02 Mar 2014, 09:52
މޮސްކޯ (ފެބްރުއަރީ 2) : ރަޝިޔާގެ އަސްކަރީ ބާރުތައް ޔުކްރޭނަށް ފޮނުވުމުގެ ހުއްދަ ރަޝިޔާގެ ޕާލަމެންޓުގެ މަތިގެކަމަށްވާ ސެނެޓުން ދިނުމާ ގުޅިގެން ޔުކްރޭންގެ ސިފައިންގެ ލަޝްކަރުތައް ތައްޔާރީ ހާލަތަށް ގެނެވިއްޖެ ކަމަށް އެގައުމުގެ ވަގުތީ ރައީސް އޮލިގްޒެންޑާ ތުރްޗިނޯވް ވިދާޅުވެއްޖެ އެވެ.
ޔުކްރޭންގެ އަމަނާބެހޭ އިސް މަސްއޫލުވެރިންނާ ބައްދަލުކުރެއްވުމަށް ފަހު އޭނާ ވިދާޅުވީ ރަޝިޔާ ސިފައިން ޔުކްރޭނަށް އަރައިގަތުމަށް ތައްޔާރުވަމުންދާ ކަމަށާއި ޔުކްރޭންގައިވާ ނިއުކްލިޔާ މަރުކަޒުތައް ފަދަ ހައްސާސީ ތަންތަނުގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށް ކުރިމަތިވެދާނެ ކޮންމެ ހާލަތަކަށް ގައުމު ތައްޔާރަށް އޮތްކަމުގަ އެވެ. ނަމަވެސް ޔުކްރޭންގެ ވަގުތީ ބޮޑު ވަޒީރު އަރްސެނީ ޝިޔަޓްސެނިއުކް ވަނީ ރަޝިޔާއާ ދެކޮޅަށް ހަނގުރާމަކުރުމުގެ ވިސްނުން ޔުކްރޭނުން ނުގެންގުޅޭ ކަމަށް ވިދާޅުވެފަ އެވެ.
ޔުކްރޭނަށް ސިފައިން ފޮނުވުމަށް ރަޝިޔާގެ ސެނެޓުން ނިންމުމާ ގުޅިގެން ކްރެމްލިން އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޔުކްރޭންގެ ރަޝިޔާ ނަސްލުގެ މީހުންނަށް ކުރިމަތިވެފައިވާ ނުރައްކާތަކުން އެމީހުން ސަލާމަތް ކުރުމަށްޓަކައި ޔުކްރޭންގެ ކްރައިމިޔާއަށް ރަޝިޔާގެ ސިފައިން ފޮނުވުމުގެ ހުއްދަ ސެނެޓުން (ރަޝިޔާގެ އިއްތިޙާދީ މަޖިލީހުން) ދިން ނަމަވެސް ޔުކްރޭނަށް ވަދެގަތުމާ މެދު ރައީސް ޕޫޓިން އަދި ވަކިގޮތެއް ނުނިންމަވާ ކަމުގަ އެވެ. ރަޝިޔާގެ މަސްލަހަތަށް ނުރައްކާވާ ނަމަ ދެގައުމުގެ ދެމެދުގައި ސޮއިކޮށްފައިވާ ދިފާއީ މުއާހަދާގެ ދަށުން ޔުކްރޭނަށް ސިފައިން ފޮނުވިދާނެ ކަމަށް ރަޝިޔާގެ ދިފާއީ ވުޒާރާއިން ބުނެފައިވެ އެވެ.
އެމެރިކާ އާއި ޔޫރަޕްގެ ބާރުތަކުން ވަނީ މިއީ ބައިނަލްއަގްވާމީ އަމަނާއި ސަލާމަތަށް ނުރައްކާވާފަދަ ނިންމުމެއް ކަމަށް ސިފަކޮށް މިކަމާބެހޭ ގޮތުން މަޝްވަރާ ކުރުމަށް އދ. ގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމަކަށް ގޮވާލާފަ އެވެ. ނަމަވެސް ބައެއް ސަބަބުތަކާ ގުޅިގެން މިބައްދަލުވުން ވަނީ ފަސްކުރެވިފަ އެވެ.
ރަޝިޔާ ދަރިކޮޅުގެ އާބާދީ ބޮޑު ޔުކްރޭނުގެ ކްރައިމިޔާ ސަރަހައްދުގެ ބޮޑުވަޒީރު ސަރްގީ އޮކްސިނޯވް ވަނީ އެސަރަހައްދަށް އަމާންކަމާއި ރައްކާތެރިކަން ގެނައުމުގައި އެހީތެރިވުމަށް ޓަކައި ރަޝިޔާގެ ސިފައިން ލަޝްކަރެއް އެސަރަހައްދަށް ފޮނުވުމަށް ރައީސް ޕޫޓިންގެ ކިބައިން އެދިވަޑައިގެންފަ އެވެ.
ޔުކްރޭނުގެ ވެރިކަން ބަދަލުކޮށްލުމަށް ފަހު އުފައްދާފައިވާ ވަގުތީ ސަރުކާރުން ބުނާގޮތުގައި ރަޝިޔާގެ ދެހާހެއްހާ ސިފައިން މިހާރުވެސް ގެންދަނީ ޔުކްރޭންގެ ކްރައިމިޔާގައި ހަރަކާތްތެރިވަމުންނެވެ. ރަޝިޔާގެ ސެނެޓްގެ ރައީސާ ވެލެންޓީނާ މެތިވެންކޯ ވިދާޅުވީ ރަޝިޔާއިން ޔުކްރޭނަށް ފޮނުވާނީ މަދުއަދަދެއްގެ ސިފައިން ކަމަށާއި މިކަމުގެ ބޭނުމަކީ ޔުކްރޭންގެ ރަޝިޔާ ދަރިކޮޅުގެ ރައްޔިތުން ހިމާޔަތްކުރުމާއި ކަޅުކަނޑުގައިވާ ރަޝިޔާގެ ކަނޑުގެ ފްލީޓް ސަލާމަތްކުރުން ކަމުގަ އެވެ.
ޔުކްރޭނަކީ ނިއުކްލިޔާ ރިއެކްޓަރުތަކާއި ނުރައްކާތެރި މާއްދާތައް ގިނައަދަދަކަށް ހުރި ގައުމަކަށްވެފައި ޔުކްރޭންގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން އެފަދަތަނަކުން ކާރިސާއެއް ކުރިމަތިވިޔަ ނުދިނުމަށްޓަކައި އެތަންތަނުގެ ސަލާމަތާއި ރައްކާތެރި ބެލެހެއްޓުމަކީވެސް ރަޝިޔާ ސިފައިން ޔުކްރޭނަށް ފޮނުވުމުގެ ބޭނުމެއް ކަމަށް އޭނާ ވިދާޅުވި އެވެ. އެމެރިކާގެ ރައީސް ބަރަކް އޮބާމާވަނީ ޔުކްރޭނަށް އަސްކަރީގޮތުން ވެދެނުގަތުމަށާ ވަދެގެންފިނަމަ ނަތީޖާ ވަރަށް ގޯސްވާނެ ކަމުގެ އިންޒާރު ރަޝިޔާއަށް ދެއްވާފަ އެވެ.
ރަޝިޔާއާއި ޔުކްރޭންގެ ގުޅުންތައް ގޯސްވެގެންދިޔައީ ހުޅަނގަށް ތާއީދުކުރާ ޔުކްރޭންގެ އިދިކޮޅު ފަރާތްތަކުން އެގައުމުގެ ރައީސް ވިކްޓާ ޔަނޮކޮވިޗްގެ ވެރިކަން މިދިޔަ ހަފްތާގައި ވައްޓާލުމާ ގުޅިގެންނެވެ. މަގާމުން ދުރުކުރި ރައީސް މިހާރު ހުންނެވީ ރަޝިޔާގައި ކަމަށް ހަބަރުތައް ބުނެއެވެ.
ރަޝިޔާގެ އަސްކަރީ ބާރުތައް ޔުކްރޭނަށް ފޮނުވުމުގެ ހުއްދަ ރަޝިޔާގެ ސެނެޓުން ދިންނަމަވެސް ދެގައުމުގެ ދެމެދުގައި ހަނގުރާމަ ހިނގުމުގެ ފުރުސަތު ބޮޑު ނޫންކަމަށް ތަޖްރިބާކާރުން ދެކެއެވެ. ޔުކްރޭނަކީވެސް އަސްކަރީ ގޮތުން ވަރަށް ވަރުގަދަ ގައުމަކަށްވެފައި ޔުކްރޭނަކީވެސް ކުރީގެ ރަޝިޔާއެކޭ އެއްގޮތަށް ކުރީގެ ސޮވިއެޓް ޔުނިޔަން ގައި ހިމެނޭ ގައުމަކަށްވާތީ ދެގައުމުގައިވެސް ހުރީ އެއްބާވަތެއްގެ އެއް ޓެކްނޮލޮޖީއެއްގެ ހަތިޔާރެވެ. ނަމަވެސް ދެގައުމުގެ މަސްރަހު ވަރަށް ނާޒުކު ކަމަށާ ކަންތައްތައްވަނީ އޮޅުންބޮޅުން ގަނޑެއްގެ ތެރޭގައި ކަމަށް މުރާސިލުން ބުނެއެވެ. (ނޫސްއެޖެންސީތައް)