02 Mar 2014, 13:04
ޕްރިމިއާ ލީގުގައި އިއްޔެ ހަލް ސިޓީއާ ދެކޮޅަށް ކުޅުނު މެޗުގައި ނިއުކާސަލްގެ ކޯޗު އެލަން ޕާޑިއު، ހަލް ސިޓީގެ މިޑްފީލްޑަރު ޑޭވިޑް މޭލާ އަށް ދިން ހަމަލާ އާއި ގުޅިގެން ނިއުކާސަލް އިން 100,000 ޕައުންޑުން ޕާޑިއު ޖޫރިމަނާ ކޮށް، އިންޒާރެއް ދީފި އެވެ.
ޕްރިމިއާ ލީގުގައި ހަލް ސިޓީ އާއި ދެކޮޅަށް ކުޅުނު މެޗުން ނިއުކާސަލް މޮޅުވީ 4-1 ލަނޑުންނެވެ. މެޗުގައި ނިއުކާސަލްގެ ޓެނިކަލް އޭރިއާ ތެރެއަށް މޭލާ އައުމުން ޕާޑިއުގެ ބޮލުން އޭނާ އަށް ހަމަލާދީފައިވެ އެވެ. މެޗުގައި ހިނގި ހާދިސާއާ ގުޅިގެން އިނގިރޭސި ފުޓްބޯޅަ އެސޯސިއޭޝަނުން ވެސް ޕާޑިއު އަށް ފިޔަވަޅު އަޅާނެ ކަމުގައި ވެސް ބެލެވެ އެވެ.
ނިއުކާސަލް ކޯޗުގެ ފަރާތުން އިއްޔެ ފެނުނު އަމަލާ ގުޅިގެން ހިތްހަމަނުޖެހުން ފާޅުކޮށް އެ ކްލަބުން ބަޔާނެއް ނެރެފައިވެ އެވެ. މޮޅުވަމުން ދަނިކޮށް ޕާޑިއުގެ ފަރާތުން މި ފަދަ އަމަލެއް ފެނުމަކީ ގަބޫލުކުރެވޭ ކަމެއް ނޫން ކަމުގައި އެ ބަޔާނުގައިވެ އެވެ.
"ނިއުކާސަލް ކޯޗުގެ ފަރާތުން މި ފެނުނު ކަންތައްތަކަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން. ހާއްސަކޮށް މޮޅުވަމުން ދަނިކޮށް ޕާޑިއުގެ ފަރާތުން މި ފަދަ އަހުލާގީ މައްސަލައެއް ފެނުމުން ކްލަބުން ހިތާމަކުރަން. ހިތާމައަކީ ދެން މި މެޗުގެ ސުރުހީ އަކަށް ވާނީ ނިއުކާސަލް މޮޅުވުމެއް ނޫންކަން. ސުރުހީ އަކަށް ވާނީ ކޯޗުގެ ފަރާތުން ފެނުނު އަމަލުގެ ވާހަކަ. މި އަމަލާއި ގުޅިގެން ޕާޑިއު ކްލަބަށް މައާފަށް އެދުނު. އެކަމާ ގުޅިގެން 100,000 ޕައުންޑް އިން ޕާޑިއު ޖޫރިމަނާ ކުރަން ކްލަބުން ނިންމައިފިން." ނިއުކާސަލް އިން ނެރުނު ބަޔާނުގައިވެ އެވެ.
މި މެޗުން ލިބުނު ތިން ޕޮައިންޓާ އެކު، ލީގުގެ 7 ވަނާގައި އޮތް މެންޗެސްޓާ ޔުނައިޓެޑާއި ނިއުކާސަލްއާ ދެމެދު އޮތް ފަރަގު ވަނީ ކުޑަ ވެފަ އެވެ. ޕްރިމިއާ ލީގުގައި ކުޅުނު 28 މެޗުން 8 ވަނާގައި އޮތް ނިއުކާސަލް އަށް ލިބިފައި ވަނީ 43 ޕޮއިންޓެވެ.