ހާބަރު ކެފޭއެއް ބަންދުކޮށްފައި ހުރި ވަގުތެއްގައި ކޮފީއެއް ދިނުމަށް އެދުމުން، އެ ކަމަށް އިންކާރު ކުރި ވޭޓަރެއްގެ ބޯ ފަޅާލައި، ޒަހަމް ކޮށްލައިފި އެވެ.

އެ މާރާމާރީ ހިންގާފައި ވަނީ ރޭ ފަތިހު 4:35 އެހާކަންހާއިރު މާލޭ ހުޅަނގު ދެކުނު ހާބަރުކަޑަ ސަރަހައްދުގައި ހުންނަ "ޅިޔަނު ކެފޭ"ގައި އެވެ. މާރާމާރީގައި ޒަހަމްވެފައި ވަނީ ބަންގްލަދޭޝް މީހެކެވެ. އޭނާގެ ހާލު ސީރިއަސްއެއް ނޫނެވެ.

ފުލުހުން ބުނީ އެ މާރާމާރީ ހިންގީ ދެ މީހެއް ކަމަށެވެ. މާރާމާރީގައި ޒަހަމްވި ބިދޭސީ މީހާއަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުންދާ ކަމަށާއި އޭނާ ޒަހަމްކޮށްލި ދެ މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ކެފޭގައި މަސައްކަތް ކުރާ ވޭޓަރަކު ބުނީ ރޭ ފަތިހުގެ ވަގުތެއްގައި ދެ މީހަކު ކެފޭއަށް ވަދެ ކޮފީއެއް ދިނުމަށް "ޑިމާންޑް" ކުރުމުން ކެފޭގައި ކޭޝިއަރުކަން ވެސް ކުރާ ވޭޓަރަކު ކޮފީ ދިނުމަށް އިންކާރު ކުރުމުން މާރާމާރީ ހިންގި ކަމަށެވެ.

މާރާމާރީ ހިންގި ދެ މީހުން ކެފޭގައި ހުރި ޕްލާސްޓިކް ގޮނޑިއަކުން ޖަހައި ވޭޓަރުގެ ބޯ ފަޅާލައި، އެތަނުގައި ހުރި މޭޒާއި ގޮނޑިތައް "ފުނޑާލި" ކަމަށް ޅިޔަނު ކެފޭގައި މަސައްކަތް ކުރާ މީހާ ބުންޏެވެ.

މާރާމާރީ ހިންގިއިރު، އެ ސަރަހައްދުގައި މީހުން ވެސް އެއްވެފައި ތިއްބެވެ. ނަމަވެސް އެއްވެސް މީހަކު މާރާމާރީ ހިންގި ދެ މީހުން ހިފެހެއްޓުމަކަށް މަސައްކަތެއް ނުކުރެ އެވެ.

ކެފޭއަކަށް ވަދެ މާރާމާރީ ހިންގި ދެ މީހަކު، އެތަނުގެ ތަކެއްޗަށް ގެއްލުންދީފައި: މާރާމާރީގައި ޒަހަމްވެފައި ވަނި ބަންގްލަދޭޝް މީހެއް-- ސަން ފޮޓޯ/ ހުސައިން ހަސަން