މައިލޯ އިން ސްޕޮންސާ ކޮށްގެން މާދަމާ ފެށުމަށް ހަމަޖެހިފައިވާ 20 ވަނަ އިންޓަ ސުކޫލް ވޮލީ މުބާރާތުގައި 16 ސުކޫލަކުން 27 ޓީމް ބައިވެރިވެފައިވާ ކަމަށް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ބުނެފި އެވެ.

ކުޅިވަރު އެކުއެނީ އިންޑޯ ކޯޓުގައި އިއްޔެ އޮތް މުބާރާތުގެ ގުރުލުމުގެ ރަސްމިއްޔާތައްފަހު ސަންއާ ވަހަކަ ދައްކަމުން ވޮލީ އެސޯސިއޭޝަންގެ އިސް އޮފިޝަލަކު ވިދާޅުވީ، އަންހެން ކުދިންނާއި ފިރިހެން ކުދިން ވެސް ބައިވެރިވާ މި މުބާރާތުގައި އަތޮޅު ތެރޭގެ ތިން ސްކޫލަކުންނާއި މާލޭގެ 13 ސްކޫލަކުން ބައިވެރިވެފައި ވާކަމަށެވެ. އަދި މާދަމާއިން ފެށިގެން ކުރިއަށް އޮތް 15 ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިމުބާރާތުގައި ސްކޫލްތަކުން ވާދަކުރުމަށް ހަމަޖެހިފައިވާ އުމުރު ފުރާތަކަކީ 14 އަހަރުން ދަށާއި 16 އަހަރުން ދަށް އަދި 19 އަހަރުން ދަށުގެ އުމުރުފުރާގައި ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

މިއަހަރުގެ މުބާރާތުގައި 14 އަހަރުން ދަށުގެ ފިރިހެން ބައިން ވާދަކުރާ ސްކޫލް ތަކަކީ ކަލާފާން ސްކޫލާއި މުހްޔުއްދީން ސްކޫލެވެ. އަދި މިބައިގެ އަންހެން ކުދިންގެ ބައިން ވާދަކުރާ ސްކޫލްތަކަކީ ކަލާފާނާއި ގޮއިދޫ ސްކޫލާއި، އިމާދުއްދީން ސްކޫލް އަދި މުހިއްޔުއްދީން ސުކޫލެވެ.

މުބާރާތުގައި ވާދަކުރާ 16 އަހަރުން ދަށުންގެ އަންހެން ކުދިންގެ ބައިގައި ވާދަކުރާ ސްކޫލްތަކަކީ އަމީނިއްޔާ، ހިރިޔާ، މުހްޔުއްދީން، ކަލާފާން އަދި ގަލޮޅު މަދަރުސާއެވެ، އަދި މިބައިގެ ފިރިހެން ކުދިންގެ ބައިގައި ވާދަކުރާ ސްކޫލްތަކަކީ މުހްޔުއްދީން، ދަރުމަވަންތަ، ގިޔާސުއްދީން، މަޖީދިއްޔާ އަދި ކަލާފާން ސްކޫލެވެ.

މުބާރަތުގެ 19 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ބައިގައި ވާދަކުރާ ސްކޫލްތަކަކީ، ށ. އަތޮޅު ތައުލީމީ މަރުކަޒު، އަހުމަދިއްޔާ، ވިލާ، މާފުށި ސުކޫލް، މެޕްސް އަދި ގަލޮޅު މަދަރުސާ އެވެ. އަދި މިބައިގެ އަންހެން ކުދިންގެ ބައިގައި ވާދަކުރާ ސުކޫލްތަކަކީ މާފުށި ސްކޫލާއި އަހުމަދިއްޔާ، ސީއެޗްއެސްއީ އަދި ވިލާ އެވެ.