އިނގެރޭސި ވިލާތުގެ ޖާސޫސީ އިދާރާއެއް ކަމަށްވާ ގަވަރމަންޓް ކޮމިއުނިކޭޝަންސް ހެޑްކުއާޓާސް (ޖީސީއެޗްކިޔު) އިން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޔާހޫ މެދުވެރިކޮށް ވެބްކެމް ބޭނުން ކޮށްފައިވާ މީހުންގެ މަންޒަރުތައް ހޯދައި ބަލާފައިވާ ކަމަށް އެ ގައުމުގެ ނޫހެއް ކަމަށްވާ ދަ ގާޑިއަން އިން ބުނެފި އެވެ.

އޮޕްޓިކް ނާރވް ގެ ނަން ދެވިފައިވާ މި އޮޕަރޭޝަން ހިންގާފައި ވަނީ އެމެރިކާގެ ނެޝަނަލް ސެކިއުރިޓީ އޭޖަންސީ (އެންއެސްއޭ) އާ ގުޅިގެންނެވެ. 2008 ވަނަ އަހަރުން 2010 ވަނަ އަހަރަށް މި އޮޕަރޭޝަން ހިންގާފައި ވާއިރު 2008 ވަނަ އަހަރުގެ 6 މަސް ދުވަހުގެ ތެރޭގައި 1.8 މިލިއަން މީހުންގެ މަންޒަރުތައް ޖީސީއެޗްކިޔު އިން އެއްކޮށްފައިވާކަމަށް ދަ ގާޑިއަން އިން ބުނެއެވެ.

ދަ ގާޑިއަން ނޫހުން އެ ރިޕޯޓު އެކުލަވާލާފައި ވަނީ ސިއްރު މައުލޫމާތު ތަކެއް ލީކު ކޮށްލުމަށްފަހު ރަޝިޔާގައި ހިމާޔަތް ހޯދާފައިވާ އެމެރިކާގެ އެންއެސްއޭ ގެ މުއައްޒަފެއްކަމަށްވާ އެޑްވަޑް ސްނޯޑަން ލީކް ކޮށްލާފައިވާ މައުލޫމާތު ތަކެއްގެ މައްޗަށް ބިނާކޮށެވެ. ސްނޯޑަން ލީކުކޮށްލާފައިވާ ލިޔުމެއްގައި ވާގޮތުން ޖީސީއެޗްކިޔު އިން އެންމެ ގިނައިން އެއްކޮށްފައި ވަނީ މީހުން ބަރަހަނާ ކޮށް ތިބެ ނަގާފައިވާ މަންޒަރުތަކެވެ. ނަމަވެސް މިއީ ގަސްތުގައި އެފަދަ މަންޒަރުތައް އެއްކުރަން ކޮށްފައިވާ މަސައްކަތެއް ނޫން ކަމަށް އެ ލިޔުމުގައި ބުނެއެވެ.

ޖީސީއެޗްކިޔު އިން އާއްމުންގެ ޒާތީ މަންޒަރުތައް އެއްކޮށްފައިވާ ކަމުގެ އެއްވެސް މައުލޫމާތެއް ލިބިފައި ނުވާކަމަށް ބުނެ ޔާހޫ ވަނީ މި މައްސަލައިން ބަރީއަވާން މަސައްކަތް ކޮށްފައެވެ. މި ކަންތައް ކުއްވެރިކޮށް ޔާހޫ އިން ބުނީ މިއީ “އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން” ކަމަށާއި މިއީ ޒާތީ ދިރިއުޅުމުގެ ހައްގާ ހިލާފުވުން ކަމުގައެވެ.

“މި ރިޕޯޓަކީ ހަގީގީ ރިޕޯޓެއް ކަމުގައި ވާނަމަ، މިއީ މި ކުންފުނީގެ ހިދުމަތްތައް ބޭނުންކުރާ ފަރާތްތަކުގެ ޒާތީ ދިރިއުޅުމުގެ ހައްގަށް އަރައިގަތުން ކަމުގައި ދެކެމެވެ. އެއްވެސް މިންވަރެއްގައި މިކަން ބަލައި ނުގަންނަ ހާލު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ ގައުމުތަކައި އެ ގައުމުތަކުގެ ސަރުކާރުތަކުން ޖާސޫސު ކުރުމާ ބެހޭ ގާނޫނުތައް މުރާޖާކޮށް އުސޫލުތައް އިސްލާހުކުރުމަށް މި ކުންފުނިން ގޮވާލަން” ޔާހޫ އިން ބުންޏެވެ.

މި ކަމާ ގުޅިގެން ޖީސީއެޗްކިޔު އިން ނެރުނު ބަޔާނުގައި ބުނީ އެ އިދާރާގެ ހުރިހާ ހަރަކާތްތަކެއްވެސް ހިނގަނީ ގާނޫނާއި ގަވައިދާ އެއްގޮތަށް ކަމަށެވެ.