތް މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޮމިޝަނުން މިއަދު ވަނީ ފާހަގަކޮށްފަ އެވެ.

ބްރޯޑްކާސްޓިންގް ކޮމިޝަނުން މިއަދު އާންމު ކުރި ބަޔާނެއްގައި، އެ ކޮމިޝަން ރައީސް މުހައްމަދު ޝަހީބާ ހަވާލާދީ ބުނީ މަސްއޫދަކީ ރާއްޖޭގައި އުފެދުނު ދޫހެލޭ، މޮޅެތި ޝޯ ހުށަހެޅުންތެރިންގެ ކުރީ ސަފުގައި ހުންނެވި ބޭފުޅެއް ކަމަށެވެ. އަދި މަސްއޫދުގެ ޒުވާން އުމުރުގައި އެ ދާއިރާ އިން ރިޓަޔާ ކުރެއްވުމަކީ އެ ދާއިރާ އަށް އަށް ލިބޭނެ ވަރަށް ބޮޑު ފަޅު ކަމެއް ކަމަށް ވެސް ޝަހީބު ވިދާޅުވި ކަމަށް އެ ބަޔާނުގައި ބުންޏެވެ.

ޓީވީ ޕްރޮގްރާމްތައް ހުށަހެޅުއްވުމުގައި ފާއިތުވި 20 އަހަރު ދުވަހު މަސްޢޫދު ޢަލީ ވަނީ އާޢްމުންގެ މަޤްބޫލުކަމާއި ލޯބި ހޯއްދަވައިފައިވާ ކަމަށާއި މަސްޢޫދު ފާހަގަވެގެން ގޮސްފައި ވަނީ ދޫ ފަރިތަކަމުގެ އިތުރުން ދިވެހި ބަހުގެ އަދަބިއްޔާތަށް ވެސް ކުޅަދާނަ ޝަހުސިއްޔަތެއްގެ ގޮތުގައިކަން ވެސް ކޮމިޝަން ރައީސް ފާހަގަ ކުރެއްވި އެވެ. އަދި މައުލޫމާތު ފެތުރުމާއި ހުށަހެޅުމުގެ ހުނަރުވެރިކަމުގެ ދާއިރާ އިން އެންމެ ފުރަތަމަ ގައުމީ އިނާމް ހޯއްދަވައިފައި ވަނީ ވެސް، 2012 ވަނަ އަހަރު މަސްއޫދުކަން ފާހަގަކުރެއްވި އެވެ. އެހެންކަމުން އެ ދާއިރާ އިން ރިޓަޔާ ކުރެއްވި ކަމުގައިވީ ނަމަވެސް، ބްރޯޑްކާސްޓިންގް ދާއިރާ އަށް ބޭނުންވާ މީހުން ބިނާކުރުމުގައި މަސްޢޫދު އަލީގެ ތަޖުރިބާ ހިއްސާ ކުރެއްވުމަކީ ވަރަށް ބޮޑު އެދުމެއްކަމުގައި ޝަހީބު ވިދާޅުވި އެވެ. ރާއްޖޭގެ މީޑިއާ އަށާއި ބްރޯޑްކާސްޓިން ދާއިރާ އަށް މިއަދު ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ދިވެހި ބަހުގެ އަދަބިއްޔާތަށް ކުޅަދާނަ، ލިއުންތެރިންނާއި ވާހަކަ ދެއްކުންތެރިން މި ދާއިރާގައި ހަރަކާތްތެރިވުން މަދުވުން ކަމަށާއި އެފަދަ ހުނަރުވެރިންގެ އާ ޖީލެއް ރާއްޖޭގެ މީޑިއާ އަށް ނުހަނު ބޭނުންވެފައިވާ ކަމުގައި ވެސް ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް ފާހަގަކުރެއްވި އެވެ.

މިއަދުގެ ބައްދަލުވުމުގައި މަސްޢޫދު އަލީ ވިދާޅުވީ، ބްރޯޑްކާސްޓިން ދާއިރާގައި އޭނާގެ ކުރެއްވި ޚިދުމަތުގެ އަގު، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ފަރާތުން ފާހަގަކޮށް އޭނާއާ ބައްދަލުކުރެއްވީތީ ކޮމިޝަނަށް އިޙްލާސްތެރިކަމާ އެކު ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި މި ދާއިރާގެ މީހުން ބިނާކުރުމަށް އޭނާގެ ހުނަރާއި ތަޖުރިބާ ހިއްސާ ކުރައްވާނެކަމުގެ ޔަގީންކަން ދެއްވާ ކަމުގައި ވެސް މަސްއޫދު ވިދާޅުވި އެވެ.

މިއަދުގެ ބައްދަލުވުމުގައި ކޮމިޝަނުގެ ރައީސް ވަނީ މަސްޢޫދު އަލީ އަށް ހަނދާނީ ފިލައެއް އަރުއްވައިފަ އެވެ.

މަސްއޫދަކީ ދި ޓީވީ ހިންގާ ބްރޯޑްކާސްޓިންގް މޯލްޑިވްސްގެ ޑިރެކްޓަރެކެވެ.