01 Mar 2014, 22:10
ގ. މަސްއޮޑިގެއިން މިއަދު ހެނދުނު ހައްޔަރުކުރި 18 މީހުންގެ ތެރެއިން 16 މީހަކީ އެގެއަށް މަސްތުވާތަކެތި ގަންނަ ގޮސްތިބި ކަމަށް ތުހުމަތު ކުރެވިގެން ހައްޔަރުކުރި މީހުން ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު މިރޭ ވިދާޅުވީ މަސްތުވާތަކެތި ގަންނަން ގޮސްތިބި ކަމަށް ތުހުމަތު ކުރެވިގެން ހައްޔަރު ކުރި 16 މީހުންނަކީ ވެސް މަސްތުވާތަކެތީގެ ކުށުގެ ރިކޯޑް އޮންނަ ބައެއް ކަމަށާއި އެ މީހުން ހައްޔަރު ކުރި އިރުވެސް ތިބީ މަސްތުގެ ހާލަތުގައި ކަމަށެވެ. އަދި އެ 16 މީހުންގެ ތެރޭގައި ހިމެނޭ އަންހެން މީހާއަކީ ވައްކަމުގެ ތަފާތު ދެ މައްސަލައެއްގައި 2010 ވަނަ އަހަރާއި 2011 ވަނަ އަހަރު ހުކުމްކޮށްފައިވާ މީހެއް ކަމަށް ވެސް ފުލުހުންގެ އޮފިޝަލު ވިދާޅުވި އެވެ.
އޮފިޝަލު ވިދާޅުވީ މަސްއޮޑިގެއިން މިއަދު ހައްޔަރު ކުރި 18 މީހުންގެ ތެރޭގައި ހިމެނޭ 22 އަހަރުގެ ފިރިހެނަކާއި 50 އަހަރުގެ އަންހެނަކީ މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގައި އަމަލީ ގޮތުން ބައިވެރިވާ ކަމަށް ތުހުމަތުކުރެވޭ ދެ މީހުން ކަމަށެވެ. އަދި އެ ދެ މީހުންގެ ތެރޭގައި ހިމެނޭ 22 އަހަރުގެ ފިރިހެން މީހާއަކީ މަސްތުވާތަކެތީގެ ކުށުގެ އިތުރުން މާލެތެރޭގައި ގްރޫޕްހަދައިގެން މާރާމާރީ ހިންގުންފަދަ ބޮޑެތި ކުށްތަކުގެ ރެކޯޑް އޮންނަ މީހެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.
މިއަދު ހެނދުނުން ފެށިގެން ފުލުހުންގެ އެގޭގައި ހިންގި ހާއްސަ އޮޕަރޭޝަންގައި މިހާތަނަށް މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ހެރޮއިން ކަމަށް ތުހުމަތު ކުރެވޭ 31 ރަބަރު ޕެކެޓާއި 100،000 އަށްވުރެ ގިނަ ދިވެހި ރުފިޔާގެ ފެނިފައިވާއިރު ބޭރު ފައިސާ ވެސް ވަނީ އެގެއިން ފެނިފަ އެވެ. މީގެ އިތުރުން މަސްތުވާތަކެތި ބަންދު ކުރަން ބޭނުންކުރާ ބައެއް އާލަތްތައް ވެސް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މަސްއޮޑިގެއިން މިއަދު ހައްޔަރުކުރި މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ ހަތް ދުވަހުގެ ބަންދެއް ޖަހައިދީފަ އެވެ.