ސްރީލަންކާގެ ކޮލަންބޯގައި ހުންނަ ފިހާރައަކުން ފްރޯޑްކާޑުތަކެއް ބޭނުންކޮށްގެން އަގު ބޮޑެތި ފޯންތަކެއް ގަން ކަމުގެ ތުހުމަތުގައި ދިވެއްސަަކު ލަންކާގެ ފުލުހުން ހައްޔަރުކޮށްފި އެވެ.

އެ ދިވެހި މީހާ ހައްޔަރުކުރީ ލަންކާގެ މެޖެސްޓިކް ސިޓީ ކުރިމަތިން ހުންނަ "މެކްސް ސްޓޯ" ނަމަކަށް ކިޔާ މޯބައިލް ފޯން ފިހާރައަކުން އޮޅުވައިލައިގެން އަގު ބޮޑެތި ފޯންތަކެއް ގަތުމަށް ފަހު، ދެވަނަ ފަހަރަށް އެ ފިހާރައަށް ފޯނެއް ގަތުމަށް އިއްޔެ އަނެއްކާ ވެސް ދިޔުމުންނެވެ.

އެ ފިހާރައިގެ ވެރިފަރާތުން "ސަން" އަށް މައުލޫމާތު ދެމުން މިއަދު ބުނީ އިސްކޮޅުން ކުރުކޮށް ހުރި އެ ދިވެހި މީހާ އެ ފިހާރަ އިން ފޯނެއް ގަތުމަށް އެހެން ދިވެއްސަކާ އެކު އެންމެ ފުރަތަމަ ފިހާރައަށް ދިޔައީ މިދިޔަ ޑިސެމްބަރު މަހު ކަމަށެވެ.

އެ ދުވަހު އޭނާ ވަނީ ބޭންކް އޮފް މޯލްޑިވްސްގެ ވިސާ ކާޑެއް ބޭނުންކޮށްގެން އައިފޯން5އެސް އަކާއި ސެމްސަންގް ގެލެކްސީ ނޯޓް3، ގަނެފަ އެވެ.

އޭނާ އިތުރަށް ބުނީ އެމީހާ ހައްޔަރުކުރީ އިތުރު ދިވެއްސަކާ އެކު އިއްޔެ ހަވީރުގެ ވަގުތެއްގައި އަނެއްކާ ވެސް އެ ފިހާރައަށް ގޮސް އައިފޯން5އެސް އެއް ގަންނަން ވެގެން އުޅުމުން ކަމަށެވެ. އަދި އިއްޔެ އެ ފޯން ގަތުމަށް އޭނާ ދިނީ އެޗްއެސްބީސީ ކާޑެއް ކަމަށާއި ނަމަވެސް ފޯނު އެމީހާ އަށް ވިއްކުމުގެ ކުރިން ފުލުހުންނަށް ރިޕޯޓް ކުރުމުން ފުލުހުން އައިސް އެމީހާ ހައްޔަރުކުރީ ކަމަށް ވެސް ފިހާރައިގެ ވެރިފަރާތުން ބުންޏެވެ.

"ދިވެހި މީހާ ބޭނުން ކުރީ ފްރޯޑް ކާޑެއް ކަން އަހަރުންނަށް އެނގުނީ އޭނާ އެންމެ ފުރަތަމަ ދެ ފޯން ގަތުމަށް ހެދި ޕާޗެސްއަކީ ފްރޯޑްކާޑަކުން ކޮށްފައިވާ ވިޔަފާރިއެއް ކަމަށް ބުނެ އެ ވިޔަފާރި ހުއްޓުވައިފައިވާ ކަމަށް ލަންކާގެ ބޭންކުން ގުުޅާފައި ބުނީމާ. އެ ދުވަހުން ފެށިގެން ބޭންކުން ވެސް ވަނީ އެ މައުލޫމާތު ފުލުހުންނާ ހިއްސާކޮށްފައި،" އޭނާ ބުންޏެވެ.

ދިވެހި ފިރިހެން މީހާ ހައްޔަރުކޮށްފައި ވަނީ މެޖިސްޓިކް ސިޓީ ކައިރީގައި ހުންނަ ޕޮލިސް ސްޓޭޝަންގައި ކަމަށް މައުލޫމާތުލިބިފައިވެ އެވެ. އެ މީހާގެ އަތުން އެއް ނަމެއްގައި ހުރި 15 ވަގު ކާޑު ފެނިފައިވާ ކަމަށް ފުލުހުންނާ ހަވާލާދީ އެ ފިހާރައިގެ ވެރިފަރާތުން ބުންޏެވެ. ނަމަވެސް އެމީހާއާ ބެހޭ މައުލޫމާތު ނުލިބެ އެވެ.

ނަމަވެސް ލަންކާގައި ހުންނަ އެމްބަސީގެ އަދި ލަންކާ ފުލުހުންގެ ބަހެއް ވެސް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.