ލޯންގްލައިން ނުވަތަ ލޭނު މަސްވެރިކަމާ ބެހޭގޮތުން ފިޝަރީޒް މިނިސްޓްރީއާއި މިފްކޯ ގުޅިގެން ކުރިޔަށް ގެންދިޔަ ތަމްރީނު ޕްރޮގްރާމްގެ ފުރަތަމަ ފިޔަވަހި މިއަދު ނިންމާލައިފި އެވެ.

ހއ. ހޯރަފުށީގެ 10 ޒުވާނުން ބައިވެރިކޮއްގެން ހަފްތާއެއްގެ މުއްދަތަށް ކުރިޔަށް ގެންދިޔަ އެ ތަމްރީނު ޕްރޮގްރާމް ނިންމާލުމަށްފަހު ތަމްރީނުގެ ބައިވެރިންނާ އެކު ފިޝަރީޒް މިނިސްޓްރީގެ ލޭނު މަސްވެރިކަމަށް ތައްޔާރުކޮށްފައިވާ ބޯޓް މިއަދުވަނީ ކަނޑުއޮތްގިރިއަށް އައިސްފަ އެވެ.

އެ ތަމްރީނު ޕްރޮގްރާމްގެ ދަށުން ލޯންގްލައިން އަޅާނެ ގޮތާއި އެ މަސައްކަތުގައި ބޭނުންކުރާ ތަކެތީގެ އިތުރުން ސަލާމަތާބެހޭ ކަންތައްތަކާ ބެހޭގޮތުން ބައިވެރިންނަށް މައުލޫމާތު ދީފައިވެ އެވެ.

މީޑިއާއަށް މައުލޫމާތު ދެއްވަމުން މިފްކޯގެ ޑެޕިއުޓީ މެނޭޖަރު އަހްމަދު ދީދީ ވިދާޅުވީ، ލޭނު މަސްވެރިކަމަކީ ދިވެހިންނަށް ކުރެވިދާނެ ކަމެއް ކަމަށާއި އެ މަސައްކަތް ކޮށްފިނަމަ އޭގެ މަންފާ ދިވެހިންނަށް ވަރަށް ފުރިހަމަ ގޮތެއްގައި ކުރާނެ ކަމަށެވެ.

އެގޮތުން ލޭނު މަސްވެރިކަމުގައި ބާނާ "ލޯބޮޑު ކަންނެއްޔަކީ" އާދައިގެ ކަންނެއްޔަށްވުރެ ބޮޑު އަގެއްގައި ބާޒާރަށް ދޫކޮއްލެވޭ ކަންނެލީގެ ބާވަތެއްކަމަށާއި އެ އެކްސްޕޯޓް ކުރުމުން ލިބޭ ފައިދާވެސް ބޮޑުވާނެކަމަށް ދީދީ ފާހަގަ ކުރެއްވި އެވެ.

މިއަދު ނިންމާލި ތަމްރީނު ޕްރޮގްރާމްގައި ބާނާފައިވާ މަސްތައް ވަނީ، ކަނޑު އޮތް ގިރިއަށް ވިއްކާލާފަ އެވެ.

ދީދީ އިތުރަށް ވިދާޅުވީ ފިޝަރީޒް މިނިސްޓްރީއާއި ގުޅިގެން އަދި މިފަދަ އިތުރު ޕްރޮގްރާމްތަށް ކުރިޔަށް ގެންދަން ނިންމާފައި ވާކަމަށެވެ. އެގޮތުން އަންނަ އޭޕްރީލް މަހުގެ ކުރީކޮޅުވެސް މިފަދަ ޕްރޮގްރާމެއް ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.