އިދާރީ ހުރިހާ ކަމެއް ފުރިހަމަކުރުމަށްފަހު ފޮނުވާ މައްސަލަތައް ބަލައިގަންނާނެ ކަމަށް ކްރިމިނަލް ކޯޓުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް އަންގައިފި އެވެ.

ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަހްމަދު މުހައްމަދު މަނިކު ވިދާޅުވީ އެގޮތަށް އަންގާފައި ވަނީ މިއަދު ސިޓީއަކުން ކަމަށެވެ.

ޕީޖީ އޮފީހުން ފޮނުވާ މައްސަލަތަކަކީ އިދާރީގޮތުން ފުރިހަމަކުރަންޖެހޭ ހުރިހާކަމެއް ފުރިހަމަކުރަންޖެހޭނެ ކަމަށާއި އެގޮތަށް ފޮނުވާ މައްސަލަތައް ބަލައިގަންނާނެ ކަމަށް އެ ސިޓީގައި ބުނެފައިވާ ކަމަށް ވެސް މަނިކު ވިދާޅުވި އެވެ.

ގާނޫނު ބުނާ މުއްދަތު ހަމަވިއިރު ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް ބޭފުޅަކު އައްޔަން ކޮށްފައި ނުވާތީ ޕީޖީ އޮފީހުން ހުށަހަޅާ މައްސަލަތައް ބަލައިނުގަތުމަށް ކްރިމިނަލް ކޯޓުން ނިންމިއެވެ. ނަމަވެސް ސުޕްރީމް ކޯޓުގެ އަމުރަކާ ގުޅިގެން އެ ކޯޓުން ވަނީ ކުރިއެކޭ އެއްގޮތަށް މައްސަލަތައް ބަލައިގަންނަމުންނެވެ.