ކަނޑުއޮތްގިރިއަކީ ހަމައެކަނި މަސްވެރިން މަސްކިރާތަނެއްގެ ބަދަލުގައި މަސްވެރިންނަށް ބޭނުންވާ އަސާސީ ތަކެތި ލިބޭނެތަނަކަށް ހައްދަވައި ދެއްވާނެކަމަށް މިފްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ބުންޔާމީން ވިދާޅުވެއްޖެ އެވެ.

މިފްކޯއާއި މަސްވެރިންނާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި އިއްޔެ ހަވީރު މިފްކޯގައި ބޭއްވި ބައްދަލުވުމެއްގައި މަސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ބުންޔާމީން ވިދާޅުވީ މަސްވެރިންނަށް ދެވޭ ހިދުމަތްތަށް އިތުރަށް ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތަކެއް އެ ކުންފުނިން ކުރައްވާނޭ ކަމަށެވެ.

"ކަނޑުއޮތްގިރިއަކީ މަސްވެރިންނަށް ހިތްފަސޭހަ ތަނަކަށް ހެދުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރެވިގެންދާނެ. އެގޮތުން ކުރިޔަށް އޮތް 10 ދުވަސްތެރޭގައި އެތަނުން އަސާސީ ހިދުމަތްތަކާއި މަސްވެރިންނަށް ހާއްސަ ކެފޭ އަކާއި ފިހާރައެއް ހުޅުވޭނެ." ބުންޔާމީން ވިދާޅުވި އެވެ.

މިފްކޯއާއި މަސްވެރިންނަކީ ޒަމާނުއްސުރެ ވަރަށް ގާތުން މަސައްކަތް ކުރަމުންދިޔަ ބައެއްކަން ފާހަގަކުރައްވައި ބުންޔާމީން ވިދާޅުވީ، އެ ގާތްކަމަށް އެކިއެކި ސަބަބުތަކާހުރެ ހީނަރުކަން އައިސްފައިވާ ކަމަށާއި އެ ކުންފުނީގެ އަމާޒަކީ ކުރީގައި މަސްވެރިން ކުރި އިތުބާރު އިއާދަ ކުރުން ކަމަށެވެ. އެގޮތުން ކުރީގައި އެކިއެކި މާކެޓްތަކުގައި އޮތް މިފްކޯގެ ބޭންޑް އަލުން މަޝްހޫރުކުރަން ޖެހޭކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"މަސްވެރިންނަށް ރަނގަޅު އަގު ހޯދައިދިނުން އެއީ އަޅުގަނޑުމެންގެ ޒިންމާއެއް. އަޅުގަނޑުމެންގެ ޒިންމާ އަދާނުކުރެވޭތާ ވަރަށް ގިނަދުވަސްވެއްޖެ. އެހެންވީމާ މި ޒިންމާ އަދާކުރެވޭތޯ ވަރަށް މަސައްކަތް ކުރާނަން،" ބުންޔާމީން ވިދާޅުވި އެވެ.

އެ ބައްދަލުވުމުގައި ބައިވެރިވި މަސްވެރި ކެޔޮޅެއް ވިދާޅުވީ މިފްކޯގެ އަމާޒަށް ވާސިލްވުމަށްޓަކައި މަސްވެރިންގެ ފަރާތުން ފުރިހަމަ އެއްބާރުލުން ދެއްވާނޭކަމަށެވެ.