02 Mar 2014, 19:04
އިޓަލީ ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ތަރި ރޮބާޓޯ ބާޖިއޯ ޗުއްޓީ ހޭދަ ކުރަން ރާއްޖެ އަތުވެއްޖެ އެވެ.
މީގެ 24 އަހަރު ކުރިން 1990 އަހަރާއި 1994 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ވިދާލި ބާޖިއޯ، ރާއްޖެ އައިސް ޗުއްޓީ ހޭދަކުރަމުން ދަނީ ނިކާ އައިލެންޑް ރިސޯޓް އެންޑް ސްޕާގަ އެވެ. ނިކާ ރިސޯޓުގައި ބާޖިއޯ ޗުއްޓީ ހޭދަކުރަމުންދާ ކަން އެ ރިސޯޓުން ކަށަވަރު ކޮށްދީފައިވާ އިރު، އެ ރިސޯޓުން ބުނީ، ބާޖިއޯ އައީ މިދިޔަ މަހުގެ 24 ވަނަ ދުވަހު ކަމަށެވެ.
"ބާޖިއޯ މި ރިސޯޓަށް އައީ މިދިޔަ މަހުގެ 24 ވަނަ ދުވަހު. ބާޖިއޯގެ ފުރުން ހަމަޖެހިފައި ވަނީ މާދަމާގެ ވަގުތެއްގައި. ބާޖިއޯ މި ކޮޅަށް އައީ އާދައިގެ ޗުއްޓީއަކަށް،" ނިކާ ރިސޯޓުގެ މުވައްޒަފަކު ސަން އަށް މައުލޫމާތު ދެމުން ބުންޏެވެ.
ގިނަ ފުޓްބޯޅަ ތަރިންގެ ޗުއްޓީ މަންޒިލެއްގެ ގޮތުގައިވާ ރާއްޖެ އަށް މިދިޔަ އަހަރުގެ ފަހު ކޮޅުގައި އިނގިރޭސި ގައުމީ ޓީމުގެ ކުރީގެ ތަރި ޑޭވިޑް ބެކަމް އާއި، ބަޔާން މިއުނިކްގެ ނެދަލޭންޑްސް ތަރި އާޔެން ރޮބެންގެ އިތުރުން އިޓަލީ ގައުމީ ފުޓްބޯޅަ ޓީމުގެ އަންދްރޭ ޕޮލީ ވެސް އައިސްފައި ވެއެވެ.