މާބަނޑު އަންހެނެއްގެ ގަޔަށް އެޗްއައިވީ ޕޮޒިޓިވް ލޭ ވަނީ އައިޖީއެމްއެޗްގެ މުވައްޒަފެއްގެ އިހުމާލުން އެޅިފަ އެވެ. ހދ. ކުޅުދުއްފުށީ ހޮސްޕިޓަލަށް ވިހަން ގެންދިޔަ ހަ ކުދިންގެ މަންމަ އަކު ސިޒޭރިއަން ހެދުމަށް ފަހު، ލޭ މަނާ ނުވެ އޮވެ ވަނީ މަރުވެފަ އެވެ. އިންތިހާ ދަރަޖައިގެ ހިތާމަވެރި މި ދެ ހާދިސާ ވެސް ހިނގީ މިދިޔަ އެއް މަސް ދުވަސް ތެރޭގަ އެވެ. މިއީ ރާއްޖޭގެ ސިއްހީ ނިޒާމްގައި އާ ކަންތައްތަކެއް ނޫނެވެ. މިފަދަ ގިނަ ހާދިސާތައް އަންނަނީ ތަކުރާރުކޮށް ހިނގަމުންނެވެ.

ރާއްޖޭގެ ސިއްހީ ނިޒާމުގައި އޮތް އެންމެ ބޮޑު މައްސަލައަކީ ފަރުވާ ކުޑަވުމެވެ. ވަސީލަތްތައް މަދުވުން ވެސް މެއެވެ. މިފަދަ މައްސަލަތަކަށް ހައްލުތައް ހޯދަން ޖެހެ އެވެ. މުޅި ރާއްޖޭގެ ސިއްހީ އޮނިގަނޑު މިވަނީ އަލުން ރިވައިސްކުރަން ޖެހިފަ އެވެ. ނޫން ނަމަ އެފަދަ ހިތާމަވެރި ކިތަންމެ ހާދިސާއެއް ތަކުރާރުވާނެ އެވެ. އެކަންކަން ހައްލުވާން އޮތީ ސިއްހީ ދާއިރާއަށް ގިނަ ހަރަދުތަކެއް ކޮށްގެނެވެ.

ސިޔާސީ ބެނުމަށް ކަންކަން ނުކުރުމާއި ވައުދު ނުވުން ކިތަންމެހާ ވެސް މުހިންމެވެ. ނަމަވެސް ރާއްޖޭގައި މުޅި އަކުން ކަންކަން ވަނީ އެ މަގަކުން ނޫނެވެ. އެންމެ ފަހުން ކުރަންޖެހޭ ކަންކަން އެންމެ ފުރަތަމަ ކުރަނީއެވެ. އޭގެ ތެރެއިން އެއް ކަމަކީ ރައީސް ނަޝީދު ތައާރަފްކުރެއްވި އާސަންދަ އެވެ. ކޮންމެ ދިވެއްސަކަށް އެއް ލައްކަ ރުފިޔާގެ ބޭސް ފަރުވާ ހިލޭ ކުރެވޭ އެނިޒާމް މިސަރުކާރުން ވަނީ ހުސްނުވާ އެއްޗަކަށް ހަދާފަ އެވެ. ނަމަވެސް ގަބޫލް ކުރަން ޖެހޭ ހަގީގަތަކީ ސިއްހީ ހިދުމަތް ހިލޭ ކުރިއިރު އެންމެ އެކަށީގެންވާ ހިދުމަތް އެދާއިރާ އިން ނުދެވޭ ކަމެވެ. އާސަންދަ ތައާރަފްކޮށް މިއަދާއި ހަމައަށް ވެސް ހިލޭ ބޭސް ފަރުވާ ކަމަށް ބުނާއިރު ރާއްޖޭގެ މަދު ހޮސްޕިޓަލްތަކުގައި ރަނގަޅު ވަސީލަތްތަކެއް ނެތެވެ.

އައިޖީއެމްއެޗްގެ ޒިންމާދާރު އިސްވެރިޔާ ޑރ. މުހައްމަދު ހަބީބު ވިދާޅުވީ ރާއްޖޭގެ ސިއްހީ ދާއިރާ ކުރިއަރުވަން ބޭނުންވާ ނަމަ ކުރިއަށް އޮތް 10 އަހަރަށް ޕްލޭން ކޮށްގެން ދިވެހިން ތަމްރީނުކުރަން ޖެހޭ ކަމަށެވެ. އެހެން ނުކުރެވިއްޖެ ނަމަ މީގެ 10 އަހަރު ފަހުން ސިއްހީ ދާއިރާ މިއަށް ވުރެ ދަށަށް ދާނެ ކަމަށާއި ނަމަވެސް އެވާހަކަދައްކާ ސިޔާސީ ޕާޓީއެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

ދެހާސް ބާރަވަނަ އަހަރުގެ ޕްލޭނިންގެ ތަފާސް ހިސާބްތަކަށް ބަލާއިރު ޖުމުލަ 275175 މީހެއްގެ ބޭސް ފަރުވާއަށް އާސަންދައިން ވަނީ 782 މިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ. ދެން އާސަންދަ ހުސްނުވީމަ ހަރަދުވާނެ ވަރު އަންދާޒާ ކޮށްލާށެވެ. މިހާރުން މިހާރަށް ބަލާއިރު އާސަންދައަށް ކުރާ ހަރަދު ސިއްހީ ދާއިރާ ކުރިއަރުވަން ބޭނުން ކުރި ނަމަ ނަތީޖާ މާ ފޮނިވާނެ ކަމަށް ބެލެވެއެވެ. ސަބަބަކީ އާސަންދާގެ ދަށުން ބޭސް ފަރުވާ ކުރަނީ ހަމައެކަނި ފަގީރުން ކަމުގައި ނުވާތީ އެވެ. އާސަންދައަށް ހަރަދުކުރާ އެފައިސާ ތަފާތު މުހިންމު މެޝިނަރީތައް ގަތުމަށާއި އިންސާނީ ވަސީލަތްތައް ކުރިއެރުވުމަށް ބޭނުން ކުރި ނަމަ ދުވަހަކުން ދުވަހެއް ސިއްހީ ދާއިރާ ކުރިއަރާނެ އެވެ. އޭރުން މިއަދު ދިމާވެގެން އުޅޭ ފަދަ ހިތާމަވެރި ކަންކަން މަދުވީހެވެ.

ރާއްޖޭގައި ސަބްސިޑީތައް ނުވަތަ އާސަންދަ ވެސް ދޭ ނިޒާމަށް ބަދަލު ގެންނަން ޖެހެއެވެ. ސަބަބަކީ އާސަންދަ ވެސް ދެނީ އެންމެ ހައްގު މީހުންނަށް އެކަނި ނޫން ވީމަ އެވެ. މަސައްކަތް ކުރެވޭ ގައިގަ އާރާއި ބާރު ހުރި ޒުވާނުންނާއި މުއްސަދިނަށް ވެސް އަދި ނިކަމެތި ފަގީރުންނަށް ވެސް އެއް ވަރަކަށް ލިބުމަކީ އެންމެ ހަމަ ގޮތް ކަމަށް ނުބެލެ އެވެ. ސަރުކާރުން އެހީއެއް ދޭންޖެހޭނީ އެފަދަ ނެތް ނިކަމެތިންނަށް އެކަންޔެވެ. ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް އަމަލުކުރަނީ އެގޮތަށެވެ.

"ރާއްޖޭގައި ސަބްސިޑީތައް(އާސަންދަފަދަ) ދިނުމުގައި މިހާރަށް ވުރެ ހަރުދަނާ ގޮތްތަކެއް ގެންގުޅެން ޖެހޭ. ރާއްޖޭގައި ސަބްސިޑީ ދެމުންދަނީ އެއަށް އެންމެ ބޭނުންވާ މީހުންނަކަށް ނޫން. އެހެންކަމުން އެކަމަށް ބަދަލުގެންނަން ޖެހޭ،" ވޯލްޑް ބޭންކް އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަ ކަންޓްރީ އިކޮނޮމިސްޓް ކްރިތިސިރީ ރާޖަތާ ވިޖެވީރާ ވިދާޅުވި އެވެ.

ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް ދިމާވާ މައްސަލަތަކަށް ބަލާއިރު ޑޮކްޓަރުން ދަތިކަމަކީ ބޮޑު މައްސަލައެކެވެ. ހެޔޮ އަގެއްގައި ތަޖުރިބާ ހުރި ޑޮކްޓަރުންނެއް ނުލިބޭނެ އެވެ. ހާއްސަ ޑޮކްޓަރުން އެއް ހޮސްޕިޓަލުން އަނެއް ހޮސްޕިޓަލަށް އޮންނަނީ އަބަދުވެސް ޓްރާންސްފާ ކުރަންޖެހިފަ އެވެ. ޑޮކްޓަރުން މަދުވުމުގެ މައްސަލަ އިންތިހާއަށް ބޮޑު ކަމަށް އައިޖީއެމްއެޗުން އަބަދުވެސް ބުނެއެވެ.

ހެލްތު މިނިސްޓްރީގެ އިސް އޮފިޝަލަކު ވިދާޅުވީ އިންޑިއާގެ ޓެކްނިކަލް މުވައްޒަފުންނަށް އައި ހެޔޮ ބަދަލުތަކުގެ ސަބަބުން ކިރިޔާ ވެސް ގޮތެއް އޮތިއްޔާ އިންޑިއާގެ ޑޮކްޓަރުން ވެސް ރާއްޖެ އަންނާކަށް ބޭނުން ނުވާ ކަމަށެވެ. އަދި މިހާރު ދޭ މުސާރައިގައި ކޮލިޓީ މީހުން އަންނަ ބޭނުންނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެހެންކަމުން އާސަންދައަށް ދައުލަތުން ކުރާ ހަރަދު ރަނގަޅު ޑޮކްޓަރުންގެ މުސާރައަށް ކުރުން ވެސް ބުއްދިވެރިކަމަށް ބެލެވެ އެވެ.

އަނެއް މައްސަލައަކީ ހޮސްޕިޓަލްތަކުގައި ފަހުގެ މެޝިނަރީތައް ނެތުމެވެ. ހޮސްޕިޓަލްތަކަށް ހަރަދު ކުރުމަށް ގިނަ ފަހަރަށް ދައުލަތަށް ކެރި ކުޅަދާނައެއްނުވެ އެވެ. ގިނަ ސިއްހީ މަރުކަޒުތަކުގައި އާދައިގެ ޓެސްޓްތައް ނުހެދޭއިރު ބައެއް ތަންތަނުގެ އިމާރާތުގެ ފެންވަރުވެސް ހުރީ އެހާ ދަށުގަ އެވެ. ބައެއް ތަންތަނުގައި އެޑްމިޓްކޮށްލާނޭ ވޯޑެއްހާ ހިސާބުވެސް ނެތްއިރު އެމްބިއުލާންސް އޮތަސް ނުވެއް ދުއްވެ އެވެ.

ހެލްތު މިނިސްޓަރު ޑރ. ޝަކީލާ ވިދާޅުވީ ރާއްޖޭގެ ސިއްޙީ ދާއިރާ އަށް ދިމާވެފައިވާ މައްސަލަތަކަކީ "އިއްޔެ މިއަދަކު ދިމަވެފައިވާ މައްސަލަތަކެއް ނޫން" ކަމަށެވެ. ރާއްޖޭގެ ސިއްޙީދާއިރާ ހަރުދަނާކޮށް ސިއްޙީ ދާއިރާ އަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމަށް ސަޕްލިމެންޓްރީ ބަޖެޓެއް މަޖިލީހަށް ހުށަހަޅައިގެން ނަމަވެސް އެ މައްސަލަތައް ހައްލު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް އެކަމަނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިތިބީ ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅައިގެން ވިޔަސް ރާއްޖޭގެ ސިއްޙީ ދާއިރާގައި ހުރި މައްސަލަތައް ހައްލު ކުރަން. އަޅުގަނޑުމެންނަށް އެ ފުރުސަތު ލިބިއްޖެ ކަމަށްވާ ނަމަ އެކަން އިރާދަކުރެއްވީއްޔާ އަޅުގަނޑު ކުރާނަން"ޝަކީލާ ވިދާޅުވި އެވެ.

އާސަންދަ ގޯހެއް ނޫނެވެ. ނަމަވެސް ހުރިހާ ރައްޔިތުންނަށް އާސަންދަ ތައާރަފް ކުރެވޭ ފެންވަރެއް އަދި މިގައުމަކުނެތެވެ. ފުރަތަމަ ކުރަންޖެހޭ ކަމަކީ ސިއްހީ ނިޒާމް ހަމަޖެއްސުމެވެ. ހަރަދު ކުރަންވީ އެކަމަށެވެ. އާސަންދައާއި އެހެނިހެން ސުކީމްތައް ތައާރަފްކުރާނީ އޭގެ ފަހުންނެވެ. މިހާރު ވެފައި އޮތް ގޮތަކީ އެންމެ ފަހުން ކުރަންޖެހޭ ކަންކަން އެންމެ ފުރަތަމަ ކުރުވިފައި ވުމެވެ. ރަނގަޅު ފަރުވާ ނުލިބޭ ނަމަ އާސަންދައިން ކުރާނެ ކަމެއް އެބަ އޮތްތޯ އެވެ؟