މުޒާހަރާ ކޮށްގެންނާއި ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީތަކުގައި ޑްރާމާ ކުޅެގެން، ރާއްޖޭގައި ސިއްހީ ހިދުމަތްދޭ ތަންތަނުގެ ހާލަތު ރަނގަޅު ނުކުރެވޭނެ ކަމަށް ޑިއާރުޕީ އިން ބުނެފި އެވެ.

އައިޖީއެމްއެޗްގައި އޮތް މާބަނޑު މީހެއްގެ ގަޔަށް އޮޅިގެން އެޗްއައިވީ ޕޮޒިޓިވް ލޭ އެޅުނު ހިތާމަވެރި ހާދިސާގައި ކަން ބޮޑުވުން ފާޅުކޮށް ޑީއާރުޕީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، މި ހާދިސާގެ ސަބަބުން، ލޭ އެޅުނު މާބަނޑު މީހާއާއި އޭނާގެ ބަނޑުގައިވާ މައުސޫމް ކުއްޖާގެ ދިރިއުޅުމުގެ ހައްގަށް ހުރަސްއެޅި، އެ އާއިލާއަށާއި މުޅި ދިވެހި އުންމަތަށް ލިބުނު ފުން ހިތާމައިގައި "އެއް ހިތާއި އެއް ރޫހެއްގައި" އެ ޕާޓީން ބައިވެރިވާ ކަމަށެވެ.

ޑީއާރުޕީ އިން ބުނީ، މި ހިތާމަވެރި ހާދިސާ ސިޔާސީ ކުރުމަށް ބައެއް ސިޔާސީ ޕާޓީތަކުން މަސައްކަތް ކުރާކަމީ އެ ޕާޓީން ހިތާމަކުރާ ކަމެއް ކަމަށެވެ.

"މިފަދަ މައްސަލަތަކަކީ، މުޒާހަރާކޮށްގެންނާއި ރައްޔިތުންގެ މަޖިލީހުގެ ކޮެމެޓީތަކުގައި ޑްރާމާ ކުޅެގެން ރަނގަޅު ކުރެވޭނެ ކަންތައްތަކެއް ކަމަށް މި ޕާޓީއަކުން ނުދެކެމެވެ." އެ ބަޔާނުގައިވެ އެވެ.

ޑިއާރުޕީން ބުނީ، އައިޖީއެމްއެޗްގައި ހިނގި ހާދިސާ، ސިޔާސީ ކުރުމަށް ބަޔަކު ހިންގަމުން ގެންދާ އަމަލުތަކުގެ ތެރޭގައި އެ ހޮސްޕިޓަލުގައި މަސައްކަތް ކުރައްވާ ހިދުމަތްތެރި ޑޮކްޓަރުންނާއި ހީވާގި ނަރުހުންނާއި އިހުލާސްތެރި ހިދުމަތްތެރިންނަށް ފުރައްސާރަކޮށް، ބިރުދައްކައި، ހެދުމުގެ ސަބަބުން، އެބޭފުޅުންގެ ވާބު އަދާކުރުމަށް ހުރަސްއެޅި، ނަފްސާނީ ބިރުވެރިކަމެއް އުފެދެމުންދާތީ "މިހިނދުން މިހިނދަށް" އެފަދަ އެންމެހައި އަމަލުތައް ހުއްޓާލުމަށް އެ ޕާޓީން ގޮވާލާ ކަމަށެވެ.

ކުރިމަގުގައި މިފަދަ ހިތާމަވެރި ހާދިސާއެއް ނުހިނގާނެ ގޮތަށް ހޮސްޕިޓަލްތަކާ ސިއްހީ ހިދުމަތްދޭ މަރުކަޒުތަކާ ތެލެސީމިއާ ސެންޓަރުތަކުގެ ސްޓޭންޑަޑު އޮޕަރޭޓިން ޕްރޮސީޖާތައް ހަރުދަނާ ކުރުމަަށާއި އެތަންތަނަށް އެންމެ ފަހުގެ ޒަމާނީ އާލާތްތައް ހޯދައިދިނުމަށް ސަރުކާރަށް ގޮވާލާ ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.