02 Mar 2014, 15:00
ނޭޕާލުގެ ވެރިރަށް ކަތުމަންޑޫގައި އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ތިން ވަނަ ސައުތު އޭޝިއަން ބާސްކެޓްބޯލް ޗެމްޕިއަންޝިޕު (ސާބާ)ގައި ވާދަކުރާ ރާއްޖޭގެ ގައުމީ ފިރިހެން ބާސްކެޓްބޯޅަ ޓީމުގެ ހެޑް ކޯޗަކަށް އިބްރާހިމް ނާހިދު ހަމަޖައްސައިފި އެވެ.
އެމްބީއޭގެ ޖެނެރަލް ސެކްރެޓަރީ އާރިފް ރިޒާ ވިދާޅުވީ، ޓީމުގެ ހެޑް ކޯޗަކަށް ނާހިދު ހަމަޖެއްސި އިރު، ޓީމުގެ އެސިސްޓެންޓު ކޯޗަކަށް ހަމަޖައްސާފައި ވަނީ އަހުމަދު ފަޔާޒް ކަމަށެވެ. އަދި އެ ދެ މަގާމް ވެސް އައްޔަން ކޮށްފައި ވަނީ އެސޯސިއޭޝަންގެ އެކްސްކޯއިން ކަމަށް ރިޒާ ވިދާޅުވި އެވެ.
ރިޒާ ވިދާޅުވީ، އަންނަ މަހުގެ 24 އިން 29 އަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މިމުބާރާތުގައި ވާދަކުރާ ގައުމީ ބާސްކެޓު ޓީމުގެ ފަރިތަކުންތައް މިހާރު ފެށުމަށް ހަމަ ޖެހިފައި ވަނީ އަންނަ ބުދަދުވަހު ކަމަށެވެ.
ސާބާ ޗެމްޕިއަންޝިޕުގައި ވާދަކުރުމަށް ނޭޕާލަށްދާ ގައުމީ ބާސްކެޓު ޓީމުގެ އިތުރުން، ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި މިމަހު 24 އިން 28 އަށް ބޭއްވުމަށް ހަމަޖެހިފައިވާ ސާބާ ތްރީއޮންތްރީ މުބާރާތުގައި ވާދަކުރާ ގައުމީ ބާސްކެޓު ޓީމުގެ ކޯޗަކަށް މުހައްމަދު ވަހީދު ހަމަޖައްސާފައިވާ ކަމަށްވެސް ރިޒާ ވިދާޅުވި އެވެ.