ކޯރަމް ހަމަނުވެގެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފަސްކުރުމަށް ފަހު 9:25 ގައި ޖަލްސާ އަލުން ފައްޓައިފި އެވެ.


ޖަލްސާ ފައްޓާ ގަޑި ފަސްކޮށް އަލުން ޖަލްސާ މި ފެއްޓީ ކޯރަމް ރަނގަބީލު ޖެހުމުން ވެސް 9:00ގައި ޖަލްސާ ފެށުމަށް ބޭނުންވާ އަދަދަށް މެންބަރުން ހާޒިރުވެ ވަޑައިނުގެންނެވުމުން، ޖަލްސާ ފަސްކުރެއްވުމަށް ފަހު އެވެ.


މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދު ވިދާޅުވީ، ކޯރަމް ހަމަނުވުމުން ޖަލްސާ އެހެން ގަޑިއަކަށް ފަސް ކުރުމުގެ ބާރު މަޖިލީހުގެ ރައީސަށް ލިބިގެންވާ ކަމަށާއި އެހެންކަމުން 9:25 ގައި ޖަލްސާ ފެށުމަށް ހަމަޖެއްސެވީ ކަމަށެވެ. އަދި އެގަޑިއަށް ޖަލްސާ ފެށުމަށް ބޭނުންވާ އަދަދަށް މެންބަރުން ވަޑައިގަތުމަށް ވެސް ޝާހިދު އެދިވަޑައިގެންނެވި އެވެ.


އިއްޔެއެކޭ ވެސް އެއްގޮތަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ވެސް އެޖެންޑާކޮށްފައި ވަނީ ދައުލަތުގެ ބަޖެޓް ބަހުސް ކުރިއަށް ގެންދިއުމަށެވެ. ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ވެސް ބަޖެޓަށް ބަހުސް ކުރައްވާނެ މެންބަރަކު ނެތިގެން ހަވީރު ފަހެއްޖަހާކަންހާއިރު ޖަލްސާވަނީ ނިންމަވާލެއްވި އެވެ. އަދި އިއްޔެގެ ޖަލްސާގައި ވެސް ކޯރަމްގެ މައްސަލަ ދިމާވެގެން ދޭތެރެ ދޭތެރެއިން ޖަލްސާމެދުކަނޑާލަން ޖެހުނެވެ.


ޝާހިދު ވިދާޅުވީ، އިއްޔެގެ ޖަލްސާއެކޭ އެއްގޮތަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ވެސް ކުރިއަށްގެންދިއުމަށް ހަމަޖެހިފައި ވަނީ ތިން ދަންފަޅިއަކަށް ބަހާލައިގެން އިރުއޮއްސި 6:00 އަށް ކަމަށެވެ.