02 Mar 2014, 15:34
ފ. ބިލެއްދޫ އާއި ތ. ވޭމަންޑޫގެ އިންޖީނުގެ ހިންގަން ފެނަކަ ކޯޕަރޭޝަނުން މިއަދު ހަވާލުވެއްޖެ އެވެ.
އެ ދެ އިންޖީނުގެއާ ފެނަކައިން ހަވާލުވީ މިއަދު ހެނދުނު ޕޯޓް ކޮމްޕްލެކްސް ބިލްޑިންގްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.
އެ ދެރަށުގެ އިންޖީނުގެ ހިންގުން އެ ދެ ރަށުގެ ކައުންސިލުން ފެނަކައަށް ހަވާލު ކޮށްދެއްވާފައިވާ އިރު ފެނަކައިގެ ފަރާތުން އެ ދެ އިންޖީނުގެއާ ހަވާލުވީ ފެނަކައިގެ މެނޭޖިންގް ޑިރެކްޓަރު މުހައްމަދު ނިމާލް އެވެ.
"ސަން" އަށް މައުލޫމާތު ދެއްވަމުން ފެނަކައިގެ މެނޭޖިންގް ޑިރެކްޓަރު މުހައްމަދު ނިމާލް ވިދާޅުވީ ފެނަކައިން އަބަދު ވެސް މަސައްކަތް ކުރާނީ ރާއްޖޭގެ ރަށްރަށުގެ ކަރަންޓްގެ ހިދުމަތް ރަނގަޅު ފެންވަރެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ކަމަށާއި މިއަދު ހަވާލުވި ދެ ރަށުގެ ވެސް ކަރަންޓް ރަނގަޅު ފެންވަރެއްގައި ފޯރުކޮށްދެއްވާނޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އެގޮތުން ކަރަންޓް ދިނުމަށް ބޭނުންވާ ޖަނަރޭޓަރުތައް މި އަހަރުގެ ރޯދަ މަހުގެ ކުރިން އެ ދެ ރަށަށް ގެންގޮސް ކަރަންޓްގެ ހިދުމަތް ފައްޓަވާނޭ ކަމަށް ވެސް ނިމާލް ވިދާޅުވި އެވެ.
ނިމާލް އިތުރަށް ވިދާޅުވީ މިއަދު ހަވާލުވި ދެ ރަށާ އެކު ޖުމްލަ 148 ރަށަށް ފެނަކައިން ކަރަންޓްގެ ހިދުމަތް ފޯރުކޮށްދެމުން އަންނަ ކަމަށާއި ވަރަށް އަވަހަށް ފ. ނިލަންދު އަށް ވެސް ކަރަންޓް ފޯރުކޮށް ދިނުމުގެ މަސައްކަތާ ފެނަކައިން ހަވާލުވާނޭ ކަމަށެވެ.