02 Mar 2014, 14:01
އެކްސިޑެންޓެއްގައި މީހަކު މަރުވި މައްސަލައެއްގައި ހިމެނޭ މީހަކު މަސްތުވާތަކެތީގެ ވިޔަފާރީގެ މައްސަލައެއްގައި 10 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.
އެ ހުކުމް ކޮށްފައި ވަނީ ޏ. ފުވައްމުލަކު ހޯދަޑިގޭ މުހައްމަދު އިބްރާހިމްގެ މައްޗަށެވެ.
ދެހާސް ހަވަނަ އަހަރު ޏ. ފުވައްމުލަކުގައި ބާރު ސްޕީޑްގައިދުއްވާފައި އޭނާ ކާރެއްގައި ދަނިކޮށް ފާރެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އެ ކާރުގައި އިން މީހަކު ވަނީ މަރުވެފަ އެވެ. އެއިރު އޭނާގެ ޑްރައިވިން ލައިސަންސްގެ މުއްދަތު އޮތީ ހަމަވެފަ އެވެ.
ކްރިމިނަލް ކޯޓުގެ ހުކުމްގައި ބުނެފައި ވަނީ މަސްތުވާތަކެތި ގެންގުޅުނު ކަމަށް މުހައްމަދު އިބްރާހީމް އިންކާރުކުރިނަމަވެސް އޭނާގެ ގޭގެ ގޯތި ތެރެއަށް އެއްޗެއް ވައްޓާލި މަންޒަރު ފެނުނު ކަމަށް ހެކީން ހެކިބަސްދީފައިވާ ކަމަށެވެ. އޭނާ ވައްޓާލި އެތި ތަހުލީލުކުރި އިރު ބޭހުގެ ގޮތުގައި ބޭނުންކުރެވޭ މަސްތުވާތަކެތީގެ ބާވަތަކަށް ޕޮޒިޓިވްވެފައިވާ ކަމަށް ވެސް އެ ހުކުމްގައި ވަނީ ބުނެފަ އެވެ.