ކަނޑުފޭރުމާއި މަނީ ލޯންޑްރިންއާ ދެކޮޅަށް ގުޅިގެން މަސައްކަތްކުރަން ސައުދީ އަރަބިއްޔާ އާއި ރާއްޖޭން އެއްބަސްވެއްޖެ އެވެ.

ދެ ގައުމުން އެކަމަށް އެއްބަސްވެފައިވާކަން ހާމަކުރީ ސައުދީ އަރަބިއްޔާގެ ކްރައުން ޕްރިންސް އަދި އެގައުމުގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރުކަމާއި ޑިފެންސް މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވި ޕްރިންސް ސަލްމާން ބިން އަޒީރު އަލް ސައުދު ރާއްޖެ އަށް ކުރެއްވަމުން ގެންދަވާ ޒިޔާރަތުގައި ދެގައުމުން ނެރުނު ގުޅިފައިވާ ބަޔާނުގަ އެވެ.

"... އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން ( އޯއައިސީ)ގެ ތެރެއިން ދެގައުމުގެ ގުޅުން އޮތުމުގެ މުހިއްމުކަން ދެގައުމުން ފާހަގަ ކުރެ އެވެ. އަދި އިސްލާމްދީނަކީ މެދުމިނާއި ކެތްތެރިކަމުގެ ދީން ކަން ވެސް ފާހަގަ ކުރެ އެވެ. އަދި ހައްދުފަހަނަ އެޅުމާއި ޓެރަރިޒަމްގެ ހުރިހާ ވައްތަރަކާ ހަނގުރާމަ ކުރަން ދެގައުމުން ތައްޔާރަށް އޮތްކަން ވެސް ފާހަގަ ކުރެ އެވެ. އަދި ކަނޑުފޭރުމާއި މަސްތުވާތަކެތީގެ ވިޔަފާރި އާއި މަނީ ލޯންޑްރިން ހުއްޓުވުމުގެ ދާއިރާގައި ސަލާމަތީ ގޮތުން ދެގައުމު ގުޅިގެން މަސައްކަތް ކުރުމުގެ މުހިއްމުކަން ވެސް ފާހަގަ ކުރެއެވެ،" ބަޔާނުގައިވެ އެވެ.

ސައުދީ އާ ރާއްޖެއާ ދެމެދު އޮތް ރަސްމީ ވާހަކަތަކުގައި ދެގައުމުގެ ދެމެދުގައި އޮތް އިގުތިސާދީ ގުޅުމާ މެދު ވެސް މަޝްވަރާ ކުރިކަމަށް ބަޔާނުގައިވެ އެވެ.

ރަސްމީ ދަތުރުފުޅެއްގައި ޕްރިންސް ސަލްމާން ރާއްޖެ އަށް ވަޑައިގެންނެވީ ހުކުރު ދުވަހު އެވެ. ރައީސުލްޖުމްހޫރިއްޔާ އަބުދުﷲ ޔާމީނާ ބައްދަލުކުރައްވައި ދެގައުމުގެ ދެމެދުގައި ރަސްމީ ވާހަކަތައް ބޭއްވެވީ ވެސް އެދުވަހު އެވެ. އެއަށް ފަހު ޕްރިންސް ސަލްމާން ރާއްޖޭގައި ޗުއްޓީ ހޭދަކުރައްވާނެ ކަމަށް ނޫސްތަކުން ވަނީ ބުނެފަ އެވެ.