02 Mar 2014, 16:21
އުމުރުން 65 އަހަރު ވެފައިވާ މީހުންނަށް މިހާރު ދެމުންދާ 2300ރ. ބޮޑުކޮށް، އުމުރުން ދުވަސްވީ ކޮންމެ މީހެއްގެ އެކައުންޓަށް 5000ރ. ޖަމާ ކުރަން ފަށާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފި އެވެ.
ރައީސް އޮފީހުގެ ސްޕޯކްސް ޕާސަން އިބްރާހިމް މުއާޒު އަލީ ވިދާޅުވީ އުމުރުން 65 އަހަރު ވެފައިވާ މީހުންގެ އެކައުންޓުތަކަށް 5000ރ. ޖަމާކުރަން ފަށާފައިވާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މި މަހުން ފެށިގެން ކޮންމެ މަހަކު އުމުރުން ދުވަސްވީ ކޮންމެ މީހަކަށް 5000ރ. ލިބޭނެ އެވެ.
އުމުރުން ދުވަސްވީ މީހުންނަށް 5،000 ރުފިޔާ ދިނުމަށް ވައުދުވީ ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ނުކުންނެވި މިހާރުގެ ރައީސް އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމެވެ. އުމުރުން ދުވަސްވީ މީހުންނަށް 5000ރ. ދޭން ފަށާފައި ވަނީ އާ ސަރުކާރު ވެރިކަމާ ހަވާލުވިތާ 106 ދުވަސްފަހުންނެވެ.
ގާނޫނެއްގެ ދަށުން އުމުރުން ދުވަސްވީ މީހުންނަށް އެންމެ ފުރަތަމަ ދޭން ފެށީ 2000ރ. އެވެ. ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި އަމަލު ކުރަން ފެށި ގާނޫނަށް ގެނައި އިސްލާހަކާ އެކު އުމުރުން ދުވަސްވީ މީހުންނަށްދޭ ފައިސާ 2300ރ. އަށް ބޮޑުކުރި އެވެ. ރައީސް ޔާމިންގެ ސަރުކާރުގައި އުމުރުން ދުވަސްވީ މީހުންނަށް 5000ރ. ދޭން މި އަހަރުގެ ދައުލަތުގެ ބަޖެޓުގައި ހިމަނާފައެއް ނުވެ އެވެ.
އެކަމާ ގުޅޭ ގޮތުން އިކޮނޮމިކް ކައުންސިލްގެ ވައިސް ޗެއާ އަދި ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވިދާޅުވެފައި ވަނީ އެ ފައިސާ ދިނުމަށް ހަމަޖެހިފައި ވަނީ ބަޖެޓްގެ ތެރެއިން ނޫން ކަމަށާއި ރައީސުލްޖުމްހޫރިއްޔާ ވައުދު ވެވަޑައިގެން އިރު ވެސް އެކަން ފާހަގަކުރައްވާފައިވާނެ ކަމަށެވެ. ކުރިން ދެމުންދިޔަ 2300ރ. އުމުރުން ދުވަސްވީ މީހުންނަށް ދިނުމަށް ބަޖެޓުގައި މިހާރު ހިމަނާފައިވާ 400 މިލިއަނެއްހާ ރުފިޔާ ފައިނޭންޝަލް އިންސްޓްރުމަންޓެއްގެ ތެރެއިން ބޮޑުކޮށްގެން ފައިސާ ނެރުމުގެ ވިސްނުމެއް ސަރުކާރުން ގެންގުޅޭ ކަމަށް އަދީބު ވިދާޅުވެފައިވެ އެވެ.
އަދީބު މިއަދު ސަން އަށް ވިދާޅުވީ އުމުރުން ދުވަސްވީ މީހުންނަށް 5،000ރ. ގެ ޕެންޝަން ދިނުން ދޭން ފައްޓާފައިވާ ކަމަށާއި ޖުމްލަ އަދަދު ޖަމާކޮށް ނިމޭނީ އަންގާރަ ދުވަހުގެ ނިޔަލަށް ކަމަށެވެ.