2011 ވަނަ އަހަރަށް އޮޑިޓާ ޖެނެރަލް އޮފީހުން ހުށަހެޅި 29.7 މިލިޔަން ރުފިޔާގެ ބަޖެޓްގެ 20 ޕަސެންޓް އުނިކޮށް 23.9 މިލިޔަން ރުފިޔާގެ ބަޖެޓެއް އޮޑިޓަ ޖެނެރަލްގެ އޮފީހަށް ދިނުމަށް މާލިއްޔަތު ކޮމިޓީން ފާސްކޮށްފި އެވެ.


އޮޑިޓަ ޖެނެރަލްގެ ގާނޫނުގައި ބުނާ ގޮތުގެމަތިން، 2011 ވަނަ އަހަރަށް ލަފާކޮށް އޮޑިޓަ ޖެނެރަލްގެ އޮފީހުން މާލިއްޔަތު ކޮމިޓީއަށް ފޮނުވި ބަޖެޓް ދިރާސާ ކުރުމަށް ފަހު، އެ ކޮމިޓީން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ރިޕޯޓް ހުށަހަޅުއްވަމުން އެ ކޮމިޓީގެ މުގައްރިރުގެ ނާއިބު އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒު ވިދާޅުވީ، އޮޑިޓަ ޖެނެރަލް އޮފީހުގެ ބަޖެޓު ކުޑަކުރަން ޖެހުނީ މިހާރުގެ މާލީ ހާލަތަށް ބަލައިގެން ކަމަށެވެ. ބަޖެޓްގައި ހިމަނާފައިވާ ބައިތަކާ ބެހޭ ތަފްސީލު ދެއްވަމުން ނާޝިޒް ވިދާޅުވީ، ބަޖެޓްގައި އޮޑިޓާ ޖެނެރަލަށް ލިބެންވާ މޫސާރަ އާއި އެހެނިހެން އިނާޔަތްތަކަށް ހަތްލައްކަ ރުފިޔާ ހިމަނާފައިވާ ކަމަށެވެ. އަދި އޮޑިޓަ ޖެނެރަލް އޮފީހުގެ މުވައްޒިފުންގެ މުސާރަ އާއި އެހެނިހެން އިނާޔަތްތައް 18.2 މިލިޔަން ރުފިޔާ، މުވައްޒިފުން ތަމްރީނު ކުރުމަށާއި ފަންނީގޮތުން މުވައްޒިފުންގެ ފެންވަރު މަތިކުރަން ޖެހޭ ހަރަދުގެ ގޮތުގައި 1.3 މިލިޔަން ރުފިޔާގެ އިތުރުން އޮޑިޓަ ޖެނެރަލްގެ މަސައްކަތް ހިންގުމަށްޓަކައި އެ އޮފީހުގެ މުވައްޒިފުން ކުރަން ޖެހޭ ދަތުރުތައް ކުރުމަށާއި އެހެންކަންކަން ކުރުމުގެ ހަރަދަށް 1.8 މިލިޔަންރުފިޔާ އާއި އެ އޮފީހުގެ އިދާރީ ހަރަދުތަކަށް ބޭނުންވާ ފައިސާގެ ގޮތުގައި 1.7 މިލިޔަން ރުފިޔާ ބަޖެޓްގައި ހިމަނާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.


އެ ރިޕޯޓަށް ވާހަކަ ދެއްކެވި ދެ މެންބަރުންގެ ތެރެއިން، މާލިއްޔަތު ކޮމިޓީގައި ވެސް ހިމެނިވަޑައިގަންނަވާ، ހުޅުދޫ ދާއިރާގެ މެންބަރު އިލިޔާސް ލަބީބް ވިދާޅުވީ، އޮޑިޓް އޮފީހުގެ ބަޖެޓް ހުށަހަޅަން ޖެހޭނީ އޮޑިޓަ ޖެނެރަލް ކަމަށް އޮޑިޓް ގާނޫނުގައި ބުނެފައި ވީ ނަމަވެސް މި ވަގުތު އޮޑިޓަ ޖެނެރަލެއް ނެތުމުން އެ އޮފީހުގެ ކަންތައް ކުރިއަށް ގެންދެވޭނެ ގޮތެއް ހެއްދެވުމަށްޓަކައި މާލިއްޔަތު ކޮމިޓީން ބަޖެޓްގެ މަސައްކަތް ފެށީ ކަމަށެވެ. އެކަމުގައި އޮޑިޓް އޮފީހުގެ ބޭފުޅުންނާ ކޮމިޓީން މަޝްވަރާ ކުރެއްވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.


"އޮޑިޓް އޮފީހުގެ ބޭފުޅުންނާ ބައްދަލުކޮށް މަޝްވަރާކޮށްގެން ބެލިން ބަޖެޓް އިތުރަށް ކުޑަ ކުރެވޭނެތޯ ވެސް. ނަމަވެސް އެބޭފުޅުން ދިމާވި ބައެއް ކަންތައްތަކާހެދި އެކަމެއްނުވި. އޭގެ ތެރޭގައި ޕެންޝަން ގާނޫނުގެ ދަށުން އެ އޮފީހުގެ މުވައްޒިފުންނަށް ދޭން ޖެހޭ ފެންޝަން ފައިސާ އެ އޮފީހުގެ ބަޖެޓުން ދޭންޖެހޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ނިންމައިފައި. އެ ފައިސާ އަކީ މި އަހަރު ބަޖެޓްގައި ހިމަނާފައިވާ އެއްޗެއްނޫން. ހަ މަސް ދުވަހުގެ ތެރޭގައި ނުވަ މިލިޔަން ރުފިޔާ ބަޖެޓުން ހަރަދު ވެފައިވާތީ، ދެން ބެލީ، އަހަރެއްނިމޭ އިރު ވިއްސަކަށް މިލިޔަން ރުފިޔާކަމަށް ހަރަދު ކުރެވޭނީ. އެ ގޮތުން އެ އޮފީހުގެ މަސައްކަތް ކުރެވޭނެ ވީހާ ވެސް ކުޑަ ބަޖެޓެއް ކޮމިޓީން ހުށަލާފައި އެވަނީ،"


ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު ވިދާޅުވީ، އޮޑިޓަ ޖެނެރަލްގެ އޮފީހަކީ ސަރުކާރުގެ މުހިއްމު މުއައްސަސާއަކަށް ވެފައި، އެ މުއައްސަސާ އަށް މުހިއްމު ޒިންމާތަކެއް ގަނޫނުން ލިބިދީފައި ވާތީ، ކޮންމެ އަހަރަކު ވެސް ވަރަށް ބޮޑު ބަޖެޓެއް އޮޑިޓް އޮފީހަށް ދެމުން އަންނަ ކަމަށެވެ. ނަމެވެސް މިހާރަކަށް އައިސް އެއްވެސް ރިޕޯޓެއް އޮޑިޓް އޮފީހުން ނެރެފައިނުވުމަކީ ހިތާމަކުރަން ޖެހޭ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.


"ވެދާނެ އޮޑިޓާ ޖެނެރަލެއް ނެތުމުން ރިޕޯޓް ނުނެރެވެނީ ކަމަށް ވެސް. ވަރަށް ގިނަ ކޮރަޕްޝަނާއި ހިޔާނާތުގެ ވާހަކަތަކެއް ދައްކަމުންދާ މި ދަނޑިވަޅުގައި އޮޑިޓާ ޖެނެރަލެއް ނެތުމަކީ ކަންބޮޑުވާން ޖެހޭކަމެއް. އެހެންކަމުން އޮޑިޓާ ޖެނެރަލެއް އައްޔަން ކުރުމަށް މަގުފަހިކުރުމަށްޓަކައި، އެ މަގާމަށް އައްޔަން ކުރުމަށް އެއްނަމަށް ވުރެ ގިނަ މީހުންގެ ނަން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައި ދެއްވުމަށް ރައީސް ނަޝީދަށް އަޅުގަނޑު ގޮވައިލަން،"


ރިޔާޒު ވިދާޅުވީ، އޮޑިޓަޖެނެރަލް އޮފީހަށް ހަމައެކަނި ބަޖެޓެއް ދިނުމަކުން ނުފުދޭ ކަމަށެވެ. އަދި އެ އޮފީހުގެ މަސައްކަތްތަކަކީ، މާލިއްޔަތު ކޮމިޓީގެ ބެލުމުގެދަށުން ކުރިއަށްދާ މަސައްކަތަކަށް ވާތީ، އެ އޮފީހުގެ މަސައްކަތްތައް ކުރިއަށްދާ ސްޕީޑް ބަލައި އެ އޮފީސް ޒިންމާދާރު ކުރުވުމަކީ، މާލިއްޔަތު ކޮމިޓީގެ މަސްއޫލިއްޔަތެއް ކަމުން އެކަން ބެލުމުގެ ކަންތައް ހަރުދަނާ ކުރެއްވުމަށް ވެސް ރިޔާޒު އެދިވަޑައިގެންނެވި އެވެ.


އޮޑީޓާ ގާނޫނުގައިވާ ގޮތުން އޮޑިޓް އޮފީހުގެ ބަޖެޓް، ދައުލަތުގެ ބަޖެޓްގައި ހިމެނޭނީ މާލިއްޔަތު ކޮމެޓީން ފާސްކުރުމަށް ފަހު އެވެ.