01 Mar 2014, 13:32
ރެއާލް މެޑްރިޑްގެ ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ، އެ ކުލަބާއި ގުޅުމުގެ ކުރިން ވާދަވެރި ބާސެލޯނާ އާއި ގުޅުމަށް ފުރުސަތެއް ލިބުނު ނަމަވެސް ރޮނާލްޑޯ އެ ފުރުސަތު އޭނާ ދޫކޮށްލި ކަމުގައި ކުރީގެ މެޑްރިޑް ރައީސް ރަމޮން ކަލްޑެރޮން ބުނެފި އެވެ.
މެންޗެސްޓާ ޔުނައިޓެޑުން 2009 ވަނަ އަހަރު 94 މިލިއަން ޔޫރޯ އަށް މެޑްރިޑާއި ގުޅުމަށް ފަހު، ރޮނާލްޑޯ ވަނީ ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ. އެގޮތުން އެންމެ ފާހަގަ ކޮށްލެވެނީ މެޑްރިޑަށާއި ޕޯޗުގަލް ގައުމީ ޓީމަށް ދެއްކި މޮޅު ކުޅުމާއެކު މިދިޔަ އަހަރު ހޯދި ފީފާ ބެލޮންޑިއޯ އެވޯޑެވެ.
ކުރީގެ ޔުނައިޓެޑްގެ ކޯޗު ސާ އެލެކްސް ފާގަސަން، ރޮނާލްޑޯ ބާސާ އަށް ފޮނުވާލަން މަސައްކަތް ކުރި ކަމަށް ވިޔަސް، ރޮނާލްޑޯ ބޭނުންވީ މެޑްރިޑާއި ގުޅެން ކަމަށް ކަލްޑެރޮން ބުނެފައިވެ އެވެ.
"ބާސާ އަށް ރޮނާލްޑޯ އަށް ފޮނުވަން ފާގަސަން މަސައްކަތްކުރި. އޭރު މެޑްރިޑަށް ރޮނާލްޑޯ ފޮނުވަން ފާގަސަން ބޭނުމެއް ނުވި." ކަލްޑެރޮން ބުންޏެވެ. "މިކަމާ ހުރެ ބާސާ އިން ހުރީ އުފަލުން، ނަމަވެސް އޭނާ ރެއާލް މެޑްރިޑް ނޫން އެހެން ކްލަބަކާ ގުޅެން ބޭނުންވާ ނުވާ ކަމަށް ބުނި. އަހަރެމެން ރޮނާލްޑޯ ހޯދީ އެހެންވެ. މި ނިންމުމާއި މެދު އެންމެންވެސް ހުރީ ހިތްހަމަޖެހިފައި. ޔުނައިޓެޑަށް 94 މިލިޔަން ޔޫރޯ ލިބުނު، މެޑްރިޑަށް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ލިބުނު."
މި ސީޒަނުގައި މެޑްރިޑަށް ރޮނާލްޑޯ ކުޅުނު 21 ސްޕެނިޝް ލަލީގާ މެޗުން 22 ގޯލް ކާމިޔާބު ކޮށްދީފައިވެ އެވެ. ކަލްޑެރޮން ބުނީ، އެހެން ކުޅުންތެރިންނާއި ރޮނާލްޑޯ ތަފާތު ވަނީ އޭނާގެ ބުރަ މަސައްކަތުގެ ސަބަބުން ކަމަށެވެ.
"ރޮނާލްޑޯ އަކީ އެންމެ މޮޅު ކުޅުންތެރިންގެ ތެރެއިން އެންމެ މޮޅު ކުޅުންތެރިޔާ." ކަލްޑެރޮން ބުންޏެވެ. "ކޮންމެ ދުވަހަކު ވެސް އޭނާ މަސައްކަތް ކުރަނީ އިތުރަށް މޮޅުވުމަށް. ރޮނާލްޑޯ އަކީ ތަފާތު ކުޅުންތެރިއަކަށް ވަނީ އެހެންވެ."