02 Mar 2014, 19:48
އުމުރުން 65 އަހަރުވެފައިވާ މީހުންނަށް އަސާސީ ޕެންޝަންގެ ގޮތުގައި މިހާރު ދެމުންދާ 2300ރ. އާއި ޕީޕީއެމް ސަރުކާރުގެ ވައުދެއްގެ ދަށުން ދޭ 2700ރ. އާއެކު ޖުމްލަ 5000ރ. މާދަމާ ނޫޫނީ އަންގާރަ ދުވަހު ޖަމާކުރެވޭނެ ކަމަށް ޕެންޝަން އޮފީހުގެ ސީއީއޯ މުހައްމަދު ހުސައިން މަނިކު މިއަދު ވިދާޅުވެއްޖެ އެވެ.
އުމުރުން ދުވަސްވީ މީހުންނަށް ދިނުމަށް ނިންމާފައިވާ 5000ރ. މި މަހު ނުދެވިދާނެ ކަމަށް ބުނެ، ބައެއް މީޑިއާތަކުން ފެތުރި ހަބަރު ދޮގުކޮށް މަނިކު ވިދާޅުވީ ގާނޫނުގެ ދަށުން އުމުރުން 65 އަހަރު ވެފައިވާ މީހުންނަށް ދޭ އަސާސީ ޕެންޝަނުގެ 2300ރ. މާދަމާ ޖަމާކޮށް ނިންމޭނެ ކަމަށެވެ. އަދި ޕީޕީއެމް ސަރުކާރުގެ ވައުދެއްގެ ދަށުން އަސާސީ ޕެންޝަނަށް އިތުރަށް ދޭ 2700ރ. މާދަމާ ވެސް ސަރުކާރުން ދޫކޮށްފިނަމަ، ޖުމްލަ 5000ރ. އުމުރުން ދުވަސްވީ މީހުންގެ އެކައުންޓަކަށް ޖަމާކޮށް ނިންމާލެވިދާނެ ކަމަށް މަނިކު ވިދާޅުވި އެވެ.
"މިދިޔަ ބުރާސްފަތި ދުވަހު މި ކޮޅަށް [ޕެންޝަން އޮފީހަށް] ފޮނުވާފައި އެބަހުރި، އެހެނިހެން ޕެންޝަނާއި އަސާސީ ޕެންޝަނަށް ބޭނުންވާ ފައިސާ. މިއަދު އޭގެ އިންވޮއިސްތަކާއިއެއްޗެހި ޖެނަރޭޓްކޮށްފައި މާދަމާ ހެނދުނު އެ ފައިސާ ޖަމާވެގެންދާނެ. އަދި މާދަމާ ހެނދުނު މިދެންނެވި 5000ރ. ހަމަކުރަން ފިނޭންސް މިނިސްޓްރީން ފައިސާ އައި ކަމުގައި ވިޔަސް ވެސް، މާދަމާ ހަވީރު އެ ބޭފުޅުނަށް އެ ފައިސާ ޖަމާވާނެ،" ޕެންޝަން އޮފީހުން މިއަދު އިރުއޮއްސުނު ފަހުން ބޭއްވި ކުއްލި ނިއުސްކޮންފަރެންސެއްގައި މަނިކު ވިދާޅުވި އެވެ.
މަނިކު ވިދާޅުވީ އުމުރުން ދުވަސްވީ މީހުންނަށް 5000ރ. ދިނުނުމަށް ކުރަންޖެހޭ ހުރިހާ އިދާރީ މަސައްކަތްތަކެއް ނިމިފައިވާ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި މިހާރު އަސާސީ ޕެންޝަން ލިބިވަޑައިގަންނަވާ ފައިސާއާއެކު ޖުމްލަ 5000ރ. ހޯއްދެވުމަށް ޕެންޝަން އޮފީހަށް އެއްވެސް ފޯމެއް ހުށަހަޅަން ނުޖެހޭނެ އެވެ. އުމުރުން 65 އަހަރުވެފައިވާ ކޮންމެ މީހަކަށް ޕެންޝަން އޮފީހުގައި ހުރި މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް، އެކައުންޓްތަކަށް ފައިސާ ޖަމާ ކުރާނެ ކަމަށް މަނިކު ވިދާޅުވި އެވެ.
އިކޮނޮމިކް ކައުންސިލްގެ ވައިސް ޗެއާ އަދި ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު "ސަން"އަށް މިއަދު ވިދާޅުވީ އުމުރުން ދުވަސްވީ މީހުންނަށް 5،000ރ. ގެ ޕެންޝަން ދޭން ފައްޓާފައިވާ ކަމަށާއި ޖުމްލަ އަދަދު ޖަމާކޮށް ނިމޭނީ އަންގާރަ ދުވަހުގެ ނިޔަލަށް ކަމަށެވެ.