މި އަހަރު ހައްޖުގެ އަޅުކަން އަދާކުރަން ހައްޖު ކޯޕަރޭޝަނަށް ދޫކޮށްފައިވާ ކޯޓާގެ އަދަދު ހަމަވަންދެން ނަންބަރު ދޫކުރަން ނިންމައިފި އެވެ.

ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ޔާމީން އިދްރީސް މިއަދު ސަން އަށް ވިދާޅުވީ މިއަދު ހެނދުނުން ފެށިގެން މެންދުރު 2:00 އަށް، ހައްޖަށް ދިއުމަށް ބޭނުންވާ މީހުން ރަޖިސްޓްރީ ކުރުމަށް ނަންބަރު ދޫކުރަން ނިންމާފައި އޮތް ނަމަވެސް، އެ ކޯޕަރޭޝަނަށް ކޯޓާ ލިބިފައިވާ އަދަދަށް މިހާރު ނަންބަރު ދޫކުރާނެ ކަމަށެވެ.

"އިއްޔެ އިން ސުރެ އެބަތިބި ރަޖިސްޓްރީ ވުމަށް ކިއު ހަދާފައި. އެހެން ވެގެން މިއަހަރަށް ލިބިފައިވާ 370 ފުރުސަތު ހަމަވަންދެން ރަޖިސްޓްރީ ކުރުމަށް ނަންބަރު ދޫކުރާނެ،" އޭނާ ވިދާޅުވި އެވެ.

ކޯޓާ ލިބިފައިވާ އަދަދު ހަމަވުމުން، ވެއިޓިން ލިސްޓުގައި ހިމެނެން ބޭނުންވާ މީހުން ރަޖިސްޓްރީ ކުރުމަށް ނަންބަރު ދޫކުރުން މާދަމާ ހެނދުނުން ފަށައިގެން ދަރުބާރުގޭގައި ކުރިއަށްދާނެ ކަމަށް ޔާމީން ވިދާޅުވި އެވެ.

ހައްޖު ކޯޕަރޭޝަންގެ ޗެއާމަން ޑރ. އައިޝަތު މުނީޒާ މިއަދު ވިދާޅުވީ ރަޖިސްޓްރީ ވުމަށް މިއަދު ހުޅުވާލި ފުރުސަތުގައި މިހާތަނަށް 20 އަށް ވުރެ ގިނަ މީހުން ރަޖިސްޓްރީ ކޮށްފައިވާ ކަމަށާއި ރަޖިސްޓްރީ ކުރުން ކުރިއަށްދަނީ ކިއު ތަރުތީބުން ކޮންމެ ބޭފުޅަކަށް ވެސް ދޫކުރާ ނަންބަރެއްގެ ދަށުން ކަމަށް އޭނާ ވިދާޅުވި އެވެ.

މުނީޒާ ވިދާޅުވީ ހައްޖުގެ އަޅުކަން އަދާކުރަން އިސްކަމެއް ދޭނީ ފުރަތަމަ ފަހަރަށް ހައްޖަށްދާ މީހުންނަށް ކަމަށާއި ނަމަވެސް ކުރިން ހައްޖުގެ އަޅުކަން އަދާކޮށްފައިވާ މީހުންގެ ޑޭޓާއެއް ނެތުމުން ރަޖިސްޓްރޭޝަންގެ މަރުހަލާގައި އެއެއްޗެހި ޗެކް ނުކުރެވޭނެ ކަމަށެވެ.

"ރާއްޖޭގެ ޑޭޓާ ސިސްޓަމް އޮންނަ ގޮތުން އެ އެއްޗެހި ވަގުތުން ޗެކްކުރެވޭނެ އުސޫލެއް ނެތް. އެހެން ނަމަވެސް ހައްޖަށް ދިއުމަށް ފުރިހަމަކުރަން ޖެހޭ ފޯމުގައި އެކަން ބަޔާންކުރަން އޮންނާނެ. ދެން މިބަލަނީ މިއީ ނިޔަތް ގަތުމުގެ ފުރަތަމަ ސްޓޭޖް ކަމުން ހުރިހާ ބޭފުޅަކު ވެސް ތެދު މައުލޫމާތު ދޭނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.

ނަމަވެސް ހައްޖަށްދާން ރަޖިސްޓްރީ ކުރި އެންމެންވެސް ދީފައިވާ މައުލޫމާތު ތެދުތޯ ބަލައި ދޮގު މައުލޫމާތެއް ހިމަނާފައިވާ ނަމަ އެ ފޯމެއް ބާތިލު ކުރާނެ ކަމަށް މުނީޒާ ވިދާޅުވި އެވެ.