02 Mar 2014, 15:44
މާލޭގެ ރަށްވެހިންގެ ތެރެއިން، ބޯހިޔާވަހިކަމުގެ ދަތިކަން ކުރިމަތިވެފައިވާ މީހުންނަށް ހައްލެއް ހޯދައި ދިނުމަށް ސަރުކާރުން ފަށާފައިވާ އިޖްތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން އަޅަން ނިންމާފައިވާ ފްލެޓްތަކަށް އެދުމަށް މިއަދު ފޯމް ދޫކުރަން ފަަށައިފި އެވެ.
ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު "ސަން" އަށް ވިދާޅުވީ ސަރުކާރުން މިދިޔަ މަހުގެ 16 ވަނަ ދުވަހު އިފްތިތާހު ކުރި އެ އާ ސޯޝަލް ހައުސިން ސުކީމް ދަށުން އަޅަން ނިންމާފައި ވަނީ 1100 ފެލްޓް ކަމަށާއި އެ ސުކީމް ބަހާލާފައި ވަނީ ތިން ކެޓަގަރީއަކަށް ކަމަށެވެ.
"އެ ސުކީމުގެ ދަށުން، ފުރަތަމަ ކެޓަގަރީއަށް ދޭން ނިންމާފައި ވަނީ 1100 ފެލްޓްގެ 40 ޕަސެންޓް. އަދި ދެން ހުރި ދެ ކެޓަގަރީ އަށް ދޫކުރަން ނިންމާފައި ވަނީ 30 ޕަސެންޓް،" މުއިޒް ވިދާޅުވި އެވެ.
ސަރުކާރުން ތައާރަފްކުރި ތިން ކެޓަގަރީގެ ތެރެއިން ފުރަތަމަ ކެޓަގަރީ ހާއްސަކޮށްފައި ވަނީ މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ޖެހިފައިވާ މީހުންނާ އެކު، މާލޭގައި ރަށްވެހިވެފައިވާ މީހުންނަށެވެ. ދެވަނަ ކެޓަގަރީ ހާއްސަކޮށްފައި ވަނީ މާލޭގައި ގިނަ ދުވަހު ދިރިއުޅެމުންދާ، އަތޮޅުތަކުގެ މީހުންނަށެވެ. އަދި ތިން ވަނަ ގެޓަގަރީ ހާއްސަ ކޮށްފައި ވަނީ މާލޭގެ ރަށްވެހިންގެ ތެރެއިން ބިމެއް އޮވެ، އެހެންނަމަވެސް ބިމުގެ ދަތިކަން ކުރިމަތިވެފައިވާ މީހުންގެ ތެރެއިން އެ ބިންކޮޅު އެއްކޮށް ސަރުކާރަށް ދޭން އެއްބަސްވާ ފަރާތްތަކަށެވެ.
މުއިޒް ވިދާޅުވީ އެ ސްކީމާ ގުޅޭ ގިނަ މައުލޫމާތުތަކެއް ރައްޔިތުންނަށް ދިނުމުގެ ބޭނުމުގައި އެ މަޝްރޫއުގެ ދަށުން އަޅަން ނިންމާފައިވާ ފްލެޓްތަކަށް އެދި ހުށަހަޅާ ފޯމްތައް ބަލައިގަންނަން ފަށާނީ އަންނަ މެއި މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި ކަމަށެވެ.
"އަޅުނގަޑުމެންނަށް ތަޖުރިބާއަކަށްވީ ވެށިފަހި ޕްރޮގްރާމުގައި ވެސް ވަރަށް ގިނަ ފަރާތްތަކުން ފޯމް ހުށަހަޅާ އިރު، އެއްޗެހިތައް ފުރިހަމަނުކޮށް ހުށަހެޅުން. އެކަމުގެ ސަބަބުން ދެ ފަރާތަށް ވެސް ދަތިތަކެއް ކުރިމަތިވޭ. ގިނަ ދުވަސް ދިނުމުން ރަނގަޅަށް ކިޔާލާ، ބޭނުންވާ މައުލޫމާތު ކިޔާބަލާ ލެވޭނެ." މުއިޒް ވިދާޅުވި އެވެ.
ފްލެޓްތައް ކުރިމަތިލާ މީހުންގެ ތެރެއިން ފުރަތަމަ އަދި ދެ ވަނަ ކެޓަގަރީއަށް ކުރިމަތިލާ މީހުންގެ ތެރެއިން ޝޯޓްލިސްޓް ކުރާ މީހުންގެ ގެތަކަށް ޒިޔާރަތްކުރައްވައި ދީފައިވާ މައުލޫމާތު ސައްހަތޯ ބައްލަވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން ސައްހަ ނޫން ފޯމްތައް ބާތިލު ކުރައްވާނެ ކަމަށް ވެސް މުއިޒް ވިދާޅުވި އެވެ.
މާލޭގައި ބޯހިޔާވަހިކަމުގެ ދަތިކަން ކުރިމަތިވެފައިވާ މީހުންނަށް ތަނަވަސް ބޯހިޔާވަހިކަމެއް ހޯދައިދިނުމަށް ފަށާފައިވާ އެ މަޝްރޫއުގެ ދަށުން އަޅާ 1100 ޕްލެޓްގެ ތެރެއިން 715 ފްލެޓް އެޅުމަށް ހަމަޖެހިފައި ވަނީ ޗައިނާގެ އެގްޒިމް ބޭންކުން ދީފައިވާ ލުއި ލޯނުގެ ދަށުންނެވެ. އަދި ދެން އަޅަން ހަމަޖެހިފައިވާ 385 ފެލްޓް އެޅުމަށް ހަމަޖެހިފައި ވަނީ އިންޑިއާގެ އެގްޒިމް ބޭންކް މެދުވެރިކޮށް އެ ގައުމުގެ ސަރުކާރުން ދީފައިވާ ލުއި ލޯނެއްގެ ދަށުންނެވެ.
މުއިއްްޒު ވިދާޅުވީ އެ ސުކީމްގެ ދަށުން އަޅާ ފްލެޓްތަކުގެ މަސައްކަތް ދެ މަސް ދުވަހުގެ ތެރޭގައި ފެށޭނެ ކަމަށެވެ.
މުއިޒް ވިދާޅުވީ އެ 1100 ފްލެޓްތަކުގެ ތެރެއިން އިތުރު ފްލެޓްތަކެއް ވިލިމާލެ އާއި ހުޅުމާލޭގައި ވެސް އެޅުމަށް ހަމަޖެހިފައިވާ ކަމަށާއި އެގޮތުން ވިލިމާލޭގައި ގާތްގަނޑަކަށް 150 ފްލެޓް އެޅުމުގެ އިދާރީ މަސައްކަތްތައް މިހާރު ކުރިއަށްދާ ކަމަށެވެ. އަދި އެކަން މިމަހުގެ ތެރޭގައި ވެސް ފެށުމަށް މަސައްކަތް ކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.