ބަލަމުންދާ މައްސަލައެއް ބަލައި ނިމެންދެން އައިޖީއެމްއެޗްގައި އަލަށް އިމާރާތްކުރާ 14 ބުރީގެ އާއިމާރާތުގެ މަސައްކަތް ނުފެށުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަންގައިފި އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން އޭސީސީގެ ރައީސް ހަސަން ލުތުފީ މިއަދު ވިދާޅުވީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގައި އަމީން ކޮންސްޓަރަކްޝަނާ މަސައްކަތް ހަވާލުކުރި އިރު އެކަމަށް 10 މިލިއަން ރުފިޔާ އިތުރުކޮށްފައިވާ ކަމަށެވެ. އަދި އެ މަސައްކަތް މަޑުޖެހިފައި އޮތުމަށް ފަހު އަލުން އަމީން ކޮންސްޓްރަކްޝަނާ ހަވާލުކުރުމަށް މި ސަރުކާރުން ނިންމާފައި ވަނީ އަނެއްކާ ވެސް އިތުރު 14 މިލިއަން ރުފިޔާ އިތުރުކޮށްގެން ކަމަށް ބުނެ އެ ކޮމިޝަނަށް ޝަކުވާ ހުށަހަޅާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ކުރީގެ ސަރުކާރުން 10 މިލިއަން ރުފިޔާ އިތުރުކޮށްފައި ވަނިކޮށް އަނެއްކާ މި ސަރުކާރުން 14 މިލިއަން ރުފިޔާ އިތުރުކުރުމުގައި ސުވާލު އުފެދޭކަންތައްތަކެއް ހުރިކަމަށް ހުށަހެޅިފައިވާ ޝަކުވާގައި ބުނެފައިވާ ކަމަށެވެ. އެހެންކަމުން އޭސީސީން އެ މައްސަލަ ބެލުމަށް ފަހު ވަކިގޮތެއް އަންގަންދެން އައިޖީއެމްއެޗްގެ އާއިމާރާތުގެ މަސައްކަތް އަމީން ކޮންސްޓްރަކްޝަނާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިނުކުރުމަށް ސަރުކާރަށް އަންގާފައިވާނެ ކަމަށް ލުތުފީ ވިދާޅުވި އެވެ.

އައިޖީއެމްއެޗްގެ އާ އިމާރާތުގެ މަސައްކަތް ފަށާފައި ވަނީ މީގެ ހަ އަހަރު ކުރިންނެވެ. ނަމަވެސް ކޮންމެވެސް ހިސާބަކުން މައްސަލައެއް ޖެހިގެން މަސައްކަތް ހުއްޓޭ ގޮތް މެދުވެރިވެ އެވެ.

ދާދިފަހުން ހެލްތު މިނިސްޓަރު ޑރ. މަރިޔަމް ޝަކީލާ ވިދާޅުވެފައި ވަނީ އަންނަ އޭޕްރީލް މަހުގެ ނިޔަލަށް އެ އިމާރާތުގެ މަސައްކަތް ނިންމާލެވޭނެ ކަމަށެވެ.