ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައ މަސްތުވާތަކެތީގެ ވިޔަފާރި ކުރި ކަމަށް ބުނާ، މިހާރު 18 އަހަރަށް ޖަލަށްލުމަށް ހުކުމް ކޮށްފައިވާ މ. ލޮނުމިދިލިގޭ، އިބްރާހިމް ޝަފާޒް އަބްދުއްރައްޒާގް ބޭސް ފަރުވާއަކަށް ކަމަށް ބުނެ ސްރީ ލަންކާއަށް ފޮނުވާލާފައި ވަނީ ގަވާއިދާ ހިލާފަށް ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް ހަސަން ލުތުފީ މިއަދު ވިދާޅުވެއްޖެ އެވެ.

ސަފާގެ ނެޓްވޯކު 2011 ވަނަ އަހަރު އަތުލައިގަނެ މަސްތުވާތަކެތި ރާއްޖެއަށް އެތެރެ ކުރަން އުޅުމުގެ ކުށުގައި އޭނާށ 18 އަހަރަށް ޖަލަށްލުމަށް ހުކުމް ކޮށްފައި ވަނީ މިދިޔަ އަހަރުގެ ފަހުކޮޅެވެ.

އޭސީސީގެ ރައީސް ލުތުފީ ވިދާޅުވީ ސަފާ ލަންކާ އަށް ފޮނުވި މައްސަލަ އެ ކޮމިޝަނުން ބަލަމުން އަންނަ ކަމަށާއި އެ މައްސަލަ ބަލަން ފެށީ އެފަރާތަށް ހުށަހަޅާފައިވާ ޝަކުވާއަކާ ގުޅިގެން ކަމަށެވެ.

"ޝަފާޒް ރާއްޖެ އިން ބޭރަށް ފޮނުވުމުގައި ކޮންމެވެސް ބަޔަކު ގަވާއިދާ ހިލާފަށް ކަމެއް ކޮށްފައިވާކަން އެއީ އެންމެނަށް ވެސް އެނގޭ ކަމެއް. އަޅުގަނޑުމެން މި ބަލަނީ ސަރުކާރުގެ ތެރެއިން ކާކުތޯ އެކަން ކުރީ،" ލުތުފީ ވިދާޅުވި އެވެ.

ބޭސްފަރުވާ އަކަށް ރާއްޖެ އިން ބޭރަށް ދިޔުމުގެ ފުރުސަތު ސަފާ އަށް ދީފައި ވަނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިންނެވެ.

ކްރިމިނަލް ކޯޓުން ސަފާ 18 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރުމުން އޭނާ ވަނީ ލަންކާގައި ހުރެގެން އެ މައްސަލަ އިސްތިއުނާފް ކުރުމަށް ހައި ކޯޓަށް ވެސް ހުށަހަޅައިފަ އެވެ.