އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީގެ ޖަރުމަން މިޑްފީލްޑަރު އަންދްރޭ ޝޫލޭ ކާމިޔާބުކުރި ހެޓްރިކާ އެކު ފުލަމް އަތުން މޮޅުވި އިރު، ސްޓޯކް ސިޓީ އަތުން އާސެނަލް ބަލިވެއްޖެ އެވެ.

އާސެނަލް ބަލިވުމާ އެކު ލީގުގެ އެއްވަނައިގައި އޮތް ޗެލްސީ އަށް ލީޑު ފުޅާވި އިރު، ރޭގެ މޮޅާ އެކު ލިވަޕޫލް ވަނީ ދެވަނަ އަށް އަރައިފަ އެވެ.

ލީގުގެ އެއްވަނާގައި އޮތް ޗެލްސީ އާ އެންމެ ފުލުގައި ފުލަމް ކުޅުނު މެޗު ނިމުނީ 3-1 ލަނޑުން ޗެލްސީ މޮޅުވެގެންނެވެ. ފުރަތަމަ ހާފުގައި އެއްވެސް ލަނޑެއް ނުފެނުނު ނަމަވެސް ޗެލްސީީގެ ފަރާތުން ގިނަ ހަމަލާތަކެއް ފެނިފައި ވެއެވެ.

ޗެލްސީގެ ފުރަތަމަ ލަނޑުގެ ޝޫލޭ ކާމިޔާބު ކުރީ މެޗުގެ 52 ވަނަ މިނިޓުގަ އެވެ. މެޗުގެ 65 ވަނަ މިނިޓްގައި ޝޫލޭގެ ދެވަނަ ލަނޑު ފެނުނު އިރު، އޭނާ ހެޓްރިކް ފުރިހަމަ ކުރި ލަނޑު ފެނުނީ އޭގެ ތިން މިނެޓް ފަހުންނެވެ. މެޗުގައި ފުލަމް އިން ޖެހި ހަމައެކަނި ލަނޑު މެޗުގެ 74 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ޖޯން ހެއިޓިންގާ އެވެ.

ސްޓޯކްގެ އަމިއްލަ ދަނޑުގައި އާސަނަލާއި ދެކޮޅަށް ކުޅުނު މެޗުން މޮޅުވީ 1-0 ލަނޑުންނެވެ. ސްޓޯކްގެ ހަމައެކަނި ލަނޑު މެޗުގެ 76 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން އެ ޓީމަށް ކާމިޔާބު ކޮށްދިނީ ޖޮނަތަން ވޮލްޓާސް އެވެ. ސްޓޯކް އަށް މި ޕެނަލްޓީ ލިބުނީ އާސެނަލްގެ ޕެނަލްޓީ އޭރިޔާ ތެރެއިން އެޓީމުގެ ޑިފެންޑަރު ލޯރެންޓް ކޮސިއެލްނީ ބޯޅައިގައި އަތް ލުމުންނެވެ.

ސައުތެމްޓަންގެ ދަނޑުގައި ލިވަޕޫލް މޮޅުވީ 3-0 ލަނޑުންނެވެ. މެޗުގެ ފުރަތަމަ ލަނޑު މެޗުގެ 16 ވަނަ މިނިޓްގައި ލިވަޕޫލް އަށް ކާމިޔާބު ކޮށްދިނީ ލުއިސް ސުއަރޭޒް އެވެ. ދެވަނަ ލަނޑު މެޗުގެ 58 ވަނަ މިނެޓުގައި ރަހީމް ސްޓާލިންގް ކާމިޔާބު ކޮށްދިން އިރު، ދެވަނަ ހާފުގެ އިތުރު ވަގުތުގައި ލިވަޕޫލް އަށް ލިބުނު ޕެނަލްޓީ އަކުން އެޓީމުގެ ތިން ވަނަ ލަނޑު ކާމިޔާބު ކޮށްދިނީ ކެޕްޓަން ސްޓީވަން ޖެރާޑް އެވެ.

ވެސްޓްހެމް އަތުން އެެވަޓަން މޮޅުވީ 1-0 ލަނޑުގެ ހަނި ތަފާތަކުންނެވެ. މެޗުގެ ހަމައެކަނި ލަނޑު މެޗު ނިމެން ނުވަ މިނެޓަށް ވެފައި ވަނިކޮށް އެވަޓަން އަށް ކާމިޔާބު ކޮށްދިނީ ބެލްޖިއަމް ފޯވަޑް ރޮމެލޫ ލުކާކޫ އެވެ. މެޗުގައި ވެސްޓް ހެމް އިން އެވަޓަން ގޯލަށް ފޮނުވާލެވުނީ ނުރައްކާތެރި އެންމެ ހަމަލާއެކެވެ.

ރަށުން ބޭރުގައި ހަލް ސިޓީ އާއި ދެކޮޅަށް ކުޅުނު މެޗުން ނިއުކާސަލް މޮޅުވީ 4-1 ލަނޑުންނެވެ. މެޗުގެ ފުރަތަމަ ލަނޑު 10 ވަނަ މިނެޓުގައި ނިއުކާސަލް އަށް މޫސާ ސިސޮކޯ ކާމިޔާބުކޮށްދިން އިރު، 42 ވަނަ މިނެޓްގައި އެޓީމަށް ލީޑު ފުޅާކޮށްދިނީ ލޮއިކް ރެމީ އެވެ. ދެވަނަ ހާފުގެ ކުޅުން ފެށިތާ މިނެޓެއް ފަހުން ކާޓިސް ޑޭވީސް ހަލް ސިޓީގެ ލަނޑު ކާމިޔާބުކުރި އެވެ. ނިއުކާސަލްގެ ތިން ވަނަ ލަނޑުގެ މެޗުގެ 55 ވަނަ މިނެޓްގައި ފުރަތަމަ ލަނޑު ވެސް ކާމިޔާބު ކޮށްދިން ސިސޮކޯ ކާމިޔާބު ކުރި އިރު، ދެވަނަ ހާފުގެ އިތުރު ވަގުތު ކޮޅު ތެރޭގައި އެޓީމުގެ ހަތަރު ވަނަ ލަނޑު ކާމިޔާބު ކޮށްދިނީ ވާނޮން އަނީޓާ އެވެ.

ޕްރެމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލައިލާ އިރު، 63 ޕޮއިންޓާ އެކު އެއް ވަނައިގައި އަދިވެސް އޮތީ ޗެލްސީ އެވެ. ދެ ވަނައިގައި އޮތް ލިވަޕޫލާއި ތިން ވަނައިގައި އޮތް އާސެނަލް އަށް ލިބިފައި ވަނީ 59 ޕޮއިންޓެވެ. ލިވަޕޫލް އަށް ކުރި ލިބެނީ ގޯލްގެ ތަފާތުންނެވެ.