ޕްރިޕެއިޑް ކަސްޓަމަރުންނަށް ހާއްސަކޮށްގެން ދިރާގުން ތައާރަފްކުރި ރެޑް ޓު ރެޑް ޕްރޮމޯޝަނަށް ބަދަލުތަކެއް ގެނެސް، ކޯލްތަކަށް މިނެޓަކު ފަަސް ލާރި ޗާޖް ކުރާ ގޮތަށް ދިރާގުން ހަމަޖައްސައިފި އެވެ.

ދިރާގުން ތައާރަފް ކޮށްފައިވާ އެ ޕްރޮމޯޝަންގެ ދަށުން ކުރިން ޕްރީޕެއިޑް ކަސްޓަމަރުންނަށް 2.99ރ،. ހޭދަކޮށްގެން ރެޑް ބެނިފިޓްސް އެކްޓިވޭޓް ކޮށްގެން ރެޑް އެކްޓިވޭޓް ކޮށްފައިވާ ޕްރިޕެއިޑް ކަސްޓަމަރުންނަށް ހިލޭ އެސްއެމްއެސް އަދި ކޯލް ކުރެވޭނެ އެވެ.' ނަމަވެސް މިހާރު އެ ހިދުމަތް ބޭނުން ކުރައްވާ ކަސްޓަމަރުންނަށް އެންމެ އަގު ހެޔޮ ރޭޓްތައް ވަނީ ކަނޑައަޅައިފަ އެވެ.

ރެޑް ބޭނުން ކުރާ ފަރާތްތަކަށް މި ޕްރޮމޯޝަންގެ ދަށުން އެއް ލާރި އަށް މެސެޖް ކުރެވޭއިރު ފްރެންޑްސް އެންޑް ފެމިލީ ރޭޓެއްގެ ގޮތުގައި ދިރާގުގެ އެއް ނަމްބަރަކަށް މިނެޓަކު 49 ލާރި އަށް ގުޅެ އެވެ. އަދި ރެޑް ހުރިހާ ކަސްޓަމަރުންނަށް މިނެޓަކު ޗާޖް ކުރާ ގޮތަށް މިހާރު ހަމަޖައްސާފައިވަނީ ފަސް ލާރި އެވެ.

ދިރާގުގެ މާކެޓިން ކޮމިއުނިކޭޝަންސް އެންޑް ޕަބްލިކް ރިލޭޝަންސް މުހައްމަދު މިރުޝާން ހަސަން މިއަދު ވިދާޅުވީ ރެޑް ޓު ރެޑް ޕްރޮމޯޝަން އާއްމުންގެ ވަރަށް ބޮޑު މަގުބޫލް ކަމެއް ހޯދާފައިވާތީ ހިދުމަތް ހުއްޓާނުލާ ބޭނުން ކުރެވޭނެ ގޮތެއް ހަމަޖައްސައިފައިވާ ކަމަށެވެ. އެގޮތުން ރެޑް ބޭނުން ކުރާ ކަސްޓަމަރުންނަށް މިހާރު ހިލޭ ފޭސްބުކް އެޕްލިކޭޝަންގެ ބޭނުން ކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ރެޑް ޕްރޮމޯޝަން ކަސްޓަމަރުންނަށް ވަރަށް މަގުބޫލް އެއްޗަކަށް ވަނީ ވެފައި. އެހެންވެ މި ޕްރޮމޯޝަން ހުއްޓާ ނުލާ ކުރިއަށް ގެންދެވޭނެ ގޮތެއް ހެދުމުގެ ގޮތުން އެންމެ އަގު ހެޔޮ ރޭޓެއްގައި ކޯލް ކުރެވޭނެ ގޮތެއް ވާނީ ކަނޑައަޅާފައި. މި ހިދުމަތާ އެކު ޑޭޓާއަށް ޗާޖްނުކޮށް ފޭސްބުކް އެޕްލިކޭޝަން ބެލޭނެ އަދި ހިލޭ ކޮމެންޓްކޮށް ލައިކް ޖަހައި ޝެއާ ކުރުމުގެ އިތުރުން ފޭސްބުކް ސްޓޭޓަސް އަޕްޑޭޓް ކުރެވޭނެ،" މިރުޝާން ވިދާޅުވި އެވެ.

ދިރާގުގެ ޕްރީޕެއިޑް ކަސްޓަމަރުން މި ހިދުމަތް ހޯދުމަށް "ރެޑް" ޖެހުމަށް ފަހު 343 އަށް އެސްއެމްއެސް ކުރުމުން ޑެއިލީ ރެޑް ބެނެފިޓްސް އެކްޓެވޭޓް ކުރެވޭނެ އެވެ. އަދި އެންމެ 2.99ރ އަށް ރެޑް ބެނިފިޓްސް އެކްޓިވޭޓް ކުރެއްވުމުން އެހެން ޕްރިޕްއިޑް ކަސްޓަމަރުންނަށް ހިލޭ އެސްއެމްއެސް އަދި ކޯލް ކުރެވޭނެ އެވެ.