01 Mar 2014, 14:54
ކ. ގުޅީ ބޯޓު ޔާޑުގައި އެހެލާފައި އޮތް ލޯންޗެއް ފުރޮޅާލައިގެން ހިނގި ހާދިސާއެއްގައި މީހަކު މަރުވެއްޖެ އެވެ.
ސަން އަށް މައުލޫމާތު ދެމުން އެ ރަށު ބޯޓު ޔާޑުގައި މަސައްކަތް ކުރަމުން ދިޔަ އިސްމާއިލް ބުނީ މިއަދު ހެނދުނު ގާތްގަނޑަކަށް 9:30 އެހާކަންހާ އިރު ހިނގި އެ ހާދިސާގައި މަރުވެފައިވަނީ ދިވެހި ފިރިހެނެއް ކަމަށާއި އެ ހާދިސާ ހިންގުމާ ގުޅިގެން އޭނާ ވަގުތުން ލޯންޗެއްގައި މާލެ ގެންގޮސްފައިވާ ކަމަށެވެ.
އައިޖީއެމްއެޗުން ބުނީ 40 އަހަރުގެ އެ މީހާ މަރުވެފައި ވަނީ މިއަދު ހެނދުނު 10:15 އެހާކަންހާއިރު އައިޖީއެމްއެޗަށް ގެނެސް ފަރުވާދެމުން ގެންދަނިކޮށް 12:45 އެހާކަންހާއިރު ކަމަށެވެ. ނަމަވެސް އާއިލާއިން ބޭނުންނުވާތީވެ އެމީހާއާ ބެހޭ އިތުރު ތަފްސީލެއް އައިޖީއެމްއެޗުން ނުދެ އެވެ.
އިސްމާއިލް ބުނީ އެ ހާދިސާ ހިންގަން މެދުވެރިވީ، އަމިއްލައަށް ލޯންޗުގެ ދިރުބާ ކޮޅުގައި ޖެކެއް ޖަހައިގެން ހިއްލަން އުޅުމުގެ ތެރޭގައި ޖެކު ނައްޓައިގެން ގޮސް ލޯންޗު އަރިއަޅައިލައިގެން ކަމަށެވެ. އަދި ލޯންޗު ކަހާލައިގެން ގޮސް އޭނާގެ ފައިމަތީގައި ޖެހުމުން ކަކުލާ ހަމައިން ފައި ބުރިވެފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.
"އަޅުނގަޑުމެން އޭނަ ކައިރީގައި ބުނީ އެވަގުތު އެހެން އޮޑިއެއް އެހެލަމުން ދާތީ، އެ އޮޑި އެހެލާލާފައި މިދަނީ އޭ އެއެއްޗެހި ނައްޓާލަދޭން. އެހެންބުނީމާ އޭނާ އަށް އެވަރު ލަސްވާތީ އޭނަ ބުނީ އޭނަ އަމިއްލަ އަށް އެކަން ކޮށްލަފާނަމޭ. ދެން އަޅުނގަޑުމެން ބުނިން ސަލާމަތީ ހުރިހާ ކަމެއް އަޅައިގެން ކުރައްޗޭ." އޭނާ ކިޔައި ދިނެވެ.