02 Mar 2014, 14:29
މޯލްޑިވިއަން އިން 50 ގޮނޑީގެ އިތުރު މަތިންދާބޯޓެއް އަންނަ މެއި މަހު ގެންނަން ނިންމާފައިވާ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.
ވައިގެ ދަތުރުފަތުރުގެ ހިދުމަތްދޭ ސަރުކާރުގެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ހާރިސް "ސަން"އާ ވާހަކަ ދައްކަވަމުން މިއަދު ވިދާޅުވީ ޑޭޝް8ގެ 50 ގޮނޑީގެ މަތިންދާ ބޯޓު މޭ މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި ގެނެވޭނެ ކަމަށެވެ.
"އަޅުގަނޑުމެން މަސައްކަތް ކުރަނީ ދިވެހިންނަށް ފަސޭހަކަމާ އެކު ދަތުރުކުރެވޭނެ ގޮތްތަކެއް ހަމަޖައްސަން. މި ބޯޓާ އެކު ދަތުރުތައް އިތުރުކުރުމަށް ފަސޭހަ ވެގެންދާނެ،" އޭނާ ވިދާޅުވި އެވެ.
ހާރިސް އިތުރަށް ވިދާޅުވީ އެ ކުންފުންޏަށް ގެންނަ ޑޭޝް8 މަރުކާގެ ހަތް ވަނަ ބޯޓާ އެކު އިތުރު ވަޒީފާތަކެއް ވެސް އުފެދިގެން އަންނާނެ ކަމަށެވެ.
އެ ކުންފުނީގެ އުދުހުންތަކުގައި މިހާރު ބޭނުންކުރަނީ އެއާބަސް 320އޭގެ މަތިންދާބޯޓަކާއި ޑޭޝް އަށެއް 200 މަރުކާގެ 36 ގޮނޑީގެ ދެ ބޯޓާއި ޑޭޝް އަށެއް 300 މަރުކާގެ، 50 ގޮނޑީގެ ހަތަރު ބޯޓެވެ.