02 Mar 2014, 12:37
އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލްއާ ސްޓޯކް ސިޓީ ކުޅުނު މެޗުގައި ދިން ޕެނަލްޓީ އަކީ ރެފްރީ މައިކް ޖޯންސް، ސްޓޯކަށް ދިން ހަދިޔާ އެއް ކަމުގައި އާސެނަލް ކޯޗު އާސެން ވެންގާ ބުނެފި އެވެ.
ސްޓޯކްގެ އަމިއްލަ ދަނޑުގައި އެޓީމު އިއްޔެ އާސެނަލް އަތުން މޮޅުވީ 1-0 ލަނޑުންނެވެ. މެޗުގެ 76 ވަނަ މިނެޓްގައި ސްޓޯކަށް ލިބުނު ޕެނަލްޓީ އަކީ އާސެނަލްގެ ޕެނަލްޓީ އޭރިޔާގެ ތެރެއިން ޑިފެންޑަރު ލޯރެންޓް ކޮސިއެލްނީ އަތުގައި ބޯޅަ ޖެހުމުން ދިން ޕެނަލްޓީއެކެވެ.
"އެއީ ރެފްރީ ދިން ވަރަށް ރީތި ހަދަޔާއެއް." ވެންގާ ބުންޏެވެ. "ކޮސިއެލްނީ ހުރީ އެއް ޔާޑު ދުރުގައި. އޭނާ އަށް އެއްވެސް ވަގުތެއް ނެތް. އޭނާ އަށް އެ ވަގުތު އަތް ދުރަށް ލާނީ ކިހިނެތް؟ އެކަން ކުރަން އޭނާ އަށް އެއްވެސް ފުރުސަތެއް ނެތް."
ސްޓޯކް އަތުން އާސެނަލް ބަލިވުމާ އެކު، އެ ކްލަބު ތިންވަނަ އަށް ވެއްޓުނު އިރު، އެއްވަނާގައި އޮތް ޗެލްސީ އަށް ވަނީ ލީޑް ފުޅާވެފަ އެވެ. މި ބައްޔަކީ އާސެނަލް އަށް ލިބުނު ދެރައެއް ކަމުގައި ވެންގާ ބުނެފައި ވެއެވެ.
"މި ފަދަ މެޗަކުން ބަލިވުމަކީ ބޮޑު ކަންބޮޑުވުމެއް." ވެންގާ ބުންޏެވެ. "މެޗުގައި އަހަރެމެން ދައްކަން ބޭނުންވި ކުޅުމެއް ނުދެއްކުނު. ލީގު ހޯދަން މަސައްކަތްކުރާ އިރު، މިއަށްވުރެ ރަނގަޅު ކުޅުމެއް ދައްކަން ޖެހޭނެ. ސްޓޯކުން ވަރަށް ރަނގަޅު ޑިފެންސިވް ގޭމެއް ކުޅުނު، އަހަރެމެން ވެސް ރަނގަޅަށް އެޓޭކް ކުރިން. ނަމަވެސް މެޗު ނިމުނު އިރު، އަހަރެމެންނަށް ލަނޑެއް ކާމިޔާބު ނުކުރެވުނީ ނަސީބު ހުރި ގޮތުން."
ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލައިލާ އިރު، 63 ޕޮއިންޓާ އެކު އެއް ވަނައިގައި އޮތީ ޗެލްސީ އެވެ. ދެ ވަނައިގައި އޮތް ލިވަޕޫލާއި ތިން ވަނައިގައި އޮތް އާސެނަލް އަށް ލިބިފައި ވަނީ 59 ޕޮއިންޓެވެ. ލިވަޕޫލް އަށް ކުރި ލިބެނީ ގޯލްގެ ތަފާތުންނެވެ.