02 Mar 2014, 10:00
ބެއިޖިން (މާޗް 2) : ވަޅި ހިފައިގެންތިބި ބަޔަކު ޗައިނާގެ ރޭލް ސްޓޭޝަނެއްގައި ދިން ހަމަލާތަކެއްގައި 27 މީހުން މަރުވެއްޖެ އެވެ.
ޗައިނާގެ ޒިންހުވާ ނޫސް އެޖެންސީން ބުނީ ވަޅިއާއި އެނޫން ވެސް ތޫނު އެއްޗެހި ހިފައިގެންތިބި ބަޔަކު އެތަކެތިން ދިން މިހަމަލާތަކުގައި 27 މީހުން މަރާލުމުގެ އިތުރުން 109 މީހުން ޒަހަމްކޮށްލާފައިވާ ކަމުގަ އެވެ. މިހަމަލާތައް ދީފައިވަނީ ޗައިނާގެ ހުޅަނގު ދެކުނުގެ ކުންމިން ސަރަހައްދުގެ ރޭލްވޭ ސްޓޭޝަނެއްގަ އެވެ.
ރިޕޯޓްތައް ބުނާގޮތުން ވަޅިންދިން މިހަމަލާތަކުގައި މަރުވި މީހުންނާއި ޒަހަމްވީ މީހުންގެ ލެއިން އެސްޓޭޝަންގައި ވަނީ ކޯރުތައް ހެދިފަ އެވެ.
މި ހަމަލާދިން މީހުން މިކަންކޮށްފައި ވަނީ ވަކި މީހަކަށް ބެލުމެއްނެތި ޖެހުނު ގޮތަކަށް ކަމަށާއި މިއީ ބިރުވެރި ގަތުލު އާންމެއް ކަމަށް މަންޒަރު ދުށްމީހުން ބުނެ އެވެ. އަދި ހަމަލާދިން މީހުން ފިލަން މަސައްކަތްކުރުމުން ފުލުން އެމީހުންގެ ގަޔަށް ބަޑިން ހަމަލާދީފައިވާ ކަމަށް ވެސް ހަބަރުތައްބުނެ އެވެ.
ޗައިނާގެ ރަސްމީ ޓީވީން ވަނީ މިއީ ރާވައިގެން ހިންގާފައިވާ ޓެރަރިޒަމްގެ އަމަލެއް ކަމަށް ސިފަކޮށްފަ އެވެ. ނަމަވެސް މިހަމަލާގެ ބޭނުމާއި މިކަމުގެ ފަހަތުގައިވާ ބަޔަކު ނޭނގޭ ކަމަށާއި މިކަން ތަހުގީގު ކުރަމުން ގެންދާކަމަށް ޗައިނާގެ ރަސްމީ ޓީވީން ހަބަރުދެ އެވެ. (ނޫސްއެޖެންސީތައް)