މާލޭގައި މާރާމާރީ މަދުކުރުމަށް ފުލުހުން ހިންގާ އޮޕަރޭޝަންގެ ދަށުން ހުސްބިންތަކާއި ބައެއް ގެތަށް ބަލައިފާސްކޮށް މަސްތުވާތަކެއްޗާއި މާރާމާރީ ހިންގުމަށް ބޭނުންކުރާ ތަކެތި ފުލުހުން ހޯދައިފި އެވެ.

މިއަދު 11:15 އެހައިކަންހާއިރު ފުލުހުން ހިންގި އެ އޮޕަރޭޝަންގައި ހެންވޭރު އަޑިޕާކް ބަލައި ފާސްކޮށް މާރާމާރީ ހިންގުމަށް ބޭނުންކުރާ އާލާތްތައް ވަނީ ހޯދާފަ އެވެ. އެގޮތުން ތޫނުކޮށްފައިވާ ދަގަނޑުތަކާއި ލަޓިބުރި ފަދަ ތަކެތި ފުލުހުން ވަނީ ހޯދާފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ އޮޕަރޭޝަންގައި ހެންވޭރުގެ ތިން ގެއެއް ބަލައިފާސްކޮށްފައިވާ ކަމަށެވެ.

ކޯޓު އަމުރެއްގެދަށުން މިއަދު ބަލައިފާސްކުރި ގެތަކުގެތެރެއިން ހ. ހަންޑްރެޑްފްލާވާގޭގެ ތެރެއިން މަސްތުވާތަކެއްޗާއެކު ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ހަންޑްރެޑްފްލާވާގޭގެ ކޮޓަރިއެއްގެ ތެރެއަށް ފުލުހުން ވަނުމާ އެކު އެ ކޮޓަރީގައި ތިބި މީހުން ވަނީ މަސްތުވާތަކެތި ކޮޓަރިން ބޭރަށް އުކާލާފަ އެވެ. އަދި އެސްއޯ ފުލުހުންގެ ޓީމުން ވަނީ އެ މީހުން އުކާލި މަސްތުވާތަކެތި ހޯދާފަ އެވެ.

އެ އޮޕަރޭޝަނަކީ ސްޕެޝަލިސްޓް އޮޕަރޭޝަން ޑިޕާޓްމަންޓާއި ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓް ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ.