މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ފަރާތުން މިއަހަރު ހައްޖަށް ދާން ބޭނުންވާ މީހުންނަށް މާދަމާ ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލާތީ، އިއްޔެ އިން ފެށިގެން ކިއު ހަދަން ފަށައިފި އެވެ.

ހައްޖަށް ދާން ރަޖިސްޓްރީ ކުރަން ކިއު ހަދަން ފަށާފައި ވަނީ ހައްޖަށް ދާން ބޭނުންވާ މީހުން ރަޖިސްޓްރީ ކުރުމާއި ފައިސާ ބަލައިގަތުމުގެ ކަންތައް މާދަމާއިން ފެށިގެން އަންނަ ބުދަ ދުވަހާ ހަމައަށް ދަރުބާރުގެ ފާށަނާ މާލަމުގައި ކުރިއަށްދާނެ ކަމަށް ހައްޖު ކޯޕަރޭޝަނުން އިއުލާން ކޮށްފައި ވަނިކޮށެވެ. އެ ކޯޕަރޭޝަންގެ ފަރާތުން ކުރާ ފުރަތަމަ ހައްޖު ދަތުރުގައި 370 މީހުންގެ ޖާގަ ދޫކުރާނެ އެވެ.

ހައްޖަށް ދާން ރަޖިސްޓްރީ ކުރަން ދަރުބާރު ގޭގައި ކިއު ހަދަން ފެށީ ރަޖިސްޓްރީ ކުރަން ފުރުސަތު ހުޅުވާލުމުގެ 12 ގަޑިއިރު ކުރިން މިރޭ 9:00 ޖެހިއިރު އެވެ. ކިއުގައި ޒުވާނުންނާއި މުސްކުޅިންނާއި ޖެހިފައި އެބަ ތިއްބެވެ. ދަރުބާރުގޭ ފުރިގެން ކިއު ވަނީ މަގުގައި ވެސް ހަދާފަ އެވެ. ކިއުގައި 200 އާ ކައިރި ކުރާ ވަރަށް މީހުން އެބަތިއްބެވެ. ގޮނޑި އަޅައިގެން ކިއުގައި އަންހެންވެރިން ވެސް ޖެހިފައިވާ އިރު އެ ސަރަހައްދުގެ ސަލާމަތީ ކަންތައްތައް ފުލުހުން ދަނީ ބަލަހައްޓަމުންނެވެ.

ހައްޖު ކޯޕަރޭޝަންގެ ފަރާތުން ހައްޖަށް ދާން ބޭނުންވާ ފަރާތްތަކަށް ރަޖިސްޓްރީ ކުރުމާއި ފައިސާ ބަލައިގަތުމުގެ ކަންތައް މާދަމާއިން ފެށިގެން އަންނަ ބުދަ ދުވަހުގެ ނިޔަލަށް ދަރުބާރުގޭ ފާށަނާ މާލަމުގައި ކުރިއަށްދާނެ އެވެ. ފައިސާ ބަލައިގަތުމާއި ރަޖިސްޓްރީ ކުރެވޭނީ ހެނދުނު 9:00 އިން މެންދުރު 2:00 އަށެވެ.

މިއަހަރު ހައްޖަށް ދިއުމަށް ޖާގަ ނުލިބިއްޖެނަމަ ދެން ޖެހޭނީ ވެއިޓިން ލިސްޓުގައި މަޑުކުރާށެވެ.

ހައްޖު ކޯޕަރޭޝަނުން ހައްޖަށް މީހުން ގެންދަނީ 69،965ރ. އަށެވެ. މިދިޔަ އަހަރު ޖަމާއަތްތަކުން މީހުން ހައްޖަށް ގެންގޮސްފައި ވަނީ 67،000ރ. އަށެވެ. މި އަހަރު ރާއްޖެ އަށް ލިބޭ 800 ކޯޓާގެ ތެރެއިން އަމިއްލަ ހައްޖު ކުންފުނިތަކަށް ދިނުމަށް ހަމަޖައްސާފައި ވަނީ 400 ޖާގަ އެވެ.