ތޫނުއެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލުމުން ލިބުނު އަނިޔާތަކަށް ސްރީލަންކާގެ ހޮސްޕިޓަލެއްގައި ފަރުވާ ހޯއްދެވުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު އަލްހާން ފަހުމީ މިރޭ މާލެ ވަޑައިގެންފި އެވެ.

މިރޭ 9:30 ހާއިރު މާލެވަޑައިގަތްނަމަވެސް ސިއްޙީ ހާލަތު ހުރިގޮތުން ނޫސްވެރީންނަށް މައުލޫމާތު ދެއްވާފައެއް ނުވެއެވެ. އަލްހާންގެ އާއިލާއިން ބުނީ ސިއްޙީ ހާލަތު ހުރިގޮތުން މިރޭ ނޫސްވެރީންނާ ބައްދަލު ކުރެވިފައިނުވާތީ ފަހުގެ ތާރީޚެއްގައި އޭނާ ނޫސްވެރީންނާ ބައްދަލު ކުރުމަށް ނިންމާފައިވާ ކަމަށެވެ.

ބުރަކައްޓަށް ވަޅި ހެރުމުން މައިބަދައިން ބައެއް ނެއްޓި، ނާރެއް ބުރިވުމުން ލިބުނު ޒަހަމްތަކަށް ފަރުވާ ދިނުމަށް އަލްހާން ލައްކާއަށް ގެންދިޔައީ މިދިޔަ މަހުގެ ފުރަތަމަ ދުވަހުގެ ރޭގަ އެވެ. މައިބަދައިން ނެއްޓުނު ކަށިކޮޅުގެ ބަދަލުގައި އާޓިފިޝަލް ކަށިކޮޅެއްގެ އެހީގައި "ރިކަވާ ވަމުންދާ" އަލްހާން ހޮސްޕިޓަލުގައި އޮންނަތާ 20 ދުވަސްފަހުން އޭނާ ދޫކޮށްލީ މިދިޔަ މަހުގެ 21 ވަނަ ދުވަހު އެވެ.

ހޮސްޕިޓަލުން، ދޫކޮށްލުމުން އަލްހާން މިހާރު ހިނގަނީ އަސައެއްގެ އެހީގައެވެ. ކުރިން އަލްހާން ވިދާޅުވެފައި ވަނީ "ދަނޑިބުރިއެއް"ގެ އެހީގައި ކޮޅަށް ހުރެވުނަސް، ކަނައަތު ފައިގެ ވާގި ނެތުމުން އަދި ހިނގައި ނުގަނެވޭ ކަމަށެވެ.

އަލްހާނަށް ހަމަލާދިން ކަމުގެ ތުހުމަތުގައި ދެ މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. އެ ދެ މީހުންނަކީ ޏ. ފުވައްމުލައް ދަނޑިމަގު ޝައިނީ މުހައްމަދު ސިމާހު އާއި ސ. ހިތަދޫ އުލްފާ މަންޒިލް މުހައްމަދު ނަސީމެވެ.