ސައުދީ އަރަބިއްޔާގެ ކްރައުން ޕްރިންސް ސަލްމާން ބިން އަބުދުއް އަޒީޒު އަލް ސައުދުގެ ޒަކާތުގެ ފަންޑުން ރާއްޖެ އަށް އެއް މިލިއަން ޑޮލަރު ދެއްވައި، 10 މިސްކިތް އަޅައިދެއްވުމަށް ނިންމަވައިފި އެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ މިގޮތަށް ނިންމަވާފައި ވަނީ ރާއްޖެ އަށް މިހާރު ވަޑައިގެން އުޅުއްވާ ސައުދީ ވަލީ އަހުދުއާ އިސްލާމިކް މިނިސްޓަރު އައްޝައިހު މުހައްމަދު ޝަހީމް އަލީ ސަޢީދު މިއަދު ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ކަމަށެވެ.

ސައުދީ ވަލީ އަހުދު ރާއްޖެއަށް ދެއްވުމަށް ހަމަޖެހިފައިވާ އެއް މިލިއަން ޑޮލަރަކީ އިސްލާމީ އައުގާފަށް ހަދިޔާ ކުރައްވަން ދެއްވާ ފައިސާ އެއް ކަމަށާއި ރާއްޖޭގައި ދިހަ މިސްކިތް އަޅައިދެއްވުމަށް ހަމަޖެހިފައި ވަނީ އެމަނިކުފާނުގެ އަމިއްލަފުޅު ހަރުދުގައި ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

ސައުދީގެ ވަލީއަހުދާ އެކު އިސްލާމިކް މިނިސްޓަރު މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައި ރާއްޖެއަކީ ދީނީ ގޮތުންނާއި ސަގާފީ ގޮތުން ސައުދީ އަރަބިއްޔާއާ ވަރަށް ގާތްގުޅުމެއް އޮންނަ ގައުމެއް ކަން ފާހަގަކުރައްވައި، ރާއްޖޭގެ އިސްލާމީ ޝަހުސިއްޔަތު ދެމެހެއްޓެވުމަށް ޓަކައި ކުރެވޭ މަސައްކަތްތަކުގައި ސައުދީ އަރަބިއްޔާގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންފުޅުވާ ކަމަށް ޝަހީމް ވިދާޅުވި އެވެ.

މީގެއިތުރުން ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު، ރާއްޖެ އަށް އެތަށް ގޮތަކުން ގޮންޖެހުންތައް ކުރިމަތިވެފައިވާ ކަމަށާއި ރާއްޖޭގެ ހުރިހާ ދާއިރާއަކުން ތަރައްގީއަށް ކުރައްވާ މަސައްކަތްޕުޅުގައި ވަލީއަހުދާއި ސައުދީ އަރަބިއްޔާގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންފުޅުވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެ ބައްދަލުކުރެއްވުމުގައި ވަލީއަހުދު ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ އެންމެހާ ކަންކަމުގައި ވެސް އެހީތެރިކަން ދެއްވާނެ ކަމަށް ވިދާޅުވި އެވެ. އަދި ރާއްޖެއާ މެދު ވަރަށް ހާއްސަ ނަޒަރަކުން ދެކިވަޑައިގެންނަވާ ކަމަށް ވެސް ވިދާޅުވި އެވެ. އަދި ރާއްޖެ އިން ބޭނުންވި ކޮންމެ ކަމެއްގައި ސައުދީން އެހީތެރިކަން ދެއްވާނެ ކަމުގެ ޔަގީންކަން ވަލީ އަހުދު ދެއްވި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ވަލީއަހުދުގެ އަމިއްލަފުޅު ހަރަދުގައި އަޅައިދެއްވުމަށް ހަމަޖެހިފައިވާ މި 10 މިސްކިތް އަޅާނީ އެ މިނިސްްޓްރީން ކަނޑައަޅާ ތަންތަނުގައި ކަމަށެވެ.