މިމަހުގެ 22 ގައި ބާއްވާ މަޖިލިސް އިންތިހާބުގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރަޖިސްޓްރީ ވުމަށް ހުޅުވާލި ފުރުސަތުގައި މައްސަލަ ހުރެގެން އަނބުރާ ފޮނުވާލި ފޯމްތައް އިސްލާހު ކުރުމަށް އެއް ދުވަހުގެ މުއްދަތެއް އިލެކްޝަން ކޮމިޝަނުން ދީފި އެވެ.

އިލެކްޝަން ކޮމިޝަނުން ބުނީ ރަޖިސްޓްރީ ވުމަށް އިއްޔެގެ ނިޔަލަށް ހުޅުވާލި ފުރުސަތުގައި އެއްވެސް ސަބަބަކާ ހުރެ ރަޖިސްޓްރީ ނުކޮށް އަނބުރާ ފޮނުވާލެވިފައިވާ ފޯމުތައް އިސްލާހްކުރުމަށް ފަހު، އަލުން ހުށަހަޅުމުގެ މުއްދަތު ހުޅުވާލާފައި ވަނީ އަންނަ ހޯމަ ދުވަހު ކަމަށެވެ.

އެގޮތުން އެދުވަހުގެ ހެނދުނު 10:00 އިން ހަވީރު 4:00 އަކަށް މައްސަލަ ހުރި ފޯމްތައް މަޖިލީހުގެ އިންތިހާބުގެ ރަޖިސްޓްރޭޝަނާއި ބެހޭ މައި މަރުކަޒުންނާއި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ ރަށު ކައުންސިލް އިދާރާތަކުންނާއި އައްޑޫ ސިޓީ ކައުންސިލްގެ އަވަށު އޮފީސްތަކުން ބަލައިގަންނާނެ ކަމަށެވެ.

މީގެ އިތުރުން ރާއްޖޭން ބޭރުގައި ވޯޓު ފޮށިތައް ބެހެއްޓުމަށް އިއުލާން ކުރެވިފައިވާ ތަންތަނުގެ ޑިޕްލޮމެޓިކް އޮފީސްތަކުން ވެސް އެ ދުވަހު ފޯމްތައް ބަލައިގަންނާނެ ކަމަށް އެ ކޮމިޝަނުން މައުލޫމާތު ދެ އެވެ.

މި މަހު ބާއްވާ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށް 45،000 އަށްވުރެ ގިނަ މީހުން ރީ ރެޖިސްޓްރީކޮށްފައިވެ އެވެ.